އައިޝަތު ޒަލްޚާ ޒުހުރީގެ އުމުރުން ހައަހަރެވެ. އޭނާގެ އާއިލާ އަށް މީގެ ދެއަހަރު ކުރިން ކުއްލިއަކަށް ލިބުނު ހިތާމަވެރި ޚަބަރަކީ ޒަލްޚާ އަށް ލޭގެ ކެންސަރު ޖެހުނު ޚަބަރެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ލޭގެ ކެންސަރަށް މިހާރު ފަރުވާ ހޯދަމުން ދާއިރު ޒަލްޚާގެ ޙާލަތު ރަނގަޅު ކުރުމަށް ޑޮކްޓަރުން ކުރަމުން ގެންދާ މަސައްކަތް ﷲ ގެ ވާގިފުޅާއި އެކު ކާމިޔާބު ވޭތޯ ހުރިހާ ފަރާތެއްގެ ހެޔޮ ދުއާ އާއިލާ އަށް ބޭނުން ވެއެވެ. އޭގެ އިތުރުން އާއިލާގެ ހާލަތު ހުރި ގޮތުން އެއާއިލާ ވަނީ ނިހާޔަތައް މާލީ އެހީތެރިކަމަށް ބޭނުން ވެއެވެ.

ފ.ބިލެއްދޫ އަށް ނިސްބަތްވާ ޒަލްޚާއަށް ލޭގެ ކެންސަރު ޖެހިފައިވާކަން އާއިލާ އަށް އެނގުނީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހު އެވެ. އޭގެ ފަހުން މިހާތަނަށް ވެސް ޒަލްޚާ އަށް އިންޑިއާގައި ގެންދަނީ ފަރުވާ ދެމުންނެވެ.

ޒަލްޚާއަކީ އޭނާގެ މަންމައާއި ބައްޕަގެ އެންމެ ހަގު ދަރިފުޅެވެ. ޒަލްޚާގެ އެއްބަނޑު އެއްބަފާ އިތުރު 6 ކުދިން ތިބިއިރު އޭނާގެ މައިންބަފައިންގެ ހާލަތު ހުރި ގޮތުން ބޮޑު މާލީ ބުރައެއް އުފުލުން ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައެވެ. މިހާތަނަށް ޒަލްޚާ އަށް "ވަގުތު އެހީ" އިން އައީ ކޮންމެ މަހަކު އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް މިހާރު "ވަގުތު އެހީ" ފަންޑްގެ ފައިސާ ހުސްވެފައި ވާތީ ޒަލްޚާގެ އާއިލާ އަށް ވަނީ ޒަލްޚާގެ ފަރުވާ ފުރިހަމަަ ކުރުމަށް ދަތިތައް ދިމާވެފައެވެ.

އައިޝަތު ޒަލްޚާ ޒުހުރީ
އައިޝަތު ޒަލްޚާ ޒުހުރީ

ޒަލްޚާގެ ފަރުވާ އާސަންދަ އިން ކަވަރު ކުރަމުން ގެންދިޔަ ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގައި ތިބުމަށް ބޮޑު ޚަރަދެއް ކޮންމެ މަހަކު ކުރަން ޖެހެއެވެ. ޒަލްޚާ ކައިރީގައި ހުންނަން ޖެހުމުން ޒަލްޚާގެ ބައްޕަ އަށް ވެސް އާމްދަނީ ހޯދަން މަސައްކަތެއް އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ ގޮތެއް ނެތެވެ. އަދި އާއިލާއަށް އާމްދަނީ ލިބޭނެ އިތުރު މަގެއް ވެސް ނެތެވެ.

ޒަލްޚާ އަށް ފަރުވާ ކުރުމުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކުން ޒަލްޚާގެ ފަރުވާ އިން ކެންސަރުގެ އަސަރު ހަށިގަނޑުން ފިލުވައި ލެވިދާނެ ކަމުގެ އުއްމީދު ޑޮކްޓަރުންނަށް ވަރަށް ބޮޑެވެ. މިކަމަށްޓަކައި އާއިލާ އަށް ބޭނުން ވަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމެވެ.

ޒަލްޚާގެ އާއިލާ އަށް ލިބޭ އެހީ ޚަރަދު ކުރުމަށް ހަމަޖެހިފައި ވަނީ މަސްތަކަށް ބަހާލައިގެން ކުރަން ޖެހޭ ޚަރަދުތައް "ވަގުތު" އާއި ވެސް ހިއްސާ ކޮށްގެންނެވެ. އެހެންކަމުން ޒަލްޚާގެ ފަރުވާ އަށް އެހީގެ ފައިސާ ޚަރަދު ކުރެވޭނެ ކަމުގެ ކަށަވަރުކަން އޮންނާނެއެވެ.

ޒަލްޚާ އަށް އެހީ ވެދެއްވަން ބޭނުންވާ ފަރާތްތަކުން ޒިމާން ޒުހުރީގެ ބޭންކް އޮފް މޯލްޑިވްސް ދިވެހި ރުފިޔާ އެކައުންޓް 7730000177201ނުވަތަ ޑޮލަރު އެކައުންޓް 7730000090542 އަށް ފައިސާ ޖަމާ ކޮށްދިނުމަށް އާއިލާ އިން އެދެއެވެ. އަދި އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ ޒަލްޚާގެ ދައްތަ 9739515 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ޒަލްޚާ އަށް މާތްﷲ އަވަސް ޝިފާއެއް ދެއްވާށިއެވެ. އާމީން

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން