މަޑުއްވަރީ ކުނިގޮނޑު ފުރި ބާރުވެފައި - ވަގުތު އިމޭޖަސް: އިބްރާހިމް ޝަބިލް
މަޑުއްވަރީ ކުނިގޮނޑު ފުރި ބާރުވެފައި - ވަގުތު އިމޭޖަސް: އިބްރާހިމް ޝަބިލް

(ރ. މަޑުއްވަރީ) ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް އެކި ރަށްރަށުން އެކި ގޮތްގޮތަށް މަސައްކަތް ކުރެއެވެ. އެއްބަޔަކު އަންދައިގެން އަންދާލެވޭ ކަހަލަ ކުނިތައް ނައްތާލައެވެ. އަދި ބައެއް ކަހަލަ ކުނިތައް ވަޅުލައިވެސް ހަދައެވެ.

މިރަށަކީ ކުނި ނައްތާލުމަށްޓަކައި އަންދާލައިގެން ކުނި މެނޭޖްކުރަމުންދާ ރަށެކެވެ. ރަށުގެ ރައްޔިތުންގެ އެއްބާރުލުމާއެކު، އެއްތަނަކަށް ކުނި އަޅައި އަންދާލެވޭ ކުނިތައް އަންދާލައި، އަންދާ ނުލެވޭ ކުނިތައް އެއް ސަރަހައްދަކަށް އެއްކުރަމުން ދާތާ އެތައް ޒަމާނެއް ވެގެންދިޔައިރު އިތުރު މައްސަލަތަކެއް މިވަނީ ފެންމަތިވެފައެވެ.

މަޑުއްވަރީ ކުނި މެނޭޖްކުރަން ބޭނުންކުރާ ސަރަހައްދު - ވަގުތު އިމޭޖަސް: އިބްރާހިމް ޝަބިލް
މަޑުއްވަރީ ކުނި މެނޭޖްކުރަން ބޭނުންކުރާ ސަރަހައްދު - ވަގުތު އިމޭޖަސް: އިބްރާހިމް ޝަބިލް

ވަންދޫ ޕްރޮޖްކެޓާއެކު ކުނީގެ މައްސަލައަށް ބޮޑު ބަދަލެއް ގެނެވޭނެކަމަށް މުޅި މިއަތޮޅުގެ ރައްޔިތުންނާއި ކައުންސިލުން ތިބިއިރު، މިރަށުގެ ކައުންސިލުންވެސް ތިބީ އެ ދުވަހެއްގެ އިންތިޒާރުގައެވެ.

މިރަށު ކައުންސިލްގެ ރައީސް އަބްދުލް ރަހީމް ވިދާޅުވީ މިހާރު ދުވަހުން ދުވަހަށް އުފެދޭ ނައްތާލެވޭ ކުނިތައް އެދުވަހުން ދުވަހަށް ނައްތާލެވޭކަމަށެވެ. އެހެންނަމަވެސް އެކަމުގައިވެސް މިހާރު ގޮންޖެހުންތަކެއް އެބަހުރި ކަމަށް ރައީސް ފާހަގަކުރިއެވެ. އެގޮތުން މިރަށުގައި ގާއިމްކުރެވިފައިވާ ކުނިކޮއްޓެއް ސަރުކާރުން އަޕްގްރޭޑް ކޮށްދީފައިވީ ނަމަވެސް، އެތަން ފުރެންދެން ދަޅާއި ފުޅި އަދި ދަގަނޑު އެއްކުރެވި މުޅި އެސަރަހައްދު ތޮއްޖެހި ފުރިފައިވާކަމަށް ރަހީމް ވިދާޅުވިއެވެ.

މަޑުއްވަރީ ކުނި ކޮށި - ވަގުތު އިމޭޖަސް: އިބްރާހިމް ޝަބިލް
މަޑުއްވަރީ ކުނި ކޮށި - ވަގުތު އިމޭޖަސް: އިބްރާހިމް ޝަބިލް

ރަހީމް ވިދާޅުވީ ކުނި މެނޭޖްކުރުމުގެ ތެރެއިން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓަށް ތައްޔާރުވުމުގެ ގޮތުން މިރަށު ފެންވަރުގައި ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދެވުމަށް ކުނި ކޮށީގައި ހުރި އެތަކެތި ނައްތާލެންޖެހޭކަމަށެވެ. އެގޮތުން އެކި ސިފަސިފައިގައި މިނިސްޓްރީގައިވެސް އެ ވާހަކަތައް ދެކެވިފައިވާކަމަށް ރަހީމް ވިދާޅުވިއެވެ.

"މިނިސްޓްރީން ވިދާޅުވެގެން އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ އަމިއްލަ ހަރަދުގައި ޖަމްބޯ ބޭގްސްތައް ގެނެސް ނައްތާނުލެވޭ ކުނިތައް އަޅާފަ ބަހައްޓާފަ. ގާތްގަނޑަކަށް 30 ޖަމްބޯ ބޭގްސް ފުރެންދެން ދަނގަޑާއި އެއްޗެހި އަޅާފަ ހުންނާނީ. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެތަކެކި ވަނީ ނައްތާނުލެވިފަ". ރައީސް އަބްދުއް ރަހީމް ވިދާޅުވިއެވެ.

ރަހީމް ވިދާޅުވީ މިދިޔަ ފެބްރުއަރީ މަސް ތެރޭގައި މިނިސްޓްރީން ވިދާޅުވެގެން ޖަމްބޯ ބޭގްސްތައް ގެނެސް ނައްތާނުލެވި ހުރި ދަނގަޑު ފަދަ ބާވަތްތައް އަޅާފައި ބެހެއްޓިފައިވާކަމަށެވެ. އެހެންނަމަވެސް އެތަކެތި ގެންދިޔުމަށް މިނިސްޓްރީން އަދިވެސް އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށް ރަހީމް ވިދާޅުވިއެވެ.

"އެތަކެއްޗާއެކު އަނެއްކާވެސް އެހެރީ އިތުރު ގޮނޑެއް ހެދިފަ. އެކަމާއި ގުޅިގެން ޖުލައި މަސްތެރޭ ކުރިއަށް ގެންދިޔަ ސާފް ރާއްޖެ ކެމްޕެއިންގައިވެސް މިނިސްޓްރީގައި ވަނީ ދަންނަވާފަ.".

މަޑުއްވަރީ ކުނި ކޮށި - ވަގުތު އިމޭޖަސް: އިބްރާހިމް ޝަބިލް
މަޑުއްވަރީ ކުނި ކޮށި - ވަގުތު އިމޭޖަސް: އިބްރާހިމް ޝަބިލް

ކައުންސިލްގެ ރައީސް އަބްދުލް ރަހީމް ވިދާޅުވީ މިނިސްޓްރީން މައުލޫމާތުދިންގޮތުގައި ވެމްކޯ އާ ހަވާލުކޮށްގެން ނ،ރ،ބ،ޅ އަތޮޅުގައި ހުރި ހުރިހާ ކުނި ގޮނޑުތަކެއް ސާފްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ގެންދަވާކަމަށެވެ. އަދި އޮގަސްޓް މަސް ތެރޭގައި އެ މަސައްކަތްވެސް ނިމި އެއްކޮށް ސާފަކުރެވޭނެކަމަށް މިނިސްޓްރީން ވިދާޅުވިކަމަށް ރަހީމް ފާހަގަކުރިއެވެ.

"މިއަދާއި ހަމައަށް އައިއިރުވެސް އަދިވެސް އެބޭފުޅުންގެ ފަރާތުންވެސް މާ އެދެވޭ ޖަވާބެއް ނުލިބޭ. އަދި މަސައްކަތްތަކެއް ކުރެވިގެން ދާތަނެއްވެސް ނުފެނޭ. އިތުރަށް ލިބުނީ ހަމައެކަނި 20 ޖަމްބޯ ބޭގްސް". ރައީސް ރަހީމް ވިދާޅުވިއެވެ.

ރަހީމް އިތުރަށް ވިދާޅުވީ މިނިސްޓްރީން ދީފައި ހުރި ނަމްބަރުތަކަށް މިހާރު ނުގުޅޭކަމަށާއި، ކުނީގެ މައްސަލައާއި ގުޅިގެން މިދިޔަ ހަފްތާވެސް މިނިސްޓްރީގެ ބޭފުޅަކާއި ވާހަކަދެކުވުނުކަމަށެވެ.

"ކުނީގެ މައްސަލަ އަޅުގަނޑުމެންނަށް އެއްކޮށް ހައްލުކުރެވޭނީ މުޅި އެތަން އެއްކޮށް ސާފްކޮށްގެން. ވަންދޫ ޕްރޮޖެކްޓް ފެށުނު ކަމުގައިވިޔަސް އެތަން ސާފްކޮށްގެން ނޫނީ ކައުންސިލްގެ ޕްލޭން އާ އެއްގޮތަކަށް އެ މަސައްކަތެއް ނުކުރެވޭނެ.". ރައީސް އަބްދުއް ރަހީމް ވިދާޅުވިއެވެ.

މަޑުއްވަރީ ކުނިގޮނޑު ފުރި ބާރުވެފައި - ވަގުތު އިމޭޖަސް: އިބްރާހިމް ޝަބިލް
މަޑުއްވަރީ ކުނިގޮނޑު ފުރި ބާރުވެފައި - ވަގުތު އިމޭޖަސް: އިބްރާހިމް ޝަބިލް

މިރަށުގެ ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކައުންސިލުން ވަނީ ޕްލޭނެއް ތައްޔާރުކޮށްފައެވެ. އެ ޕްލޭނާ އެއްގޮތަށް މަސައްކަތްކުރެއްވުމަށް ކައުންސިލުން އޮތީ ތައްޔާރަށެވެ. އެގޮތުން ކުނި ގޭގެއިން ނަގާނެ އަގުތަކާއި އެއްޗެހި ކަނޑައެޅިފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މިރަށުގައި ކުނިތައް ކުނިގޮނޑަށް ގެންދަނީ ރައްޔިތުން އަމިއްލައަށެވެ. އަދި އެ ކުނިކޮށި މެނޭޖްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަނީ މިރަށުގެ އަންހެނުންގެ ކޮމިޓީންނެވެ.

ކައުންސިލުން ވިދާޅުވީ ކުނިކޮއްޓަށް ބައެއް ފަރާތްތަކުން ކުނި އަޅާއިރު ރަށުގެ ބައެއް ސަރަހައްދުތަކަށް ނެޕީފަދަތެކެތި އުކާލާފައި ހުންނަތަން ފެންނަކަމަށެވެ.

މަޑުއްވަރީގެ ބައެއް ސަރަހައްދުތަކަށް ކުނި އަޅާފައި - ވަގުތު އިމޭޖަސް: އިބްރާހިމް ޝަބިލް
މަޑުއްވަރީގެ ބައެއް ސަރަހައްދުތަކަށް ކުނި އަޅާފައި - ވަގުތު އިމޭޖަސް: އިބްރާހިމް ޝަބިލް

މިރަށުގެ ކުނިކޮށީގެ ހާލަތު ވަގުތު ހޭރިޔާ ޓީމަށްވެސް ވަނީ ފެނިގެން ގޮސްފައެވެ. ކުނި ކޮށި އޮތީ ފުރިގެން ބަންޑުންވާއަތަށް އަޅާފައެވެ. ރަށުގެ ރައްޔިތުންވެސް އަދި ކައުންސިލުންގެވެސް އެންމެ ބޮޑު އެދުމަކީ މިރަށުގެ ކުނިކޮށި އެއްކޮށް ސާފްކުރެވި ކައުންސިލްގެ ޕްލޭނާއި އެއްގޮތަށް ކުނި ނައްތާލުމުގެ މަސައްކަތްތައް ފެށިގެން ދިޔުމެވެ.

ADS BY SHEESHA

"ވަގުތު" އިން ރ. އަތޮޅަށް ކުރި "ހޭރިޔާ" ދަތުރުގެ މެއިން ސްޕޮންސަރ އަކީ މޯލްޑިވް ގޭސް އެވެ.

Comments are closed.