ވޯޓް ލާން ރަށަށް ދިޔުމައްށް ރައްޓެއްސަކާ އެކު ޓިކެޓް ނެގުމަށް އެތަށް ސަތޭކަ ކަސްޓަމަރުންގެ ފަހަތުގައި ކެއްތެރިކަން ކުޑަ ކަމާއެކު އަހަރެންވެސް މަޑުކޮއްލީމެވެ. ހީވާގި ކަމާއެކު ތަނުގެ މުވައްޒަފުން ހިނިތުންވެރި މޫނަކާއެކު ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި ދެމިތިބިއެވެ. ކޮންމެ ކައުންޓަރެއްގައިވެސް ހުރި ފޯނު މެދުކެޑުމެއްނެތި ރިންގުވަމުންދެއެވެ. ފޯން ކޯލުތަކަށް އެއްވެސް ފޫހިކަމެއްނެތި އެތަނުގައި ތިބި މުވައްޒަފުން ޖަވާބު އަރުވަމުންދެއެވެ. ކޮންމެ ކޯލަކަށްވެސް އިސްލާމީ ރިވެތި ސަލާމުން ފަށަމުންދާ އަޑަކީ ހިތްފަސޭހަ އަޑެކެވެ. ކޮންމެ ކޯލެއްވެސް ހިނިތުންވުމާއެކު އެތަނުގައި ތިބޭ ވުވައްޒަފުން ނަގާ ޖަވާބު ދާރީވަމުން ދިޔައިރު، ލޮލުގައި އަޅައިގަތީ ތަފާތު މަންޒަރެކެވެ. ހިނިތުން ވުމަކާއެކު ފެށި ކޯލް މޫނުމަތިން އުދާސްކަމާއެކު ނިންމާލާތަނެވެ.

ވާގޮތެއް ބެލުމަށް ކެތް މަދުވީ އެހާހިސާބުންނެވެ. ކަސްޓަމަރުންނާ ވާހަކަ ދެއްކުމަކީ މަސައްކަތުގެ ގޮތުން ކުރަންޖެހޭ ކަމަކަށް ނުވާތީ އެކަމުގެ ތަޖުރިބާއެއްނެތެވެ. ނަމަވެސް މިއީ ކިހިނެތްވާ ކަމެއްތޯ ބެލުމަށްހުރީ ކެތްމަދުވެފައެވެ.

މި ޚިޔާލުގައި ހުއްޓާ އަޅުގަނޑުގެ ނަމްބަރު ޖެހުނެވެ. ކަސްޓަމަރު ގޮނޑީގައި ހަމަ އިށިންނުމާއިއެކު ސާރވިސްދޭން އިން ކުއްޖާގެ މޭޒުމަތީ އިން ފޯނަށް ކޯލެއް އައެވެ. އަޅުގަނޑުގެ އިޒްނައާއެކު އެ ފޯން ކޯލަށް ޖަވާބު ދިނެވެ. މިގޮތަށް ދާދި ދެންމެ އައި ކޯލުން އެކުއްޖާގެ މޫނު މައްޗަށް ގެނުވި އަސަރު ފެނުމުން، މިއީ ކިހިނެތްވާ ކަމެއްތޯ އަދި މިކޯލްތަކަކީ ކިހިނެތް ކިހިނެތް އަންނަ ކޯލްތަކެއްތޯ ބަލާލަން ކެތްމަދުވެފައި ހުރިލެއް ބޮޑުކަމުން ބޮލުގެ އިޝާރާތަކުން އެކޯލް ކުރުމަށް އިޒްނަ ދިނުމަށްފަހު ނިކަން ކަނުލާ ކޯލްގައި އެވާހަކަ ދައްކާ މީހަކު ދައްކާ ވާހަކައަށް ސަމާލުވީމެވެ.

ފޯން ކޯލުން ކީނުކީ އެއްޗެއް ނޭނގުނު ކަމަކު، ވާހަކަދެއްކި މީހާ ހުރީ ވަރަށް ރުޅި އައިސްފައިކަން އެނގެއެވެ. އަޑުގައި އެހެރަ ބިރުވެރިކަމުން ހަމަގައިމުވެސް މިކަން ވަރަށް ރަނގަޅަށް އެނގެއެވެ. ކީ އެއްޗެއް ސާފު ނުވިޔަސް، އެކޮޅުން ވާހަކަ ދެއްކި މީހާގެ ބަސްމަގު އެހާ ރީތި ނޫންކަން އެނގެއެވެ. ގިނައިރުތަކެއް ވާންދެން އެމީހާއާއި ވާހަކަ ދައްކަން އެކުއްޖަކު އިނެއެވެ. އަހަރެންވެސް އޮފީހަށް ދާން ޖެހޭ ގަޑި ކައިރިވަމުން ދިޔަ ކަމަކު ވަރަށްވެސް ކެތްތެރި ކަމާއިއެކު އެތާނގައި އިށީންދެލައިގެން އިނީމެވެ. އެކުއްޖާ އެފޯން ކޯލް ބޭއްވީ ލޮލުން ކަރުނަ ފާއްދާ ލުމަށް ފަހުގައެވެ.

އެކުއްޖާ ފޯނު ބޭއްވުމާއެކު ވީ ކިހިނެއަތޯ ބޭއިޚްތިޔާރުގައި އަހާލެވުނެވެ، ނަމަވެސް އެކުއްޖާ ހީލާފަ ދިން ފިނި ޖަވާބަކުން އެކުދިންގެ ކޮންމެ ދުވަހެއްގެ މަސައްކަތަށް ހިތާހިތުން ތަޢުރީފު ކޮއްލީމެވެ.

"އެއީ ކަމެއް ނޫން. ކަސްޓަމަރެއް ކުޑަކޮށް ހިތްހަމަ ނުޖެހުނީ. އަޅުގަނޑުމެން ކޮންމެ ދުވަހަކު ކުރާ މަސައްކަތް މިއީ." އެކުއްޖާ ބުންޏެވެ.

އޮފީހަށް ދާން ޖެހޭ ގަޑި ޖެހިފައި ހުރުމުން އިތުރު ސުވާލެއް ނުކޮށް ނިކަން އަވަސް އަވަހަށް ކުރަން އައިކަންތައް ނިންމާ އެތަނުން ނިކުތީމެވެ. ނަމަވެސް ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބެއް ނުލިބުނީތީ އެކަމުގެ ނުތަނަވަސްކަން ހިތުގައި އޮތެވެ. އޮފީހަށް ގޮސް އެންމެ ފުރަތަމަވެސް ވާޖިބެއް ކަމުގައި އަހަރެން ބެލީ މިސުވާލުތަކުގެ ޖަވާބު ހޯދުމެވެ. ފޯން ނަގާ ފޯނުގައި ހުރި ނަންބަރުތައް ހާވަން ފެށީމެވެ. މިކަހަލަ ކަސްޓަމަރސާވިސްދޭ ތަނެއްގައި މަސައްކަތް ކުރާ ރަޙްމަތްތެރިއަކު އަތުގައި ޖެހޭ ތޯއެވެ.

ނަސީބު ވަރަށްވެސް ރަނގަޅެވެ. މާކަ ގިނައިރަކު އަތްފުނާ އަޅާކަށް ނުޖެހުނެެވެ. ފޯންގެ ކޮންޓެކްޓްގެ ފުރަތަމަ އިނީވެސް ބޮޑު އެއަރލައިން ކުންފުންޏެއްގައި މަސައްކަތް ކުރާ ރަޙްމަތްތެރިއެވެ.

"އޭތް ލަޔާލް! ސުވާލަށް ކޮށްލަން މިގުޅާލީ. ޓިކެޓް ރިޒަވޭޝަން ހައްދަން އަންނައިރު އެއަންނަނީ ކޮން ކޯލްސްތަކެއްތަ؟ ބޮސްތަ ގުޅާފަ ބަވާލަނީ؟ ކީތްވެތަ އެންމެން ކޯލް ނިންމާލާއިރު ރޮވިފައި ހުންނަނީ." ހިތުގައި އުފެދިފައިވާ ސުވާލުތައް އެއްފަހަރާ ބަންޑުންކޮށްލީމެވެ.

އެކުވެރިޔާ ކުރެވުނު ސުވާލުގައި ލިބުނު ޖަވާބު ތަކުން އެއްޗެކޭ ނުބުނެ އެތަށް އިރަކު ހުރެވުނެވެ. ޚިޔާލު ކުރި ގޮތާ ޚިލާފަށް ކަންހިނގީމައެވެ.

އެދުވަހު ޓިކެޓް ނަގަންގޮސް އެތާންގައި ކަންވީގޮތް ފަހުމްވީ އެހިސާބުނެވެ. އެކުއްޖާއަށް ހިތުގައި އޮތްނެތް އެއްޗަކަށް އެގޮވީ ކަސްޓަމަރެކެވެ. އަދި ގުޅާފައި ހިތުގައި އޮތް އެއްޗެއް އެގޮވާލަނީ އެއެއް މިއެއް ނުބަލައެވެ.

އެކުވެރިޔާ ކިޔާދިން ގޮތުގައި މިގޮތަށް ގިނަ ފަހަރު ކަސްޓަމަރުން ގުޅާފައި "ބަވާލަނީ" ފްލައިޓް ލަސްވުމުގެ ސަބަބުންނެވެ. ފޯނަށް ޖަވާބުދިން ކުއްޖާގެ ކުށަކަށްވީ ލަސްވި ވާހަކަ ކަސްޓަމަރުންނަށް އެންގުމެވެ. ފަރުވާތެރި ކަމާއެކު ވަޒީފާގެ މަސްހޫލިއްޔަތު އަދާކުރުމުންނެވެ.

ހަމަގައިމުވެސް ކައުންޓަރުގައި އެއިން ކުއްޖާއަށް ފުރުން ލަސްވި ސަބަބު އެނގޭނެހެންވެސް ހީއެއްނުވެއެވެ. އެކުދިން އަންގަމުން ދިޔައީ އެކުދިންނަށް އެންގުމަށް މަތީ ފަރާތުން ނުވަތަ ފްލައިޓް އޮފަރޭޓް ކުރާ ފަރާތުން ބުނަމުން ދިޔަވާހަކައެވެ. ފްލައިޓް ލަސްވުމުން އެއައި ރުޅިގަނޑު ބާލާލަނީ ޚިދުމަތް ދޭން ހުންނަ ކުއްޖާއަށެވެ. އެކުއްޖާގެ ކުށެއް މިކަމުގައި ނެތް ކަމަކު ފަރުވާއެއް ނެތެވެ.

މިގޮތަށް އެތަކެއް ފަހަރު ކަސްޓަމަރުންނަށް ޚިދުމަތް ދޭންތިބޭ ފަރާތްތަކަށް އެއްޗެހި ގޮވާތަން އާދެއެވެ. މިއީ އެންމެ ދުވަހެއްގެ ވާހަކައެއްނޫނެވެ. ކޮންމެ ދުވަހެއް ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އަވަދި ނެތި އުޅޭމީހުންގެ ވާހަކައެކެވެ. މުވާސަލާތީ ޚިދުމަތް ދޭ ތަންތާންގައި ތިބޭ މުވައްޒަފުންނަށް ހިތު ހުރި އެއްޗެއް ގޮވާ މީހުންވެސް މަދެއްނޫނެވެ. ނަމަވެސް ބްރިޖްއެއް އަދި އޮތް ކަމަކު އެއީ ތަރައްޤީވީއެއް ނޫނެވެ. ޙަޤީޤީ ތަރައްޤީއަކީ އިންފްރާސްޓްޗާރ އާއެކު ވިސްނުންވެސް ތަރައްޤީވުމެވެ. މިއީ ތަހުޒީބުކަމަށް ލޯބިކުރާ މީހުންގެ ކިބައިން ފެނިގެން ނުވާނެ ނާތަހުޒީބު އަމަލެކެވެ. މިކަމަށް އެންމެންެވެސް ވިސްނާލަމާ ހިނގާށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާދަނު

    ތީ ތެދު ވާހަކަ އެއް، ރާއްޖޭގެ ގިނަ މީހުންގެ ނުހުރޭ އިޚްތިރާމް ކުރިމުގެ ރިވެތި ގޮއި ގިނަފަހަރު ޚިދުމަތް ދޭން އިންނަ ކުއްޖާ މައިން ބަފައިން އެއް އުމުރު މީހު ނުބައި އެއްޗެހި ގޮވާ އިރު ނޭނގޭ މީ ތިމާގެ އަމިއްލަ ދަރިފުޅު ވަރު ކުއްޖެއް ކަން

  2. ދިވެހިވަންތަކަމެއްނެތް މިހާރު

    ޒަމާނުއްސުރެ މަޝްހޫރު ދިވެހީންގެ އެއްބައީވަންތަކަމާ ރީތީ އަޚްލާގީ މިންގަނޑު ގެއްލީ އެއްވެސް ރީތީ އަދަބު އަޚްލާގެއް ނެތް މިހާރު. ވ ދެރަ. ޑީވެލޮޕްވުން ސަޅިކަމަކު ޑީމޮކްރަސީ ދިވެހިން ހަލާކުކޮއްލައިފި

  3. ކްލިނިކް އެސިސްޓްންޓް

    މީއަހަރެމެންނަށްވެސް ވާ ގޮތް. ޑޮކްޓަރުން އެދުވަހެއްގެ އެޕޮއިންޓްމަންޓްްސް ކެންސަލް ކުރީމަ އަޅުގަނޑުމެން ގުޅަނީ ކެންސަލްވި ވާހަކަ ބުނަން. އެކަމަކު ޕޭޝަންޓުން ރުޅިއަންނަނީ އަޅުގަނޑުމެން ދެކެ. ޑޮކްޓަރަށްް އާދެވެން ނެތް އިރުވެސް ޕޭޝަންޓުން ގެެނެސް ކިޔުގަ ޖަޢްސާފަ ބައިތިއްބަންވީތޯ؟

  4. ދިވެއްސެއް

    ޚިދުމަތް ހޯދަން އައި މީހެއް އެބަހުރި އަޅުގަނޑާ ދިމާލަށް ވަރަށް ބޮޑާ ގޮތަކަށް މުއާމަާތް ކޮށްފަ. އެއީ އަޅުގަނޑަށް ނުބައިކޮށް ބެލެންސް ދެވިގެން. ދެވުނީ 100ރ އިތުރަށް. އެހެންވެ އަޅުގަނޑު ދަށް ކޮށްލާފަ އޭރު އޭނަ ކައިރީގަ ހުރި ޔޫރަޕް ގާލްފްެރެންޑް/ވައިފް ކައިރި ކޮންމެވެސް އެއްޗެހިތަކެއް ކިޔާފަ ލޯއެޅި.
    އިތުރަށް ދިނީމަވެސް ހިފައިގެން ދާކަށް ނޭނގުނު.

  5. ޖުހާ

    އެންމެފަހުން ލިޔުން ތިޔަ ނިންމާލީ އަރީހުގެ ހިތުގައި އޮތް ސިޔާސީ ހަސަދަ އަށްދޯ؟ މިލިޔުމާ ބުރިޖާ ހުރީ ކޮން ގުޅުމެއް؟