ދިވެހި ރާއްޖެއަކީ އިންޑިއާ ކަނޑުގައި އުފެދިފައިވާ ރަން މުތީތަކެއް ފަދަ ގައުމެކެވެ. 100 އެތަކެއް ރަށެއްގެ މައްޗަށް އެކުލެވޭ މި ޖަޒީރާ ގައުމަކީ ދުނިޔޭގައި ވާ ސައްތައިން ސައްތަ މުސްލިމު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. މިއީ އެކަމަކަށްޓަކައި އަޅުގަނޑުމެން ފަހުރުވެރިވާން ޖެހޭވަރުގެ ކަމެކެވެ. ނަމަވެސް ފަރުދާގެ އަނެއް ފަރާތުގައި ވާ ބާރުގަދަ ތޫފާނަށް އެބަ ނަޒަރު ހިންގާލަން ޖެހެއެވެ. އެތޫފާނުގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން މިދަނީ ދިވެހި ގައުމުތަކަށް ކުރަމުންނެވެ.

ދަންނަވާލަން މިއުޅޭ ވާހަކައަކީ މި ކުޑަކުޑަ މުޖުތަމަޢުގައި މާރާމާތީއާއި މީހުން މެރުން އާންމުވެފައިވާ ވާހަކައެވެ. މާރާމާރީއާއި މީހުން މެރުމުގެ އިސް ސަފުގައި ކުޑަކުދިން ތިބުމަކީވެސް މިއަދު ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. ރާއްޖޭގައި ގޭންގްތަށް އުފެދިގެން އައީ 1995 ގެ ފަހުންނެވެ. އެއިރު މާލޭގެ އަވަށްތަކުގެ މީހުންގެ މެދުގައި ވާދަވެރިކަން އުފެދި އެއް ބައެއް އަނެއް ބަޔަކަށް ހަސަދަލުމާއި ރާއްޖެ ތެރެއިން މާލެ މީހުން ހިޖުރަ ކުރުން ވެގެން ދިޔައީ މާލޭގައި ގޭންގުތައް އުފެދުމުގެ އަސްލު ކަމުގައެވެ.

މިއަދު މާލޭގެ ކޮންމެ ކަންމައްޗަކުން ބަލާލިޔަސް ގޭންގްތަށް ފެނެއެވެ. އެކި ނަން ނަން ކިޔާ އެކި ޒާތުގެ މީހުން އުޅޭ ގޭންގް ތަކެވެ. ގޭންގްތަށް ދުވަހަކަށް ވުރެއް ދުވަހެއް އިތުރުވަމުން ދާއިރު ގޭންގްތަކަށް ނިސްބަތްވާ ކުޑަކުދިންގެ އަދަދުވެސް މިދަނީ އިތުރުވަމުންނެވެ. ލޮނާއި ހަކުރާއި ވަކިކުރަން ނޭނގޭ ވަރުގެ ކުޑަކުދިން މާލޭގެ މަގުތަކަށް ގިނަވެ އާންމު ނަމުންނަމަ " ގަޓު" ވެލާފައި އުޅޭއިރު މި ކުދިން ލައްވާ ކުރުވާ ކުށްތަށް މިދަނީ އިތުރުވަމުންވެ. މީހުން މެރުމުގެ އިސް ސަފުގައިވެސް ކުޑަކުދިންނެވެ. މާރާމާރީއެއްވިޔަސް ކުޑަކުދިންނެވެ.

ކުރު ގޮތަކަށް ބުނާ ނަމަ ގޭންގް ތަކުގެ ރަސްކަން އަދު މިކުރަނީ ކިރުތުބުން ނުވީއްލޭވަރުގެ ކުޑަކުދިންނެވެ. މިއީ ހެވިފައި މަންޒަރު ބަލަން ތިބެވޭ ވަރަށް ވުރެއް ސީރިއަސް މައްސަލައެވެ. ދިވެހި ރާއްޖޭގެ މާދަމާގެ ކުރިމަގުކަމުގައިވާ އަދުގެ ޅަޖީލު މަގުފުރެދި ކުށްތަކަށް އަރައިގަނެ ޒުވާން އުމުރު ޖަލުގެ ކުޑަގޮޅީގައި އޮންނަން ޖެހުން ވެގެންދާނީ ހަމަ ޔަޤީނުންވެސް ޤައުމުގެ ކުރިމަކަށް އެޅޭ ކަޅު ހިޔަންޏަކަށެވެ. ކުޑަކުދިން މާރާމާތީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާއިރު އެކަމުގައި އިހުމާލު ވަނީ ކޮންބަޔެއްޔެވެ؟

މިއީ މިއަދު ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެއްކަން ކަށަވަރެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންނާއި ބެލެނިވެރިންނާ މުދައްރިސުންގެ ޒިންމާއެކެވެ. އެހެންކަމުން އެފަރާތްތަށް ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ވުމަކީ ކުޑަކުދިން މަގުތަކަށް ގިނަވެ ލާހޫރޭ ހެދިގެން އުޅުމުގެ އަސްލެވެ.

އަދި މައިންބަފައިންގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އަޅާލުން ނުލިބޭނަމަ ވެސް ކުދިން މަގުތަކަށް ގިނަވެއެވެ. މީގެ އިތުރުން ބައެއް ފަހަރު ގޯސް ރަހުމަތްތެރިންނާއި ޖެހި އަހިވަހަކާއި އަހިވަކެއް ޖެހި ފީވާ ބީދައިން ކަންތަށްވެ ދެއެވެ. ކަންމިހެން ހުރުމުން އަޅުގަނޑުމެންގެ ޅަޖީލު ހަލާކުގެ ތެރެއިން ސަލާމަތުގެ އައްސޭރިއަށް ގެންދިޔުމަށް އަޅުގަނޑުމެން އެންމެން އެކަތި ގަނޑަކަށްވާން އެބަޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްޓާކީނި

    މީރާ މީހުން ޖެހޭނެ މިކަންކަމުގެ ޒިންމާ ނަގަން

  2. ވިސްނާ

    ތިމާމެންގެ ކިބައިގައި ޢަދުލު އިންޞާފު ނެތުނީމާ އަތްފައިން ގޯސްވެސް ހެދޭނެއެވެ. ދޭދޭފަރުދުންގެ މެދުގައި މައްސަލަ ޖެހުމުން އެކަމަށް ޙައްލު ހޯދުމުގައި ޢަދުލު އިންސާފުން ބޭރުވީމާ މުޖުތަމައުގެ އަމާން ކަމެއް ނޯންނާނެއެވެ. މިކަމުގައި އަޅުގަނޑުވެސް ހިމެނޭގޮތުން އެންމެ ބޮޑުމީހާ އިން ފެށިގެން އެންމެ ކުޑަމީހާއާ ހަމަޔަށް އިހުމާލު އެބައޮތެވެ.

  3. އައިސް

    ބަޔަކު ނުވާތީ ކުދިން ގެންދަނީ ބޯގިނަކުރަން