ދުނިޔެ މި ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބަދަލު ވަމުންނެވެ. ދުނިޔެ އެކޭ އެއްގޮތަށް ރާއްޖެ ވެސް މި ވަނީ ތަހުޒީބުގެ އޮއިވަރުގައި ޖެހި ތަމައްދުނުގެ ކުލަވަރާއި ދިމާލަށް މިސްރާބު ޖަހާފައެވެ. ހަމަ އެހެންމެ، ޔޫރަޕްގެ ފެޝެންތައް ތަޢާރަފު ވަމުން މި ދަނީ ވެސް ނުލާހިކު ހަލުއި ދުވެލީގައެވެ. ވަކީން ޚާއްސަކޮށް ކެއުން ބުއިމުގެ ވަށްޓަފާޅި ފާހަގަ ކޮށްލާނަމެވެ.

މިއަދު އަޅުގަނޑުމެން ބަނޑުފުރައި މުއްތިކޮށް މި އުޅެނީ ބޭރު ބައެއްގެ އަމިއްލަ ކޮށްތުންނެވެ. ތިން އިރު ތިން ދަޅައަށް ކޭން ބައްލަވަނީ ބޭރުން ތަޢާރަފު ވެގެން މި އުޅޭ ކޮންމެވެސް ޒާތު ކާ އެއްޗަކުންނެވެ. އެއީ ވެސް ހަމަ ފެޝަނަކޯލައެވެ. މޮޅެތި ނަން ކިޔާފައި "ރަހަޔަކުން ރަހައެއް" ނުލައި އެހެރަ "ރަން" އަގުގެ އެއްޗެހި ނޫނިއްޔާ ދިރުވޭ ކަމަކަށްވެސް ނުވެއެވެ. އެ ފަދަ ކޮންމެވެސް ޝަވަރުމަލަކާއި ސަބްމެރިނަކާއި ޕިއްޒާއެއް މަދުވެގެން މަހަކު އެއް ފަހަރު ނުކައިފީ ވިއްޔާ "މީހަކަށް" ވެސް ނުވަނީއެވެ.

Related image

ހަފްތާއެއް ކީއް ކުރަން ހެއްޔެވެ؟ މަހަކު އެއް ފަހަރު ނަމަވެސް ދިވެހިންގެ އިހުގެ ނަން މައްޝޫރު އެއް ކޮއްތު ކަމުގައިވާ "ގަރުދިޔަ އާއި ބަތް" ކައި އުޅޭ ދިވެހީންގެ އަދަދު އިނގިލިން ގުނާލެވޭހައި މަދު ވާނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެމެވެ. ހިތާމައަކީ ގިނަ ގޭގައި މި ފަދަ ދިވެހި ކެއުން ތައްޔާރުވެސް ނުކުރާތީއެވެ. ގޭގައި އުޅޭ ބޮޑެތިވެރިން ބޭރުގެ ކެއުންތަކަށް ލޯބިކޮށް ދިވެހި ކެއުންތައް ކުދިވެރީންނަށް ދަސްކޮށް ނުދޭ ކަމުގައި ވަނީ ނަމަ، އެ ކުދީންވެސް ބޮޑެތިވުމުން ދިވެހި ކެއުންތަށް މަތީން އެއްކޮށް ހަނދާން ނައްތާލާނެއެވެ. އޭރުން ދުރު މުސްތަޤުބަލެއްގައި "ދިވެހި ކެއުން" އެއީ ހަމަ އެކަނި ފޮތްފޮތުގައި ލިޔެވިފައި އޮންނަ ބަހެއް ކަމުގައި ނޫނީ ނުވާނެއެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ، މިއީ ކާބަފައިން އަޅުގަނޑުމެންގެ އަތަށް ދޫކޮށްދިޔަ މަތިވެރި ޚަޒާނާއާއި މެދު ޢަމަލުކުރުން އެންމެ އެދެވޭ ރަނގަޅު ގޮތްތޯއެވެ؟

Image result for junk food

ބޭރުގެ ކެއުންތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވައިފައި މި ހުންނަ "ފާސްޓް ފުޑް ރެސްޓޯރެންޓް، ކެފޭ" ތަކުން އެ ލިބެން ހުންނަ އެއްޗިއްސަށް މީހުން ދޯޅުވެފައި ތިބޭވަރުން، އެ ފަދަ އެއްޗެހިން ވިޔަފާރި ވެރިންނަށް ވަރަށް ނަފާ ވާކަންވެސް ދެނެހުރީމެވެ. މިކަމުގެ ސަބަބުން "ބަރު" ވެގެން ދާނީ ހަމަ މި ދިވެހި ބިމުގެ ދިވެހި ދަރީންގެ ޖީބުތައްކަން ވެސް އެނގެއެވެ. އެކަމަކު އެހެންނޭ ކިޔާފައި ދިވެހިންގެ ދިވެހި ކެއުންތަކަށް ފައިން އަރާ ޗިސްޗިސްކޮށް ބިމުގައި ވަޅުލެވޭނެ ހެއްޔެވެ؟ ނޫނެކެވެ. އޭރުން ވާނީ އަމިއްލަ ޤައުމުގައި، އެހެން ބައެއްގެ ނުފޫޒާއި ބާރު ހިނގަނީ ކަމުގައެވެ. ކުރުކޮށް ބުނަނީ ނަމަ، ކެއުން ބުއިމުގައި ބޭރު މީހުންނަށް "އަޅުވެތި" ވަނީ ކަމުގައެވެ.

ކޮންމެއަކަސް، މި ނޫން އެހެން ގޮތަކަށް ކެއުމުގެ ކަންތައްތައް ބައްޓަން ކުރަން އެބަ ޖެހެއެވެ. މިހާރުވެސް ގެއްލެމުން އެދާ "ދިވެހި ކެއުންތައް" އަލުން އާރާސްތު ކުރުމަށް މަސައްކަތް ކުރަން މިހާރުވެސް މާ ލަސް ވެއްޖެއެވެ. މިހާރުން ފެށިގެން، މި ކަމަށް އަވަސް ހައްލެއް ނުހޯދައިފިނަމަ، ދާދި އަވަހަށް ބޭރު ކޮއްތުތަކުގެ ވަކިތައް މި ބިމުގައި ހިއްޕާލާނެކަން ކަށަވަރެވެ. އެހެންކަމުން، އެ ވަކިތަކުގެ ބާރު ކަނޑުވާލުމަށް އެންމެން އެކީ މަސައްކަތް ފަށަމާތޯއެވެ!

ކިޔުންތެރިންގެ ހިޔާލު