މުޒާހަރާ ކުރި ސަރަޙައްދެއްގައި ފުލުހުންތަކެއް ޝީލްޑާއެކު - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

ދިވެހިންނަށް ޑިމޮކްރަސީ ތައާރަފްވެގެން އައިދުވަސްވަރަކީ މުޅި ދިވެހި މުޖުތަމައުއަށް އެތަކެއް ބަދަލުތަކެއް އަންނަމުން ދިޔަ ދުވަސްވަރެކެވެ. ޑިމޮކްރަސީއަކީ ކޮބައިކަން ނުވަތަ ކިހާވަރެއްގެ އެއްޗެއްކަމެއް ނޭންގި ރާއްޖެއަށް ތަޢާރަފްވި ޑިމޮކްރަސީގެ ސަބަބުން މިވަނީ ޒަމާނުއްސުރެ އޮތް އާއިލީ ގުޅުންތަކާއި އެކުވެރި ރަހުމަތްތެރި ކަމުގެ ގުޅުންވެސް ކެޑި ޒާތީ ދުޝްމަނުންނަށް ބަދަލުވާ ހިސާބަށް ކަންކަން  ގޮސްފައެވެ.

ރައީސް މައުމޫންގެ ދިގު 30 އަހަރުވީ ވެރިކަން ނިމުމަށް މެދުވެރިވި އެންމެބޮޑު އެއްސަބަބުކަމަށް ގިނަބަޔަކު އިއްތިފާގުވާ އެއްސަބަބަކީވެސް ރާއްޖެ މިއަދު މިދެކޭ ޒަމާނީ ޑިމޮކޮރަސީ ތައާރަފްވުމެވެ. ރައީސް މައުމޫންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތައް ގުނަމުންދިޔައިރު، އޭރު ރާއްޖެއިން ފެނިގެން ގޮސްފައިވާ މަންޒަރުތަކާއި އަޑުތަކީ ދިވެހި މުޖުތައުގެ ތެރެއިން އޭގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާފަދަ ހިއްދަތި އަދި އެހާމެ ހިތާމަވެރި އަޑުތަކާއި މަންޒަރުތަކެވެ. ޑިމޮކްރަސީ ރާއްޖެއަށް ގެނައުމަށް އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނާ ދެކޮޅަށް އެތަށް ބަޔަކު މަގުމައްޗަށް ނިކުމެ ބޮޑެތި މުޒާހަރާތަކެއްވެސް ވަނީ ކޮށްފައެވެ. މި އެއްވުންތަކުގައި ހުޅަނގުގެ ލާދީނީ ފިކުރުތަކަށް ރާއްޖެ ގެނައުމަށް މަސައްކަތް ކުރެއްވި އަދި މިހާރުވެސް އެޑިމޮކްރަސީ ރާއްޖެ ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ފަރާތްތަކާއި ޑިމޮކްރަސީ އަކީ ކޮބައިކަން ނޭގޭ އެތައްބަޔަކުވެސް ވަރަށް ފޯރިއާއި ޖޯޝުގައި މި އެއްވުންތަކުގައި ބައިވެރިވެ އަޑުއުފުލާފައިވެއެވެ. މިއަދު ދިވެހިން މިދެކޭ ޑިމޮކްރަސީ ރާއްޖެ ގެނައުމަށް ގައުމުގެ އެތެރެއިންނާއި ބޭރުން އޭރުއައި ފިއްތުންތަކާއިއެކު ރައީސް މައުމޫނަށް ވަނީ މިއަދު ދިވެހިން މި އަމަލުކުރަމުންދާ ތިންބާރު ވަކިވެފައިވާ ފެހި ގާނޫނު އަސާސީ ތަސްދީގު ކުރައްވަން މަޖުބޫރުވެ ވަޑައިގެންފައެވެ.

މި ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމަށް އޭރު އެންމެބޮޑަށް ވަކާލާތު ކުރައްވަމުންދިޔަ ބޭފުޅުން ވިދާޅުވަމުން ގޮސްފައިވަނީ މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އަމަލުކުރަމުންނުދާ ފަދަ ފުރިހަމަ އަދި އެހާމެ ގިނަ ހައްގުތަކެއް ލިބިދީފައިވާ ފުރިހަމަ ގާނޫނު އަސާސީއެއްކަމަށެވެ. ނަމަވެސް އޭރުވެސް އަދި މިހާރުވެސް ފެންނަން އޮތް ހަގީގަތަކީ އަދި ފެންނަމުންދާ މަންޒަރަކީ މި ގާނޫނު އަސާސީއާއިއެކު އައި ޑިމޮކްރަސީއަކީ ކޮބައިކަން ގިނަބަޔަކަށް ނޭގޭކަމެވެ. ޑިމޮކްރަސީއަކީ ކޮބައިކަން އަދި ކޮން މަގުސަދެއްގައި ގެނެވުނު އެއްޗެއްކަން އެއްވެސް ވަރަކަށް ބެލުމެއް، ހޯދުމެއްނެތި ތިމާ ތާއީދުކުރާ ފިކުރާ މީހާ ވަށައިގެން އެބުރުން ނޫން މަންޒަރެއް ރާއްޖޭގެ ޑިމޮކްރަސީގެ ތެރެއިން ފެންނަމުން ނުދާކަމީ ރާއްޖޭގެ ސިޔާސީ މުފައްކިރުންކަމަށް ޤަބޫލުކުރާ ފަރާތްތައް  ޑިމޮކްރަސީއަށް ފައްކާ ނުވާކަމުގެ ވަރަށް ބޮޑު ހެއްކެކެވެ.

ދިވެހިން ދެކެފައިވާ މިނިވަން ދިމިކުރާތީ ނިޒާމުގެ ތެރެއިން މިނިވަންކަމާއިއެކު ރިޔާސީ ވޯޓަކަށް ގޮސްފައިވަނީ 2004 ވަނަ އަހަރުގައެވެ. އެއަހަރުގެ އިންތިހާބާއެކު އުފެދިފައިވާ މިނިވަން މުވައްސަސާތަކާއި، ކޮމިޝަންތަކާއި އެނޫންވެސް އާ ޤާނޫނު އަސާސީން ތިންބާރުގެ ތެރެއަށް އައި ބޮޑު އިންގިލާބީ ބަދަލުތަކާއިއެކު ރިޔާސީ ވޯޓް ވެގެން ގޮސްފައިވަނީ ދިވެހިން ސިއްސުވާލި މުޅިން އާ ތަޖުރިބާތަކެއް ކުރުވި ވޯޓަކަށެވެ. ނަމަވެސް ފެނިގެން ގޮސްފައިވަނީ އެއްކަލަ ޑިމޮރަސީގެ ޅަފަތުގައި ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރާ މީހާ އާއިލާއާއި، ތިމާގެ މީހުންނާއި ރައްޓިހިންވެސް ދޫކޮށް ތާއީދު ކުރާ މީހާއަށް ވޯޓުދިން މަންޒަރެވެ. އަދި މިއާއެކު އާއިލީ ގުޅުންތަކާއި އެކުވެރި ރަހުމަތްތެރި ގުޅުންތައް ކެޑި އެއްމޭޒުތަކުގައި ކުރިން ސައިބުއި މީހުންނަށް ސައިބޯން ނުކުރޭ ހިސާބަށް ގޮސް، ބޮޑު ފިތުނައިގެ ހުޅުގަނޑެއް ރޯވެގެން ދިޔައެވެ. މިކަމުގެ ސަބަބުން ސިޔާސީ އޮއިވަރު ރާއްޖޭގައި އޮތީ ކުރިން ދުވަހަކުވެސް އައިސްފައިނުވާހާ ބޮޑަކަށް ފެތުރި އަށަގަނެފައެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ދޮށީ އުމުރު ކަމުގައިވާ ކާފަ މާމަ އާއި ހިސާބަށް ވެސް ވަނީ އޭގެ އަސަރު ކޮށްފައެވެ.

އާއިލާތަށް ބައިބައިވެ ފިރިން އެމީހުން ބުނާ ގޮތަށް އަބިމީހާ ވޯޓް ނުލައިފިނަމަ ވަރިކުރާ ހިސާބަށްވެސް ކަންތައްތައް ދިޔަ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. އެފަދަ ހާލަތްތަކުގައި އުފާވެރި ދިރިއުޅުމެއް ކަޑައްތު ކުރަމުންދިޔަ އެތަކެއް އާއިލާއެއް ވަކިވެފައިވެސް އެބަހުއްޓެވެ. ހަގީގަތުގައިވެސް މިއީ ވިސްނާލަން ޖެހޭ ވަރުގެ ކަމެކެވެ. ކުރީގައި މިފަދަ ހާލަތްތަށް ދިމާވެފައިވަނީ ޑިމޮކްރަސީގެ ޅަފަތުގައި ކަމަށް ގަބޫކުކުރަން ޖެހުނު ނަމަވެސް މިއީ އެފަދަ ނިޒާމެއްގެ ސަބަބުން ބީވެގެންދާ ވަރުގެ ކަންތައްތަކެއް ނޫންކަން ހިތުގެ އަޑިން ގަބޫލުކުރަން އެބަޖެހެއެވެ. ހަގީގަތުގައިވެސް ޕާޓީގެ ނިޒާމަކީ މިތާގެ އާއިލީ ގުޅުމާއި އަޅާކިޔަން ކޯއްޗެއްތޯއެވެ! ވިސްނާލަންޖެހޭ ކަމަކީ ހަމަ ޔަގީނުންވެސް ސިޔާސީ މީހުންނާއި ސިޔާސީ ލީޑަރުންކަމަށް ދައުވާ ކުރާ މީހުންނަކީ ރާއްޖެއަންނަ ފަތުރުވެރިންފަދަ ބައެއްކަމެވެ. ތިމާގެ އާއިލާއާއި ހެޔޮއެދޭ ރައްޓިހިންނަކީ ދުނިޔެ އުމުރަށް ތިމާގެ އަހުން ކަމުގައި ވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫނެވެ.

ސިޔާސީ ލީޑަރުން ދެއިރު ދެދަޅައަށް ކާ ބޭހެން ހެން ޕާޓީ ބަދަލުކުރަމުން އެތަށް ބައެއްކައިރިން މަންފާ ހޯދަމުން ދުވާއިރު ނިކަމެތި ދިވެހިން މިތިބެނީ އެފަރާތްތަކުގެ އަވާގައި ޖެހި އާއިލީ ގުޅުން ކަޑާލައިގެން އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ނުދައްކާ ހިސާބުގައެވެ. މި ހުރިހާކަންތައް ތަކާއިއެކު  ސިޔާސީ މީހުނަށް ބަރޯސާވުން ހުއްޓާލައި އަމިއްލަ ސިކުޑިން ވިސްނައި ރޫޅިފައިވާ އާއިލާތަށް އެއްބައިކުރުން މިއީ މާ މުޙިއްމު ކަމެއްކަމަށް އަހަރެމެން އެންމެންވެސް ވިސްނަންވެއްޖެއެވެ. ސިޔާސީ ގޮތުން ހިޔާލުތަފާތު ވިޔަސް އާއިލީ ގުޅުމަކީ އެއަށްވުރެ މާތް ގުޅުމެއްކަން ހަނދާންކުރަން އެބަޖެހެއެވެ.

ކުދި ކުދި ރައްރަށުގައި ދެތިން އާއިލާއެއް އުޅޭއިރު އެ އާއިލާތަކަށްވެސް ސިޔާސީ ޚިޔާލުތަފާތުވުންތައް ވައްދައި އެފަރާތްތައްވެސް މޫނު ދިމާވުނާ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ. ސިޔާސީ ލީޑަރުން އެބައިމީހުންގެ ޖަމާއަތް ބޮޑުކޮށް ޕާޓީ ވަރުގަދަ ކުރުމަށް ކުރާ މަސައްކަތައްވުރެ ބޮޑަށް އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންވެސް އެބޭފުޅެއްގެ އާއިލާ ވަރުގަދަކޮށް ބަދަހިކުރަން އަޒުމް ކަޑައަޅަން އެބަޖެހެއެވެ. ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރުމަކީ އެއްވެސް ހާލަތެއްގައި އެއްވެސް ގުޅުމަކަށް ހުރަހަކަށް ހަދައިގެން ނުވާނެއެވެ. ސިޔާސީ ގުޅުން އެހެން ހުރިހާ ގުޅުމެއްގެ ފަހަތުގައި ބާއްވާށެވެ.

މިއަހަރަކީ އަނެއްކާވެސް ދިވެހިން 2004 އާއި، 2008 އަދި 2013 ގައި ކުރި ހިއްދަތި ތަޖުރިބާ ކުރަން ނުޖެހޭ އަހަރަކަށް ހަދަން އަޒުމް ކަޑައަޅަން އެބަޖެހެއެވެ. މިއަހަރުގެ ރިޔާސީ އިންތިހާބަށްވެސް ކުރު މުއްދަތެއް އޮތް އިރު އެއްކަލަ ސިޔާސީ މުފައްކިރުންނާއި، ސިޔާސީ ހަދިޔާތައް އޮހެމުންދާނެކަން ދުރާލައި އެގެން އެބަޖެހެއެވެ. އަދި މިއަހަރުގެ އިންތިހާބުގެ ތެރެއިން މާޒީގައި ދިމާވިފަދަ އާއިލީ މައްސަލަތަކާއި އެކުވެރި ރަހުމަތްތެރި ކަމުގެ ގުޅުންތައް ނުކެޑޭނެހެން ތިމާމެންގެ ވިސްނުން އިސްކުރަން ޖެހެއެވެ. ކޮންމެ އިންތިހާބަކާއިއެކީ ވަރިއެއް ނުވަތަ އައު ކައިވެންޏެއް ނުވަތަ އާއިލާތެރޭގައި ވަކި ފިކުރުތަކުގެ ފިތުނަބޮޑުވެ އާއިލާއާއި ވަކިން ދިރިއުޅޭ މިހަކަށް ނުވެ ސިޔާސީ ނިޒާމަށްވުރެ ތިމާގެ އާއިލާއާއި އެކުވެރިކަމުގެ ނިޒާމު ޚަރުދަނާކޮށް ވަރުގަދަކުރުމުގެ އަޒުމް އާކުރަންޖެހެއެވެ. އަދި ކޮންމެ ރައްޔިތަކީ މިއަދުއަޑުއުފުލާ ސިޔާސީ މުފައްކިރުންނަށްވުރެ ބޮޑަށް ދުނިޔޭގެ ކަންކަން ހިނގާނުހިގާގޮތް ބަލާ ޑިމޮކްރަސީއަކީ ކޮބައިކަން ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުން ދަސްވެފައިވާ ބަޔަކަށް ވާން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޥ ވ ސަޅި ހަބަރެއް

  2. މިލިޔުން ލިޔެފައިވާ ކުއްޖާއަކީ މިކަހަލަ ތަޖުރިބާއެއް ލިބިފައިވާ ކުއްޖެއް

  3. ލިބިފައިވާ ތަޖުރިބާއެއްގެ އަލީގައި