"މަންޖޭ..މިކޮޅު ނުބަލާނަންތަ ހަމަ" މިފަދަ ޖުމްލަ ތަކަކީކޮންމެ ދުވަހަކު ޒުވާން އަންހެން ކުދިން އެތަށް ފަހަރަކު އަހަން ޖެހިފައިވާ ޖުމްލަތަކެވެ، ހާއްސަކޮށް ރީތި އަންހެން ކުއްޖެއް ވިއްޔާ އަޅާ ކޮންމެ ފިޔަވަޅަކާއި އެކީގައި އެފަދަ ޖުމްލަތަށް އަޑުއަހަންޖެހެއެވެ. ދަންނަވާލަން މިއުޅޭ ވާހަކައަކީ މަގުމަތިންނާއި އެނޫންވެސް ގޮތްގޮތުން އަންހެން ކުދިންނާ ފޮށޭ މީހުން އިތުރުވެފައިވާ ވާހަކައެކެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ހާއްސަކޮށް ވެރިކަންކުރާ ރަށް މާލޭގައި މިކަން މިވަނީ އިންތިހާ ދަރަޖައަށް އިތުރުވެފައެވެ. ކުޑަކުއްޖަކަސް މީހެއްގެ އަތްބެއްވިޔަސް ފޮށޭއިރުގައި ބަލައެއްނުލައެވެ. އާންމުގޮތެއްގައި އަންހެން ކުދިންނަށް ޖެއްސުންކޮށް ފޮށި ހަދަނީ ކަންކަންމަތީގައި ކަމެއް ނެތިފައި ތިބޭ ގޭންގްތަކަށް ނިސްބަތްވާ މީހުންނެވެ. ބައެއް ފަހަރު އެފަދަ މީހުންގެ ދުއްޕާން އެފަދަ އަންހެނުންނަށް ވަރަށް ބޮޑުވެއެވެ. ފަހަތުން އައިސް ގަޔަށް އަތްލާ ފަހަރުވެސް އާދެއެވެ. އަދި ވަށްބަހުންނާއި ހަށިގަނޑުގެ ގުނަވަންތަކަށް ދަންދެން ބެހި ހަދައެވެ. އަދި ނަމާއި ފޯނު ނަމްބަރު ފަދަ ތަކެތި ދިނުމަށް އެދެއެވެ. މިފަދަ ކަންކަމުގައި ދިވެހި ފިރިހެނުންގެ ތެރެއިން ބަޔަކު ، ހާއްސަކޮށް ފޯދެމުން އަންނަ ޒުވާން ފިރިހެން ކުދިން އުޅޭ މިންވަރު އިތުރެވެ.

ރާއްޖޭގައި " ފޮށުން" ސަޅި ކަމަށް ވެފައި ވާއިރު ހަޤީގަތަށް ބުނާ ނަމަ އެކަމަކީ މީހާގެ ގޮތެއްފޮތެއް ނެތްކަން ވަރަށް ރަގަނޅަށް ހާމަވާ ކަމެކެވެ. އަދި އެއީ މީހާގެ އަގު އެހެން މީހުންގެ މެދުގައި ވެއްޓި މީހާ ފަހީލަޡް ވާ ކަމެއްވެސް މެއެވެ.

މަގުމަތިންނާއި އެނޫންވެސް ގޮތްގޮތުން އަންހެން ކުދިންނާއި ފޮށޭ މީހުންނަށް ހަމަ ނުވިސްނެނީ ހެއްޔެވެ؟ މާދަމާ ތިމާގެ ކޮށްކޮއާއި ނުވަތަ ތިމާގެ ގާތް މީހަކާ މަގުމަތިން ފޮށުނީމަ ތިމާއަށް ވާނެ ގޮތް ވިސްނާލާށެވެ. އެ ދުވަހަކުން ތިމާ އަންނާނެ ރުޅިއާއި ތިމާގެ ހިތުގައި އުފެދޭ ނަފްރަތަށް ނިކަން ވިސްނާލަބަލާށެވެ.

" ފޮށުން" އެއީ ސަޅިކަމެއް ކަމުގައި ނުދެކޭށެވެ. އެއީ އެތަށް ބަޔަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ. ބައެއް ފަހަރު މަގުމަތިން ފޮށި ޖެއްސުން ކުރުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި އެނޫންވެސް ގޮތް ގޮތުން ގެއްލުންވެފައިވާ މީހުން މިގައުމުގައި އެބައުޅެއެވެ. އަދި އެންމެން ކުރިމަތީގައި ފޮށެނީނަމަ އެއީ އެހެން މީހުންނަށް ދެވޭ ނުބައި މެސެޖެއްކަން ހަދާން ކުރާށެވެ. އަދި އެއީ އެހެން މީހުން އެެކަން ކުރުމަށް ދެވޭ ހިތްވަރެއްވެސް މެއެވެ.

ކަންމިހެން ހުރުމުން " ފޮށުމުން" ދުރުވާން ޖެހެއެވެ. އަންހެނަކަށް ވިޔަސް މަގުމަތީގައި އަމާންކަން މަތީގައި ހިތްހަމަ ޖެހިލައިގެން އުޅުމުގެ މަގު ފަހިވެފައި އޮންނަން ޖެހޭނެއެވެ. ފޮށުން ހުއްޓުވޭނީ ފަރުދީ ޒިންމާ ނަގައިގެންނެވެ. އެހެންކަމުން އެންމެން އެކުގައި " ފޮށުމަށް" ނޫނެކޭ ބުނަމާ ތޯއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާލަ

    ގޭންގު ތަކުގަ އުޅޭ މިހުނެއްނޫން ފޮށެނި. މުސްކުޅި ފުރައިގެ ހޮޓާތައް ދޮރުމަތީ ބިއްޖެހިފަ ދުފަންތިބޭ ބައްޕަމެން ކާފަމެން އުުމުރު މީހުން އެންމެ ގިނައިން ފޮށެނި.

  2. ދިވެހިން

    ބައެއް ކާރު ތަކުގެ ޑްރައިވަރުން ވެސް ވަރަށް ކަންތައް ބޮޑު. އަންހެން ކުއްޖަކު އެރީމަ ވާހަކަ އަޅުވާލާނެ. އޮފީހުން ނުކުމެ ކާރަށްއަރައިފިއްޔާ މާ ކަންތައްބޮޑުވާނެ. ދެން ކުރުނުކޮށް ނަންބަރު ހޯދަން އުޅޭނެ. ސިޔާސީވާހަކަ ވެސް އެހާވަރަށް ދައްކާނެ ހެޔޮ އެކަމާ އަޅާނުލިޔަސް
    ދެން މި އުޅޭ ކާފަމެން ބައްޕަމެން އުމުރުގެ މީހުންގެ ކަންތައްވެސް ވަކި ކުޑައެއް ނޫން މަގުމަތީގައި ޒުވާނުންނަށް ވުރެ ނުބައި ފޮށޭވަރުން ބަންގްލަދޭޝް މީހުންވެސް ހީވަނީ އެހެންފަދަ ކަމެއްހެން ގަޔާ ދިމާޔަށް ނޫނީ ނާންނާނެ މަގުމަތީގައި ހިނގާފައި ދާއިރު،
    މި މީހުންގެ ޢާއިލާގެ އަންހެނުންނާއި އެހެން މީހުން އެގޮތަށް ބެހުނީމަ އެނގޭނީ
    ދެރަ ކަމަކީ މަގުމަތިން މަދުން ނަމަވެސް ފެންނަ އެއްކަން މީ ފިރިހެނަކު ފޮށޭ އިރު ކައިރީގައި އަންހެނަކު ހީހީ ހުންނަ ހުރުން ވެދާނެ