އަލީފް އާއި ސޮފޫ "ވަގުތަށް" މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
އަލީފް އާއި ސޮފޫ "ވަގުތަށް" މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ

(ފުވައްމުލައް ސިޓީ) "ލޯބި" މިއީ ކުރު ލަފްޒެކެވެ. އެހެންނަމަވެސް އެތައް އިހްސާސް ތަކާއި ގުޅިފައިވާ، އެތައް މާނަ ތަކަކުން ފުުރިފައިވާ ޖަޒްބާތެކެވެ. ކޮންމެ ނަސްލެއްގެ ކޮންމެ މީހަކަށްވެސް ލޯބި ބޭނުންވެއެވެ. އުފާވެރި ދިރިއުޅުމެއްގެ ހުވަފެން ދެކެމުންނެވެ. ވަކިކަހަލަ މީހަކަށް ވީމާ ލޯބިން މަހްރޫމް ވާކަށް ނުޖެހެއެވެ. އެއީ ހުރިހާ ހިއްސުތަކެއް ހަމަނުވިކަމުގައި ވިޔަސްވެސް މެއެވެ. ލޮލުން ނުފެނުނު ކަމުގައިވިޔަސް ލޯބީގެ ވަރުގަދަ ޖަޒްބާތުގެ ސަބަބުން ދުނިޔެ ފެނެއެވެ. ކަންފަތަށް އަޑު ނީވުނެއް ކަމަކު، ހިތުގައި ހިނގާ ލޯބީގެ މިއުޒިކީގެ އަޑު އިވެއެވެ. ވާހަކަ ނުދެއްކުނު ނަމަވެސް ލޯބީގެ ޝުއޫރު ފާޅުކުރުމަކަށް ބުރޫއެއް ނާރާނެއެވެ.

މިއީ އަޑުނީވޭ ވާހަކަ ނުދެއްކޭ ދެމަފިރިއެއްގެ ވާހަކައެވެ. ފުވައްމުލަކު މިސްކިތްމަގު، އާފް، އަހްމަދު އަލީފް އާއި ސަފްވާ އަހުމަދު (ސޮފޫ)ގެ ވާހަކައެވެ. ވާހަކަނުދެއްކޭ މީހަކަށް ވުމަކުން އޭނާ އަކީ މުޖުތަމައުން އެކަހެރި ވެފައިވާ މީހަކަށް ނުވެއެވެ. އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަކަށް ވެސް ހުރަހެއް ނެތެވެ. ދިރިއުޅުމުގައި ކުރިއަށް ދިއުމަށްޓަކައި ދެމީހުންވެސް އެންމެ ތަންކޮޅެއްވެސް ފަހަކަށް ނުޖެހެއެވެ. މިކަމުގެ ހެއްކަކީ މިހާރު ދެމީހުން ދިރިއުޅެމުންދާ އުފާވެރި ދިރިއުޅުމެވެ.

ރަށު ފެންވަރުގައި ނުކުޅެދޭ ކުދިންނަށް ދެވޭނެ އެންމެ ރަނގަޅު ތައުލީމު އަލީފަށް ދިނުމަށްފަހު އާއިލާ އިން ބޭނުންވީ އަލީފް ވެސް ޒަވާޖީ ހަޔާތެއް ފަށައި އުފާވެރު ދިރިއުޅުމެއް އުޅޭތަން ދެކޭށެވެ. އެއީ އޭނާ އަށް ވެސް އުފާވެރިކަން ހޯދައި ދިނުމަށެވެ. އާއިލާ އިން އޭނާ އަށް ކުއްޖަކު ހޯދައިދީފައި ވީނަމަވެސް އެވާހަކަ އަލީފަކަށް ނާންގައެވެ. ކިޔެވުމުގެ ދައުރު ނިމި ޒުވާން ފުރައަށް އެރި އިރު އަލީފް ހިތުގައި ވެސް ޖަޒްބާތު ތަކެއް އުފެދޭނެކަން އެނގޭތީއެވެ. ނުކުޅެދުންތެރިކަމުގެ އިހްސާސް އޭނާއަށް ވިޔަ ނުދިނުމަށްޓަކައެވެ.

އަލީފްގެވެސް ވިސްނުންހުރީ އާއިލާއިން އުންމީދު ކުރިގޮތާ އެއްގޮތަށެވެ. އޭނާވެސް ދިޔައީ އޭނާގެ ހަޔާތުގެ ބައިވެރިޔާ ހޯދަމުންނެވެ. މިކަމުގެ މެދުވެރިއަކަށްވީ ފޭސްބުކްއެވެ. 2011 ވަނަ އަހަރު ފޭސްބުކް އިން ސޮފޫ އާއި ދިމާވެ ދެމީހުންގެ މެދުގައި ރަހްމަތްތެރިކަން އުފެދުނެވެ.

2011 ވަނަ އަހަރު ދެމީހުން ދިމާވެ ގުޅުން ބަދަހި ވަމުން ދިޔައެވެ. ސޯޝަލް މީޑިއާގެ އެހީގައި ދެމީހުންގެ ގުޅުން ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން ދިޔައިރު 2013 ވަނަ އަހަރު ވެގެންދިޔައީ އެ ގުޅުން އިތުރަށް ހާއްސަ ވެގެންދިޔަ ދިޔުމަށެވެ. މަންމަ އާއިވެސް ނުސީދާގޮތެއްގައި އަލީފް އެވާހަކަ ހިއްސާ ކުރިއެވެ. އަދި މަންމަ ބޭނުންވާނެ ގޮތް އެނގުމުން އޭނާ ވެސް ދެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔައެވެ.

އަލީފް އާއި ސޮފޫ "ވަގުތަށް" މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
އަލީފް އާއި ސޮފޫ "ވަގުތަށް" މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ

"އޭނަ ފުރަތަމަ އަދި އެމީހުން ރަށްޓެހިނުވެ އަޅުގަނޑު ކައިރީގައި އެހީ ކޮންކަހަލަ ކުއްޖެއް ހޭ ތިމަންނަ ގުޅެން މަންމަ ބޭނުމީ. ދެން އަޅުގަނޑު ބުނިން އަލީފަށްށޭ އިނގޭނީ، އަލީފް ގެނައި ކޮންމެ ކުއްޖެއްވެސް މަންމަ އަށް ހަމަ ރަނގަޅޭ، ރަނގަޅު ކުއްޖަކު ހޯދާށޭ. ދެން އެހެން އުޅެފަ އެއްދުވަހު، އެއީ ޖެނުއަރީ އެކެއްގައި ބުނެފި މަންމަ އަށް އެނގޭ ހެއްޔޭ ތިމަންނަ ޞަފޫ އާއި ރަށްޓެހިވެގެން މިއަދު އެއް އަހަރު ވިއޭ" އަލީފް ގެ މަންމަ ކިޔާދިނެވެ. " ރަށްޓެހިވާން ވެގެން ކުރިން އޭނަ އެހީ މަންމަ އަށް ރަނގަޅީ މަންމަ ކަހަލަ ކުއްޖެއްހޭ ނޫނީ ތިމަންނަ ކަހަލަ ކުއްޖެއްހޭ. ދެން އޭނަގެ އިހްތިޔާރަށް އަޅުގަނޑު އެކަންތައް ދޫކޮށްލީ"

އަލީފްގެ ހޮވުމަކަށްވީ އޭނާގެ އާއިލާ އިންވެސް ހިތްހަމަޖެހޭ ކަހަލަ ކުއްޖަކަށެވެ. އަލީފްގެ ބައިވެރިޔާ، ފުވައްމުލަކު، މާލެގަން، ބުލޫޖައްވު، ސަފްވާ އަހްމަދު (ސޮފޫ) އަކީވެސް އަލީފް ފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. ދެމީހުންނަށް ވެސް ވާހަކައެއް ނުދެއްކެއެވެ. އަޑެއް ނީވެއެވެ. އެހެންނަމަވެސް ދެމީހުންގެ ދިރިއުޅުން ވަރަށް ފުރިހަމަ އެވެ. ރަށްޓެހިވެގެން ދެއަހަރެއް ހާ ދުވަސް ވަންދެން އުޅުމަށްފަހު ކައިވެނީގެ މަތިވެރި ގުޅުމުން ދެމީހުން ގުޅުނީ 2015 ވަނަ އަހަރުއެވެ.

އަލީފް އާއި ސޮފޫ "ވަގުތަށް" މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
އަލީފް އާއި ސޮފޫ "ވަގުތަށް" މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ

ސޮފޫ އަކީ ކުޑައިރުއްސުރެ މާލޭގައި ދިރިއުޅެމުންދިޔަ ކުއްޖެކެވެ. ޖަމާލުއްދީން ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކުލާސްތަކުން ކިޔަވައިގެން ސޮފޫ ވަނީ ޖަމާލުއްދީން ސްކޫލުން އޯލެވެލް ހަދާފައެވެ. އާއިލާ އިން ސޮފޫގެ ނަތިޖާ އާއި މެދު ހިތްހަމަ ޖެހުނަސް ސޮފޫ ބޭނުން ވަނީ އެންމެ ފުރިހަމަ ނަތީޖާ އެއް ހޯދާށެވެ.

އަލީފްއާއި ސޮފޫ ގެ ކައިވެނީގެ ސަބަބުން އާއިލާއަށްވެސް އުފާވެރިކަމެއް ލިބިގެންދިޔައެވެ. ދެމީހުން އެކަކު އަނެއްކަކަށް އެހީތެރިވެ ރަހްމަތްތެރިިކަމާއެކު ދިރިއުޅެމުންދިޔައީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. މި ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ އެދެމަފިރިންގެ ލޮލުގެ ކޮއި ފަދައިން ބަލާބޮޑު ކުރަމުން އަންނަ އާއިޝަތު އަނާޔާ އަލީފް އަލީ އެވެ. އަލީފް އާއި ސޮފޫ އަށް ލިބޭ ހުރިހާ ހުސްވަގުތެއްވެސް ހޭދަކުރަނީ، 11 މަހުގެ މި ލޯބި ލޯބި ދަރިފުޅާއި އެކުއެވެ. ދެމަފިރިންވެސް ވަޒީފާއަށް ދިޔަ ނަމަވެސް އެކަކު އަނެއްކަކަށް ދޭންޖެހޭ ވަގުތު ހޯދައި ދަރިފުޅަށް ދޭން ޖެހޭ ވަގުތު ދެއެވެ.

އަލީފް އަކިީ ހުނަރުވެރި މޮޅު މީހެކެވެ. އަލީފް އަށް ވަޒީފާވެސް ލިބުނީ އެ ހުނަރުގެ ސަބަބުންނެވެ. ފުވައްމުލަކުގައި އެމްއެންޑީއެފް ގެ ފަރާތުން ކުރިއަށް ގެންދިޔަ މަލްޓިމީޑިއާ ކޯހެއްގައި ބައިވެރިވެގެން އޭގެތެރެއިން، އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް ދިން ފުރުސަތެއްގެ ސަބަބުން އެނާއަށް ވަޒީފާ ހަމަޖެހިގެން ދިޔައެވެ.

އަލީފް އޭނާގެ ދަރިފުޅާއި އެކު – ވަގުތު އިމޭޖްސް : އަމީން ފަހްމީ
އަލީފް އޭނާގެ ދަރިފުޅާއި އެކު – ވަގުތު އިމޭޖްސް : އަމީން ފަހްމީ

"ދެން އެބޭފުޅުން އަޅުގަނޑުމެން ކައިރީގައި ވިދާޅުވީ، އެނގޭ ހެއްޔޭ ތިމަންނަމެން ހަވާލުކުރި ހުރިހާ މަސައްކަތެއް ނިންމި ހަމައެކަނި ކުއްޖަކީ އަލީފް އޭ" އަލީފް މަންމަ ބުންޏެވެ. " ސެޓްފިކެޓް ދިން ޖަލްސާގައި ނާޒިމް ވިދާޅުވީ އަލީފް އަށް ވަޒީފް ދީފިމޭ".

ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ދެއްވި ފުރުސަތުގެ ސަބަބުން އަލީފް މިހާރު ވަޒީފާ އަދާކުރަމުންދާއިރު، ސޮފޫ ވެސް ދަނީ ވަޒީފާ އަދާކުރަމުންނެވެ. އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކޮށްގެން ދިން ވަޒީފާގެ ފުރުސަތުގެ ތެރެއިން ސޮފޫ އަށް ވެސް ވަނީ ވަޒީފާ ލިބިފައެވެ. މިހާރު އެމްޕީއެލް ގައި މަސައްކަތް ކުރަމުންދާ ސޮފޫ އާއި އެއާޕޯޓުގައި މަސައްކަތް ކުރަމުންދާ އަލީފް އަކީވެސް މަސައްކަތަށް ލޯބި ކުރާ ދެމީހުންނެވެ. ދެމީހުންވެސް ވަޒީފާގައި އުޅުނުސް ދަރިފުޅަށް ވަގުތު ދެއެވެ.

އަލީފްގެ މަންމަ "ވަގުތަށް" މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
އަލީފްގެ މަންމަ "ވަގުތަށް" މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

ކިޔެވުމުގެ އިތުރުން އަލީފް އަކީ އެހެނިހެން މަސައްކަތްތަކަށްވެސް ވަރަށް ކުޅަދާނަ މީހެކެވެ. އެގޮތުން މަލްޓިމީޑިއާ އާއި ގްރެފިކްސް  އަދި ވިޝުއަލް އާޓްސް ގެ ގިނަ އުފެއްދުންތަކެއް އުފައްދާފައިވެއެވެ.

"މަލްޓިމީޑިއާ ޕްލަސް އާޓްސް، ވަރަށް ރީތިކޮށް ކުރަހާނެ ދެން މަލްޓިމީޑިއާ ސްޕެޝަލް އިފެކްޓްސް ހަދާނީ. މިހާރުވެސް ކޮންމެވެސް ވަރަކަށް ކުރާނެ އެކަމަކު ކުރިން ކުރާ ވަރަކަށް ނޫން" އަލީފްގެ ބޭބެ އަފްޒޫން ބުންޏެވެ. "އޭރު ހުސްވަގުތު ގިނަ ވީމަ މިހަލަ ކަންތައް އޭނަ ކުރަނީ. އަސްލު މިހާރު ވާގޮތަކީ ވަޒީފާއަށް ދަމުން އަނބިދަރިންނަށް ވަގުތު ދޭތީ އެހާ ސަމާލުކަމެއް ނުދެވޭ މިކަމަށް. އެކަމު ވީވަރަކުން ހަމަ މިކަންތައް ވެސް އަލީފް ކުރާނެ."

އަލީފް އާއި ސޮފޫ "ވަގުތަށް" މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
އަލީފް އާއި ސޮފޫ "ވަގުތަށް" މައުލޫމާތު ދެނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ

މީގެއިތުރުން އަލީފް ވަނީ ތަފާތު މޮޅު މަސައްކަތެއްވެސް ކޮށްފައެވެ. ރާއްޖޭގައި އެންމެ ފާހަގަ ކޮށްލެވޭ ފިލްމް އަދި ޕްރޮގްރާމް ޑައިރެކްޓަރު ޓެޑްރީ އާއެކުވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ޓީވީ އިން ގެނެސްދިން ބިތުފަންގި ސީރީޒް ގައި ބީރޯލް ކެމެރާ އޮޕަރޭޓަރ އެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. އަދި އަލީފް އަކީ ވަރަށް ކުޅަދާނަ މީހެއްކަމަށް ވެސް ޓެޑްރީ ބުނެފައިވެއެވެ،

އަލީފް ބުނީ ދިރިއުޅުމުގައި ދަތިވާކަހަލަ މާބޮޑެތި ކަންތައްތަކެއް ދިމާނުވާކަމަށާއި، ނަމަވެސް ކުދި ކުދި ކަންތައްތައް ދިމާވާކަމަށެވެ. "މައްސަލަތައްވެސް ދިމާވާނެ ދިރިއުޅުމެއްގައި. އެކަމު އެކަން ޖެހޭނެ ވާހަކަ ދައްކައިގެން ހައްލުކުރަން." އަލީފް މުޢާމަލާތްކުރި އިޝާރާތް އިތުރަށް ތަފްސީލުކޮށްދެމުން އޭނާގެ ފަހަރި ނުޒްނާ ނަޖްމީ ބުންޏެވެ.

އަލީފް ކުރަހާފައިވާ ކުރެހުމެއް
އަލީފް ކުރަހާފައިވާ ކުރެހުމެއް

ކަންމިހެންއޮތްއިރު ދެމީހުންގެ ވެސް އެންމެ ބޮޑު އެއް ހުވެފެނަކީ އަމިއްލަ ގެއެއް އަޅައިގެން އެ ގޭގައި ދިރިއުޅުމެވެ. ސޮފޫ ބުނީ އަމިއްލަ ގެއެއްގައި އުޅުމުގެ އިތުރުން މެލޭޝިޔާ އަށް ދިޔުމަކީ ވެސް އޭނާގެ އެއް ހުވަފެންކަމަށެވެ. އަލީފް އިތުރަށް ބުނީ ދެމީހުންވެސް މިހާރު ވަޒީފާ އަށް ދާތީވެ، ދެމީހުން ވާހަކަ ދައްކައިގެން، ސޮފޫގެ މުސާރަ ރައްކާކުރަނީ ކަމަށެވެ. އަދި މެލޭޝިއާ އަށް ދިއުމަށްޓަކައި ތައްޔާރުވަމުން ދާކަމަށްވެސް އަލީފް ފާހަގަ ކުރިއެވެ.

މި ދެމަފިރިންނަކީ އުފެދުމުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ދެމަފިރިންނެވެ. އެހެންނަމަވެސް ދެމީހުންނަކީ ވެސް މުޖުތަމައުގައި ރަނގަޅު ދިރިއުޅުމެއް އުޅޭ، އަދި އަމިއްލަ ދިރިއުޅުމުގައި ދިމާާވާ މައްސަލަ ތައް ހައްލުކޮށްގެން އުޅޭ ދެމީހުންނެވެ. ވާހަކަ ނުދެއްކުނަސް މިދެމަފިރިންގެ ދިރިއުޅުމުން ކޮންމެ ދެމަފިރިއަކުވެސް މިސާލު ނަގަންވާނެއެވެ.

ADS BY THE PIZZA MANIA

"ވަގުތު" އިން ފުވައްމުލަކަށް ކުރި "ވަގުތު ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ސޮނީ ސްޕޯޓްސް، އެމްއެކްސް ސައިން، ފައިސަލް ފައުންޑޭޝަން އަދި ރޯޔަލް ރެސްޓޯރެންޓް އެވެ.

ADS BY ASTERS

8 ކޮމެންޓް

  1. އަލީފް މެން ކަހަލަ ކުދިންގެ އިހްސާސް ތައް ވަގުތުން ހާއްސަ ކަމެއް ދޭކަމީ އަހަރެން ވަރަށް އުފާކުރާ ކަމެއް.

  2. އުފަލުންގޮސް ރޮވިއްޖެ

  3. ރޮވިއްެޖެ.

  4. ހަސަން ނިޔާޒް

    އުފަލުން ގޮސް ރޮވިއްޖެ

  5. ބެސްޓް ފްރެންޑް

    މަގޭ ބެސްޓް ފްރެންޑް ތީ

  6. ައެޕްރެޝިއޭޓެޑް

    މުޅިން އައު މައުލޫމާތު ކޮޅެއް. އަހަރުންގެ ވިސްނުން މި ހުންނަނީ ކުޅަދޭކަމަށް މިބުނާ މީހުންގެ އެކަނި އޭ އިހްސާސްތައް ހުންނަނީ، އަދި މިފަދަ ތައުލީމީ މީހުން މިދާއިރާގައި ތިބެދާނެ އޭ ހިތަކަށްވެސް ނާރާ، އެކަމަކު އެނގުނީމައި އުފާވެއްޖެ، އަދި ހިތަށް އެބައަރާ ﷲ ދެއްވާފައިވާ ނިއުމަތް ތަކަށް އަހަރެމެންނަށް ޝުކުރުވެރިވެވޭނެ ބާއޭ.

  7. ހެޕީވެއްޖެ މި ކިޔާލާފަ..

  8. ވަރައް ސަޅި