ބުލީ ކުރުން ނުވަތަ ދިވެހި ބަހުން ނަމަ ގަނާކުރުމަކީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ވަރަށް އާންމުވެފައިވާ ސީރިއަސް މައްސަލައެކެވެ. މަދަރުސާތަކުގައިއާއި، ވަޒީފާ އަދާކުރާ މާހައުލާއި، މަގުމަތީގައި އަދި ވަކިން ހާއްސަކޮށް އިންޓަނެޓުގައި ގަނާކުރުން މިހާރުވެފައިވަނީ އަޅުގަނޑުމެންގެތެރޭގައި އާންމު ކަމަކަށެވެ. ގަނާކުރުން ހިސާބަށްވުރެ އާންމުވެފައިވުމުގެ ސަބަބުން ޚުދު ގަނާ ކުރާ މީހާ ނުވަތަ ކުއްޖާއަށް ވެސް ތިމާއަށް މިކުރެވެނީ ކޮންފަދަ ކަމެއްކަން ނޭނގޭ ހިސާބަށް މިކަން ވަނީ ގޮސްފައެވެ.

ގަނާކުރުން ގިނަފަހަރު ފެށެނީ އަނެކާ ދަށްކޮށްލަން ގަނާކުރާ ކުއްޖާ ބުނެލާ ބަހަކުންނެވެ. ނަމަވެސް ގިނަ ފަހަރު އެއީ ސީރިއަސް މައްސަލައަކަށް ނުހަދައި ގަނާގެ ޝިކާރައަކަށްވާ ކުއްޖާއަށްވެސް ހުރެވެނީ އެވެ. މައިންބަފައިން އަދި ގާތްތިމާގެ މީހެއް ކައިރީގައިވެސް ބުނެވެނީ ވާނެހާ އެއްޗެއްވެ ތިމާގެ ނަފްސާނީ ހާލަތު ގޯސްވެ އަމިއްލަ ނަފުސަށް އަނިޔާކުރެވެން ވެސް ފަށާ ހިސާބުންނެވެ.

ގަނާކުރުމަކީ އިއްޔެ ނުވަތަ މިއަދު ހިނގާފައިވާކަމެއް ނޫނެވެ. ކާބަފައިންގެ ދުވަސްވަރުގައިވެސް ވަނީ އަނެކާ ދަށްކޮށް ގަނާކުރުމުގެ އަމަލުތައް އެކި ސިފަސިފައިގައި ހިނގާފައެވެ. ނަމަވެސް ޒަމާނާއެކު ގަނާކުރުންވެސް ވަނީ ބަދަލުވެ ކުރިއަރާފައެވެ. 21 ވަނަ ގަރުނާއެކު އުފެދިގެން އައި މީސްމީޑިޔާތައް ވެފައިވަނީ ގަނާކުރުމުގެ މައި ވަސީލަތަށެވެ. ސައިބާ ބުލީން އަދި އަނގަ ބަހުން ކުރާ ގަނާ އަކީ ގަނާގެ އެންމެ ނުރައްކާތެރި ބާވަތްތައްކަމުގައި ކަމުގެ މާހިރުން ވަނީ ހެކިވެފައެވެ. އިންޓަނެޓު އަދި މީސް މީޑިޔާ ބޭނުންކުރާ އެންމެންނާއި މުޖުތަމައުގައި ހަރަކާތްތެރިވެ އުޅޭ އެންމެެންނަށްވެސް މިއީ ހަގީގަތެއްކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.

އަތުން ކޮށްލާ ޖިސްމާނީ އަނިޔާތަކަށްވުރެ ބުނެލާ ނުބައި ބަހަކުން ހިތާއި ނަފުސުގައި ނަގާ ފާރުގެ ފުންމިން މާ ބޮޑޭ ކިޔާއަޑު އަހަމެވެ. ސައިބާ ބުލީ އަދި އަނގަ ބަހުން ކުރާ ގަނާ އަކީ މީގެ އެންމެ ރަނގަޅު މިސާލެވެ. ހަޑިހުތުރު ބަސްތަކާއި ތިމާ ދަށްކޮށް އެހެން އެންމެންނަށްވުރެ ނިކަމެތިކަމަށް ވިސްނައިދޭފަދަ ބަސްތަކާއި މީސްމީޑިޔާގައި ތިމާގެ ފޮޓޯއެއްގައި ކޮށްލާ ނެގެޓިވް ކޮމެންޓުތަކަކީ ހިތުން ފިލައިގެން ދުވަހަކުވެސް ނުދާނެ ބަސްތަކެވެ. މިފަދަ ނުބައި ބަސްތަކުގެ ޝިކާރައަކަށްވެފައިވާ އެތަކެއް ޒުވާނުންނެއް ވަނީ އަމިއްލަ ނަފުސަށް އަނިޔާދީ ތިމާގެ އަމިއްލަ ފުރާނަ ވެސް ދުއްވާލާފައެވެ.

ގަނާގެ މައްސަލަ ގޯސްވެ ކުރިން ދެންނެވުނުފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައި ވަނީ ގަނާކުރެވޭ ކުއްޖާއަށް ތިމާއަށް ދިމާވާ ކަންތައްތަކުގެ ވާހަކަ މީހަކާ ހިއްސާ ނުކުރެވި ހިތުތެރޭގައި ވަޅުލައިގެން ހުރެ ތިމާއަކީ އެކަނިވެރިއެއް ކަމުގައި ދެކުމުގެ ސަބަބުންނެވެ. ނަމަވެސް ގަނާގެ ޝިކާރައަކަށްވާ ކުއްޖާ ނުވަތަ މީހާވެސް ދަންނަންޖެހޭ އެއް ހަގީގަތަކީ އެ ކުއްޖާ ނުވަތަ މީހާ ދެކެ ލޯބިވާ މީހުންވެސް މިދުނިޔޭގައި ތިބިކަމެވެ. އެހެންކަމުން ތިމާއަށް މީހަކު ގަނާކޮށް ތިމާއާ ދޭތެރޭ އިހާނެތިކޮށް މީހަކު ހިތައިފިނަމަ އެކަން ތިމާގެ މައިންބަފައިން ނުވަތަ ތިމާއާ ދޭތެރޭ ހެޔޮ އެދޭ މީހަކު ގާތުގައި ލަސްނުކޮށް ހިއްސާކޮށް މައްސަލައިގެ ހައްލު އެކުގައި ހޯދުމަށް މަސައްކަތް ކުރާށެވެ. އަދި އެފަދަ މީހަކު ނެތްނަމަ ފުލުސް އިދާރާއަށް ނަމަވެސް ރިޕޯޓު ކުރާށެވެ.

ގަނާކުރުން ހުއްޓުވައި އެކަން މުޖުތަމައުން ނައްތާލަން ބޭނުންނަމަ ގަނާގެ މައްސަލަ އާއި މެދު އަމަލުކުރަންވާނީ އެކަން ކުރަންޖެހޭ ގޮތަށެވެ. ގަނާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ ނުވަތަ އެކަން ހާމަކުރާ ޕޯސްޓެއް މީސްމީޑިޔާގައި ދައުރުވާތަން ފެނުމުން، ތިމާ އެ މައްސަލަގަނޑުގެ ތެރެޔަށް ވަދެގަނެ ގަނާ ކުރި މީހާ ނުވަތަ ކުއްޖާއާ ދިމާލަށް އެއްޗެހި ކިޔައި ކޮމެންޓުކޮށް އެ މަންޒަރު ފަތުރައި މަލާމާތުގެ ބަސްތައް އުކުމަކުންނެއް ގަނާކުރުން ނުހުއްޓުވޭނެއެވެ. އެކަން ވާނީ އިތުރަށް ގޯހެވެ. އަދި އެއީވެސް ގަނާކުރުމެވެ. އަދި ޚުދު ތިމާވެސް ވެއްޓިގެންދަނީ ގަނާ ކުރި މީހާގެ ދަރަޖައަށެވެ. ކޮންމެ ފަރާތަކުން ނުވަތަ ކޮންމެ ހާލަތެއްގައި އަނެކާ ދަށްކޮށް ދެރަކޮށްލުން ހަމަ ވާނީ ގަނާއަށެވެ. ގަނާ ކުރި މީހާއާ ދިމާލަށްކަމުގައި ވީނަމަވެސްމެއެވެ. ގަނާ ކުރާތަން ތިމާއަށްފެނި އެކަންކުރީ ކާކުކަން އެނގޭނަމަ އެކަން ކުރި މީހާއަށް ނަސޭހަތްދީ އެކަން ނުހުއްޓައިފިނަމަ އެކަމަށް އެކަށީގެންވާ އަދަބު ދީ ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތްތަކާ އެ މައްސަލަ ހަވާލުކުރާށެވެ. އެކަން ބަލަން ތިބެ މަލާމާތް ކޮށް ގަނާގެ ޝިކާރައަކަށްވާ މީހާ ނުވަތަ ކުއްޖާއަށް އެހީތެރިކަމުގެ އަތް ދިއް ނުކޮށް ނުތިބޭށެވެ.

ގަނާކުރުން ފަދަ މައްސަލަތައް ހައްލުކުރެވޭނީ އަމާން އިސްކޮށްގެންނެވެ. އެއީ ހަމަނުޖެހުމުގެ ފަރުވާއަކީވެސް އަމާންކަމުގައި ވާތީއެވެ. އަނެކާގެ މައްޗަށް ލޯތްބާއި ކުލުނު އިސްކޮށްގެން މެނުވީ މިފަދަ މައްސަލަތައް ހައްލެއް ނުވާނެއެވެ. މައިންބަފައިންވެސް ތިމާގެ ދަރިފުޅާ ދޭތެރޭ މަދަރުސާ އަދި މަގުމަތީގައި ވާކަންކަމާ މެދު ދަރިފުޅާއެކު ރުޅި އިސްނުކޮށް ވާހަކަ ދައްކާށެވެ. ބުލީކުރެވޭ ކުއްޖާ ވެސް ދަންނާށެވެ. ތިޔަކުދިން ދެކެ ލޯބިވާ މީހުން ދުނިޔޭގައި އެބަތިއްބެވެ. އެބަޔަކަށް އިތުބާރުކޮށް ތިމާގެ ދިރިއުޅުން ބައްޓަންކުރާށެވެ. ދެރަ ކަމެއް ދިމާވުމުން އެކަން ލަސްނުކޮށް ގާތް ފަރާތްތަކާ ހިއްސާ ކުރާށެވެ. ހަނު ނުތިބެ ގަނާގެ ޝިކާރައަކަށްވެފައިވާނަމަ އެކަން ހިއްސާކޮށް ތިމާގެ ހައްގު ހޯދުމަށް މަސައްކަތް ކުރާށެވެ. އެއީ ދޮނަސް، ކަޅަސް، ފަލަޔަސް، ހިމަޔަސް، ހާއްސަ އެހީއަށް ބޭނުންވިޔަސް އެކަކަށްވެސް އަނެކާގެ ހައްގުތަކަށާއި މިނިވަންކަމަށް އަރައިގަތުމުގެ ހައްގު ލިބިގެން ނުވާތީއެވެ. ގައުމު މިތިބީ ތިޔަ އެންމެންނާ އެއްކޮށެވެ، ބިރު ނުގަންނާށެވެ!