އިއްޔެ ރޭ ހދ.ނޮޅިވަރަމް ގައި ދަން ޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރަށް 31 ގަޑިއިރު ވެގެން ގޮސްފައި ވާއިރު ޝާހިދާގެ މަރާއި ގުޅޭ ގޮތުން ރަށު ތެރޭގައި ތަފާތު ވާހަކަތައް ދެކެވެން ފަށައިފިއެވެ.

ނޮޅިވަރަމުން "ވަގުތަށް" މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި ރަށުގެ ބައެއް މީހުން ވަނީ ޝާހިދާގެ މަރުގައި އޭނާގެ ފިރިމީހާގެ އަތެއް އޮތް ކަމަށް ތުހުމަތުކޮށްފައެވެ. ޝާހިދާ އިއްޔެ ރޭ ފަތިހު މަރުވެފައި އޮއްވާ ފެނުނު ނަމަވެސް އަދިވެސް އޭނާގެ ހަށިގަނޑު ވަޅެއް ނުލައެވެ. ޝާހިދާގެ ހަށިގަނޑު އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ޝާހިދާ ދަން ޖެހިފައި ހުއްޓާ ފެނުނީ ގޭގެ ގިފިލީގައެވެ. ގިފިލީގެ ފުރާޅުގައި ވާގަނޑެއް އައްސައިގެން ދަން ޖެހިފައި ހުރިއިރު ވާގަނޑު އައްސާފައި ވަނީ 12 ވަރަކަށް ފޫޓް އުހުގައެވެ. ޝާހިދާ އަށް އެހައި އުހުގައި ވާގަނޑު އެއްސިދާނެ ތޯ ބައެއް މީހުން ސުވާލު އުފައްދައެވެ. އެސަރަހައްދުގައި ގޮނޑިއެއް ފަދަ އެއްވެސް އެއްޗެއް ވެސް ނެތް ކަމަށް ވެއެވެ.

"12 ވަރަކަށް ފޫޓް އުސް ވަކަރެއްގައި އޭނާ އަށް ވާގަނޑު އެއްސިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދި އެ ވާގަނޑުގައި ޖަހާފައި ހުރީ ވެސް މަސްވެރިން ޖަހާ ކަހަލަ ވަރުގަދަ ގޮށެއް. އެފަދަ ގޮށެއް ޝާހިދާ އަށް ޖަހަން ނޭނގޭނެ." އޭނާ ބުންޏެވެ.

ޝާހިދާގެ ފިރިމީހާ ބުނާ ގޮތުން އޭނާ އިއްޔެ ރޭ ފަތިސް ނަމާދަށް ދިޔައިރު ޝާހިދާ އޮތީ ނިދާފައެވެ. ނަމަވެސް ފަތިސް ނަމާދު ކޮށްގެން ގެއަށް އައިއިރު ޝަހިދާ ވަނީ ދަންޖެހިގެން މަރުވެފައި ކަމަށް ފިރިމީހާ ބުނާ ކަމަށް ވެއެވެ.

ޝާހިދާގެ ދެމަފިރިންނާއި ދެދަރިން ދިރިއުޅޭ ގެއަކީ މިސްކިތާއި ފަންސާހަކަށް ފޫޓް ދުރުގައި ހުންނަ ގެއެކެވެ. ޝާހިދާގެ ފިރިމީހާ މިސްކިތައް ދިޔައީ ގަމަތް ދެމުން ދަނިކޮށް ކަމަށް ވެއެވެ. ނަމާދުކޮށް ނިމިގެން އަވަހަށް އޭނާ ގެއަށް އައިއިރު ޝާހިދާ ދަން ޖެހިފައިވާ ކަމަށް ބުނުމުން އެކަމާއި ގުޅިގެން ބައެއް މީހުން ސުވާލު އުފައްދައެވެ.

އެހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހެން މީހަކު ނުވަތަ ބަޔަކު ޝާހިދާގެ ގެއަށް ވަދެ އޭނާ ދަން ޖެއްސިދާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެވެއެވެ. އަދި މީހަކު ޝާހިދާ މަރާލަން ޖެހިދާނެ ސަބަބެއް އޮތް ކަމަކަށް ރަށު މީހުން ގަބޫލެއް ވެސް ނުކުރެއެވެ.

ޝާހިދާގެ ހަށިގަނޑު ފެނުމާއި އެކު ޝާހިދާގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔައީ ވެސް ޝާހިދާގެ ފިރިމީހާ ކަމަށް ވެއެވެ. "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ޝާހިދާގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. ޑޮކްޓަރު ފުރަތަމަ ވެސް ވަނީ ޝާހިދާގެ މަރުވި ކަމަށް ބުނާ ގަޑިއާއި މެދު ސުވާލު އުފައްދާފައި ކަމަށް ވެއެވެ.

"ޑޮކްޓަރު ވިދާޅުވި ކަމަށްވޭ ޝާހިދާ މަރުވި ކަމަށް ފިރިމީހާ ބުނި ގަޑިއަށް ވުރެ ގިނައިރު ޝާހިދާ މަރުވެފައި އޮންނަތާ ވެދާނެ ކަމަށް." މައުލޫމާތު ދިން މީހާ ބުންޏެވެ.

ޝާހިދާގެ މަރާއި މެދު ސުވާލު އުފެދޭތީ ޝާހިދާގެ ޕޯސްޓްމޯޓަމެއް ހަދަން ފުލުހުން ބޭނުންވާ ކަމަށް ވެއެވެ. ނަމަވެސް އެކަން ލަސްވަނީ ޝާހިދާގެ ޕޯސްޓްމޯޓަމެއް ހަދަން ފިރިމީހާ ދެކޮޅު ހަދާތީ ކަމަށް ވެސް ވާހަކަ ދެކެވެއެވެ.

ޝާހިދާ އަކީ ނަފްސާނީ ބަލި މީހެކެވެ. މިދިޔަ ޑިސެމްބަރު މަހު ވެސް އޭނާ ގެއްލިގެން ހޯދިއެވެ. އެފަހަރު އޭނާ ފެނުނީ ގެއްލުނުތާ ދެދުވަސް ފަހުންނެވެ.

ޝާހިދާގެ އަވައްޓެރިން ބުނާ ގޮތުގައި ޝާހިދާގެ ފިރިމީހާ ވަރަށް ގިނައިން ޝާހިދާ އާއި ދިމާއަށް ހަޅޭލަވާ ޒުވާބު ކުރެއެވެ.

ޝާހިދާގެ މަރާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަން ފުލުހުން އަދި ތައްޔާރެއް ނުވެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލާއި ސުވާލު ކުރުމުން ވިދާޅުވީ މީޑިއާ އަށް މައުލޫމާތު ދެވޭ ވަރަށް ކަންތައްތައް ސާފުވުމުން މައުލޫމާތު ދެއްވާނެ ކަމަށެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ޝާހިދާގެ މަރުގެ ތަޙްޤީޤުގައި ހާއްސަ ޓީމެއް ވެސް މިހާރު ދަނީ ބައިވެރިވަމުންނެވެ. ޝާހިދާ ދިރިއުޅުނު ގެ ހުރި ސަރަހައްދު އަދިވެސް އޮތީ ބަންދުކޮށްފައެވެ.

މަރުވާ މީހުން ވަރަށް އަވަހަށް ވަޅުލި ނަމަވެސް ޝާހިދާ ވަޅުލުން ލަސްވަމުން ދަނީ ކޮންމެވެސް ކަހަލަ ސުވާލުތަކަކާއި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން ކަން ކަށަވަރެވެ. ޝާހިދާ މަރުވެފައި ވަނިކޮށް ފެނުނުތާ ތިރީހަކަށް ގަޑިއިރު މިހާރު ވެސް ވެފައި ވާއިރު މިހާރު އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ލިބޭނީ ފުލުހުންގެ ތަޙްޤީޤުން ލިބޭ މައުލޫމާތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މައިނާއެއީ ކާކު

    އަޖާބެއްނު؟

  2. މަރީ

    ޝައްކެއްވެސް ނެތް ތިމަރަކީ އޭނަގެ ފިރިމީހާގެ ކަމެއް، އެއީ އަނެއްކާ މަސްވެރިޔެއްތަ؟

  3. އަލްޖިބްރާ

    ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށުގައި ތިބޭމީހުން މަރުވާއިރަށް ލާތެޅިގަނެގެން ވަރަށް އަވަހަށް ވަޅުލާތަން ފެނޭ !

    • އަހުމަދު

      ހަސަދަވެރި ކަން ހިތުގައި އޮތްލެއް ބޮޑުކަން ދެއްތޯ. ކޮންމެ ކަމެއް މިހެން ނުހައްދަވާ.

  4. އަބްދުއްލާ

    ފިރި މީހާ އެއްބަސް ނުވިޔަސް މަރުގެ ތަހުގީގަށް ބޭނުންވާފޮރިންސިކް ފުރިހަމަ ކުރަންޖެހޭނެ

  5. Anonymous

    ފިރި މީހާ އެއްބަސް ނުވިޔަސް މަރުގެ ތަހުގީގަށް ބޭނުންވާފޮރިންސިކް ފުރިހަމަ ކުރަންޖެހޭނެ

  6. ޖާނު

    ފުލުހުން އުޅެނީ މާ ބިޒީކޮށް މިދުވަސްކޮޅު.....

    • އައިމަން

      ރައްޔިތުން ކަމަކާއިގެން ބިޒީ ވީމަ ފުލުހުންނާއި ސިފައިން ބިޒީނުވެ ނުތިބޭނެ

  7. ކެޔޮޅު

    ފުލުހުންނައްވުރެން މާބިޒީ ރިސްވަތުދޭން އުޅޭމީހުން ދޯ؟