މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެންވެސް ޢިލްމު އުނގެނުމަށް އަޅުގަނޑުމެންގެ މި މާތް ވެގެންވާ އިސްލާމް ދީން ބާރު އަޅާފައިތީ، ގިނަ ބަޔަކު މިކަމުގައި މަސްޢޫލުވެ އުޅޭތަން ފެނެއެވެ. ގުދާރު ބިނދޭވަރަށް މަސައްކަތްކޮށްގެން ހޯދާ ލާރި ކޮޅު މަޖަލުގައި ހުސް ކޮށްލުމަށް ވުރެ، ކިޔެވުން ފަދަ މަތިވެރި ކަމަކަށް ޚަރަދުކޮށް މުޅީން އައު ޢިލުމެއް އުނގެނުމަކީ މުސްލިމަކަށްވެ ހުރެ، ކޮންމެ ފަރުދަކުމެ ކުރުން އެދެވިގެންވާ ކަމަކަށް ވާތީވެސް މެއެވެ.

އުފަލާއެކު ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ، އަޅުގަނޑުމެންގެ ދިވެހީންގެ ތެރޭގައި ޢިލްމަށް ލޯބިކުރާ ޢިލްމު އުނގެނި، އުނގަންނައިދީ އަދި ކުރިއަރުވަން މަސައްކަތް ކުރާ ދިވެހީން، އަދަދު ނުކުރެވޭހައި ގިނަ ކަމެވެ. އެއީ ފޮރެންސިކް ޢިލްމަކަސް، ސައިންސް ޢިލްމަކަސް ވެހެވެ. ޚާއްސަ ގޮތެއްގައި މިހާރަކަށް އައިސް ތަފާތު ޢިލްމުތައް އުނގެނުން މިވަނީ ދިވެހިންގެ ތެރޭގައި އާންމު ކަމަކަށްވެފައެވެ. އެއް ދާއިރާއިން ކިޔަވައިގެން ހިތްހިމަ ނުޖެހި، އެހެން ދާއިރާ ތަކުން ވެސް ކިޔަވާ ހިތުން ދެ ފައި އެއްތާކު ނުޖެހިގެން އުޅޭ ދިވެހިންވެސް ވަކި މަދެއް ނޫނެވެ. ލިބޭ ލާރީގެ ބޮޑުބައި ކޯސް ފީ ދެއްކުމަށާއި އެފަދަ ކިޔެވުމާއި ގުޅޭ އެހެނިހެން ކަންކަމަށް ޚަރަދު ކުރާކަމީ މިކަމުގެ އަލިގަދަ ހެއްކެކެވެ. އަދި ހަމަ އެހެންމެ، އެއް ކޯހުގައި އުޅެމުން އެހެން ދާއިރާއެއްގެ ކޯހެއްގައި ކިޔަވާ ދަރިވަރުން ވެސް އުޅޭ ކަމީ، ޢިލްމު އުނގެނުމަށް ހީވާގިވެސް ވާން ޖެހޭނެ ކަމުގެ ހެއްކެކެވެ. އެއީ، ސައުވީސް ގަޑިއިރު ތެރޭން، ވަޒީފާ އަދާކޮށް ނިންމާފައި ބާކީ ބޮޑުބައި މަޖަލާއި ސަކަރާތުގައި ހޭދަ ނުކޮށް، ކިޔެވުމުގައި ހޭދަ ކުރާތީ އެވެ.

ކޮންމެއަކަސް، ހަމަ އެކަނި ކިޔަވައިގެން އަދި ވާކަށް ނެތެވެ. ކިޔަވަނީ އަޅުކަމެއް ކަމުގައި ވާތީ ކަމުގައި ވާނަމަ، އޭގެ ނަފާ ވާނީ، ދީނުގައިވާ ފަދައިން ކިޔެވި އެއްޗެއްގެ ބޭނުންވެސް ހިފައިގެންނެވެ. މާނައަކީ ބަހާއި ޢަމަލުން އެކަން ދައްކައިގެންނެވެ. ނަމަވެސް، މިއަދުގެ މުޖުތަމައުގައި ކަން ވަމުން މިދަނީ އެންމެ ވުން އެކަށޭނަ ގޮތަަށް ހެއްޔެވެ؟ ޤަބޫލު ކުރަމެވެ. ގިނަ ދިވެހީން ފުދުންތެރިކަން ހުރި ނެތްވަރުން ކިޔަވައެވެ. ކިޔެވުނު އެންމެ މައްޗަށެވެ. އެކަމަކު އެ ކިޔެވި އެއްޗަކާއި އުޅޭ އުޅުމާއި ދިމާވޭ ތޯއެވެ! ނޫނެކެވެ. ހާސް ބައި ތަފާތެވެ. އެއްގޮތަކަށް ވެސް އަޅުގަނޑު މިބުނީކީ ހުރިހާ ދިވެހިންގެ ވާހަކަ އެއް ނޫނެވެ. އެކަމަކު ގިނަ ދިވެހީންގެ ކަންތައް ހުންނަ ހިތާމަވެރި ހާލަތުގެ ވާހަކައެވެ.

ފުރަތަމަ ކަމަކަށް ހެދުން އެޅުމުގެ ވާހަކައަށް އަލި އަޅުވާލާނަމެެވެ. ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ބިމުގައި ދީނާއި ފުށޫއަރާ ގޮތަށް ހެދުން އެޅުމުގެ ވައްޓަފާޅި ގެންގުޅޭ ދިވެހީންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވުމަކީ ފިކުރު ހިންގަން ޖެހިފައިވާ ހިތާމަ ހުރި ކަމެކެވެ. ހުރިހާ އެންމެން ކިޔަވަނީ އެކަށްޗެއް ކަމުގައި ނުވެދާނެއެވެ. އެކަަމަކު ތަބާ ވަނީ އެންމެންވެސް އެއް ދީނަކަށް ނޫންތޯއެވެ؟ ޢަމަލު ކުރަނީ އެއް ފޮތަކަށް ނޫންތޯއެވެ؟ އެހެން ކަމަށް ވާ ނަމަ، އެކަކު އަނެއްކަކާއި މިހާ ބޮޑު ތަފާތުތަކެއް ހުރެގެން ނުވާނެ ނޫންހެއްޔެވެ؟

ވިދާހައި ކޮންމެ އެއްޗަކީ ރަނަށް ނުވާ ފަދައިން، ކަމުދާ ކޮންމެ ގޮތަކީ ރަނގަޅު ގޮތަށް ނުވެދާނެއެވެ. ހިޖާބު އެޅުމުގެ ބަދަލުގައި އިސްތަށިގަނޑު ވަޔަށް ދޫކޮށްލާފައި ބާއްވަން ފަސޭހަ ވާނެކަން ޤައިމެވެ. ޚަރަދު ކުޑަވެފައި ހަށިގަނޑަށް ވެސް ލުއި ވާނެއެވެ. ހަމަ އެހެންމެ ވަނާތައް އެނގޭ ގޮތަށް ގަޔަށް ބާރު ކޮށް ހެދުން ލީ ވަރަކަށް ތިމާގެ ފަހަތުން މުގޯލި އަޅަމުން ދުވާ ފިރިހެނުން ވެސް ގިނަވާނެއެވެ. އަނެއް ކޮޅުން ފޮށްޗަށް ކުރާ ޚަރަދުވެސް ކުޑަވާނެއެވެ. އެހެންނަމަވެސް ބަލަންވާނީ ޚަރަދު ކުޑަ، ހައްޓަށް ލުއި ގޮތެއް ނޫންދޯއެވެ! ދީނުގައި އޮންނާނީ އަބަދުވެސް އެންމެ ރަނގަޅު ގޮތެވެ. ވީމާ، އަހަރެމެންގެ އުޅުން ބައްޓަން ކުރަން ވާނީވެސް އެގޮތަށެވެ.

އަނެއް ކަމަކީ، ފަސް އިނގިލި އެއްވަރު ނުވާނެކަން އެއީ އަހަރެމެން އެންމެން ވެސް ދެބަސް ވުމެއް ނެތި ޤަބޫލުކުރާ ވާހަކައެކެވެ. ހަމަ އެ ބީދާއިން، އާމްދަނީގެ ގޮތުންނާއި ދިރިއުޅުމުގެ ފެންވަރުގެ ގޮތުންވެސް އެންމެން އެއްވަރު ނުވާނެކަން ދަންނަންވާނެއެވެ. އެކަމަކު ހިތާމައަކީ، ފަޤީރު ދެރަ މިކަމެތި އަތްމަތި ތަނަވަސް ނޫން މީހާ އަބަދުވެސް ތަނަވަސް މީހުންގެ ފައިދަށު ލައިފައި ހުންނާތީއެވެ. މަލާމާތާއި ފުރައްސާރަ އެފަދަ ނިކަމެތިންނަށް އަމާޒު ވަމުން ދިޔުމަކީ ސައްތައިން ސައްތަ މުސްލިމުންނޭ ބުނަން ލަދު ގަންނަން ޖެހޭ ވަރު ކަމެކެވެ. އެކަކު އަނެއްކަކަށް އޯގާވެ، އަޅާލާ، ނިކަމެތިންނަށް ވެސް ވީ ވަރަކުން ފައިސާގެ ގޮތުންވެސް އެހީ ވުމަށް އަޅުގަނޑުމެންގެ މާތް ރަސޫލާ ވަނީ ނަމޫނާ ދައްކަވާފައެވެ. އެ ނަމޫނާ ނަކަލުކޮށް އެފޮތުން ކިޔެވި ބަޔަކުގެ ދިރިއުޅުމުގެ ހާލަތު މިހާ ދަށަށް ދިޔުމަކީ މުސްލިމުންނޭ ބުނަން ފަސްޖެހެވޭ ވަރު ސަބަބެއްކަން ގައިމެވެ.

ކަން މިހެން އޮތް އިރު، އަޅުކަމުގެ ވާހަކަ އަދި ރަނގަޅީ އަމުދުން ނުދެއްކިއްޔާެއެވެ. އެއީ ހަމަ އެކަނި ހަށިގަނޑުން ވާގި ދޫވެފައިވާ، މުސްކުޅިވެ ހަންޓޯޓޯ ވެފައި ތިބޭ މީހުން ކުރަން ޖެހޭ ކަމެއް ކަހަލައެވެ. ޒުވާނުންނާއި ދެވަން ފުރައިގެ މީހުން އަޅުކަމުގެ ކަންކަމުން އިސްތިސްނާ ކުރެވިފައިވާ ކަހަލައެވެ. އެހެންނޫންނަމަ، އުމުރުން އެންމެ 10 އަހަރުއްސުރެ ފަރުޞު ކުރެވިފައިވާ ކަންކަން، ވަކީން ޚާއްސަކޮށް ނަމާދުން، ބޯ ދަމައިގަތުމަށް މަސައްކަތް ކޮށްގެން ނުވާނެ ނޫންހެއްޔެވެ؟ މިސްކިތްތަކުގެ ޖަމާއަތުގެ ސަފުތައް ނުފުރި މެދާ ހިސާބަށް ހުރުމަކީ ސުވާލު އުފައްދަން ޖެހޭ ވަރުގެ ކަންތަކެވެ. މިސްކިތްތަށް ފަޅުވެ، ވަންނާނެ މީހަކު ނެތި "އާދައިގެ" ތަނަކަށް ހަދަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ ގައިމު ކިޔަވާ ފޮތްތަކުން އެނގެން އޮންނާނީ މިސްކިތްތަކަކީ މުޅި މި ދުނިޔޭގައިވާ އެންމެ ހުރުމަތްތެރި ތަން ކަމުގައެވެ. އެންމެ ރައްކާތެރި ހިޔާވަހި ކަމުގައެވެ. ނަަމަވެސް މިސްކިތެއްގެ ފުރާޅު ދަށުގައި މަޑުކޮށްލާނޭ މީހުން ވެސް މިހާރު އެ ދަނީ ދުވަހެއް ދުވަހަކަށް މަދު ވަމުންނެވެ. ކުރާނީ ކީއްތޯއެވެ! އަދުގެ ހާލަތެވެ.

މުޖުތަމައުގެ ހާލަތު މިހާ ދަށަށް ވެއްޓިފައި ވާއިރު، މިހާ ހިސާބުން އުފެދޭ ސުވާލަކީ މިކަންކަމަށް ފިކުރު ހިންގާކަށް ނުވޭތޯއެވެ! ހަމަ އެކަނި ދެލި ގަނޑު ކިޔަވައިގެން ކަންތައްތައް ބޮއްސުން ލައިގެން ދާ ކަމާމެދު ވިސްނާކަށް ނުވޭތޯއެވެ؟ ރަނގަޅު ގޮތް އުނގެނި،އެނގި ތިބެމެ ޔޫރަޕްގެ އޮއިވަރުގައި ޖެހިގެން މިދާ ތާރީޙީ ރީތި އާދަ ކާދަ ގެއްލި ދާއިރުވެސް "އަތް އުރާލައިގެން" ތިބެނީ ތޯއެވެ! ނޫނެކެވެ. އެހެން ތިބެވޭކަށް ނެތެވެ. ފަރުދީ ޒިންމާ އަދާ ކުރަންވީއެވެ. ޤައުމުގެ އިޖްތިމާއީ ފޭރާން އަލުން ވިޔަން މަސައްކަތް ކުރަންވީއެވެ. އެންމެން އަތުގުޅާލައިގެން އެކަތި ގަނޑަކަށް ވާންވީއެވެ. އަދި އެންމެ މުހިންމު ކަމަކަށް ކިޔަވާ އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފައި އެޔާ އެއްގޮތަށް އަމަލު ކުރެވޭތޯ ބަލަން ވީއެވެ. އޭރުން ހަމަ ގައިމުވެސް، މި މުޖުތަމަޢުއަށް އުޖާލާކަން ލިބި މިހާރުގެ ހާލަތަށް ވުރެ ރަނގަޅުވާނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާއިޝާ

    ވ.ރަނގަޅު ފުރިހަމަ ލިޔުމެއް....ޝާމިލާ އަށް ސާބަސް....މަގޭ ސަލާމް ޝާމިލާއަށް..

  2. މާރިޔާ

    މީ ޒަމާނީ މުސްލިމް އާއި ނުގުޅޭ ވަކިފިކުރެއް ހިންގުމަށް ލިޔަފައި ހުރި ލިޔުމެއްކަމަށް ބެލެވެނީ