ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފުވައްމުލަކަކީ ފާހަގަ ކޮށްލެވޭ ތުނޑިއަކާއި މޫދެއް އޮންނަ ރަށެއް - ވަގުތު އިމޭޖަސް: އަމީން ފަހުމީ

އިންޑިއާ ކަނޑުގައި ރަން މުތީ ތަކެއްފަދައިން އުކާލެވިފައިވާ މި ޖަޒީރާ ދިވެހިރާއްޖެ އަކީ ގުދުރަތީ ގޮތުން އަޖައިބުންފުރިގެންވާ ފަދަ ޗާލު ކަމާއި ނަލަ ކަން ލިބިފައިވާ ކުޑަކުޑަ ގައުމެކެވެ. ކޮންމެ ރަށެއްގައި ހުދު ދޮންވެލިގަނޑެއް އެރަށެއްގެ ވަށައިން އޮންނަ އިރު ނޫކުލައާއި ފެހިކުލައިން މޫދު ފެނިގެންދާއިރު އެއީ ކޮންމެ މީހަކުވެސް ބަލާލަން ބޭނުންވާނެ ހިތްގައިމު މަންޒަރުތަކެކެވެ. ހުދު ދޮންވެލިން ފުރިފައިވާ ފިނޮޅުތަކާއި ސާފު ނުކުލައިގެ މޫދަކީ މިކުޑަކުޑަ ގައުމަށް ލިބިފައިވާ އެންމެ އަގުބޮޑު ހަޒާނާ އެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވެނީ ރާއްޖޭގެ ރަށްތަކުގައި ގުދުރަތީ ގޮތުން ހެދިފައިވާ ތުނޑި ތަކެވެ.

ފުވައްމުލަކަކީ މުޅި ރާއްޖެއިންވެސް ފާހަގަކޮށްލެވޭ ފަދަ ރީތި ތުނޑިއެއް އޮންނަ ރަށެކެވެ. ފުވައްމުލަކަށް ގިނަ މީހުން އަންނަން އެންމެ ބޭނުންވާ އެއް ސަބަބަކީ ވެސް މި ހިތްގައިމު ރީތި ތުނޑިއެވެ. އޭޝިއާ ސަރަހައްދުގައި މީހުންނަށް ނޭނގި ހުރި އެންމެ ރީތި އެއް ތުނޑިއަށް ވީވެސް ވީ މިސަބަބަށްޓަކައެވެ. ހިތް ގައިމު ކަމާއި ޗާލު ކަމުންނެވެ. މިތަނަށް ގޮއްސައިވެސް އަނބުރާ އެކަކުވެސް އަންނާކަށް ބޭނުންނުވާނެ ކަން ޤައިމެވެ.

ފުވައްމުލަކު ތުނޑިއަކީ ވަރަށްވެސް ދިގު ތާރީޚެއް އެކުލެވިގެންވާ ތަނެކެވެ. މުޅި ރާއްޖެއިންވެސް މިކަހަލަ ރީތި ވިދާ ތުނޑިއެއް އޮންނަ ހަމައެކަނި ރަށަކީ ފުވައްމުލަކު އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފެންނަ ރީތި މަންޒަރުތަކުން މިތަނަށް ހިތް ނުކިޔާ އެކަކުވެސް ނުހުންނާނެކަން ޔަޤީނެވެ.

ފުވައްމުލަށް ތުނޑި - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ނަމަވެސް މި ތުނޑި އާއި ބެހޭ ގޮތުންވެސް ވަނީ އެތަކެއް ފުލޯކު ވާހަކަ ތަކެއް ދެކެވިފައެވެ. މިރަށުގެ ތުނޑިން ގެއަށް ވެލި ނަގައިގެން ގެންދިޔުމުން އެ ގެ ފަޅުވާ ކަމަށް ގިނަ ބަޔަކު ބުނެއުޅެއެވެ. ނަމަވެސް "ވަގުތު" އަށް މަޢުލޫމާތު ދެމުން ރަށުގެ ހަރު މީހެއްކަމުގައިވާ ސައީދު ބުނީ އެ ވާހަކަ ތަކަކަކީ މުޅިން ފްލޯކް ވާހަކަ ތަކެއްކަމަށާއި މިހާރުވެސް ތުނޑިން ވެލި ގެންނަކަމަށާއި އަދި އެ ވެލި މާލެވެސް ފޮނުވާކަމަށެވެ.

ފުވައްމުލަކުގެ ތާރީޚު ދިރާސާ ކުރައްވާ އަދި ރަށުގެ ބޮޑު ކަތީބުކަންވެސް ފުރުއްވާފައިވާ ބޭފުޅެއްކަމުގައިވާ އަދްނާން އިބްރާހިމް ހާމަކުރި ގޮތުގައި މި ވެލިތަކަކީ އާދަޔާ ޚިލާފު ވެލިތަކެއްކަމަށާއި މި ވެލި ތަކާއި އެކު ކުރި ދަތުރެއްގައި ބިރުވެރި ހާދިސާއެއް ވަނީ އޭނާ އަށް ދިމާވެފައިވާ ކަމަށެވެ.

ފުވައްމުލަށް ތުނޑި - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އަހަރެން އެރި ދޯންޏެއްގައި ހުރި ބައިވަރު ވެލި ބަސްތާތަކެއް. ސީދާ ތުނޑިން ނަގާފައި ހުރި ވެލި އެއީ. ދަތުރުގެ ތަންކޮޅަކަށް ނުދެވެނީސް ވައިގަދަވެ ވިއްސާރަވެ، ކަނޑުގަދަ ވެއްޖެ. ދެން ހިތަށް އެރި މި ވެލި ބަސްތާތަކުގެ ސަބަބުންނޭ މިހެން ވަނީ. އެއްވެސް ކަހަލަ ބަދަލެއް ނައުމުން އެ ބަސްތާތައް ދޯނިން ބޭރުކުރި. ކަނޑާއި ދިމާއަށް އެއްލާލި. އިސާހިތަކު މުޅި ދުނިޔެ ފެންނަން ފެށި. ކަނޑުގަދަވެ، ވައިގަދަވި ކަމުގެ ނިޝާނެއް ފެންނާންވެސް ނެތް. މުޅިންހެން އެއްކޮށް އަލިވީ." އަދްނާން ހާމަކުރިއެވެ.

މީގެ ކުރިންވެސް އެތައް ބަޔަކު ތުނޑިން ވެލި ނަނގައިގެން ރަށުން ބޭރަށް ދިއުމުން ކަނޑު ގަދަވެ، ވިއްސާރަ އާއި ކުރިމަތިލާން ޖެހުމުން ގިނަބަޔަކު ވަނީ ވެލިތައް ކަނޑަށް ދޫކޮށްލާފައި ކަމަށްވެސް އަދުނާން ބުންޏެވެ.

އަދްނާން އިތުރަށް ބުނީ ތުނޑީގެ ވެލި ލުމުން ގެ ފަޅުވާ ވާހަކަތަކަކީވެސް އޭނާ އަށް އިވޭ ވާހަކަ ތަކެއް ކަމުގައްޔާއި، ނަމަވެސް އެވާހަކަ ތަކަކީ އެއްވެސް ހަޤީޤަތެއް އެކުލެވިގެންނުވާ ފުލޯކް ވާހަކަ ތަކެއް ކަމުގައެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރި "ވަގުތު ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ސޮނީ ސްޕޯޓްސް، އެމްއެކްސް ސައިން، ފައިސަލް ފައުންޑޭޝަން އަދި ރޯޔަލް ރެސްޓޯރެންޓެވެ.

ADS BY SHEESHA

 

ADS BY ASTERS

3 ކޮމެންޓް

  1. ކޮންކަމެއްވާނީ ތިތަނުން ވެލި ނެގިއްޔާ.އެއްކަމެއްވެސްނުވާނެ. ފޮނިކަނޑަން ދައްކާ ބުހުތާން ވާހަކަ.ބޯހަލާކު

  2. ކަނޑަށް އުކާލި ވެލި ބަސްތާތައް އެރޭ އިރު އެރިއިރު ހުރީ ފުވައްމުލަކު ތުނޑިއަށް ލައްގާފައި.

  3. ހަގީގަތެއްނެއް ހުސް ދޮގުވާހަކަ.