އަވަށްޓެރި އިންޑިއާގެ އެހީގެ ދަށުން ނޭޕާލްގައި ސަރުކާރުގެ ދެ ސްކޫލެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކަތަމަންޑޫގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނީ މީގެތެރެއިން ހަރިޝްދީ ސެކަންޑްރީ ސްކޫލް ތަރައްގީ ކުރުމަށް ނޭޕާލްގެ 28.4 މިލިއަން ރުޕީސް (ދެ ލައްކަ އަށް ވުރެ ގިނަ ޑޮލަރު) ހޭދަވާ އިރު، ޝްރީ ޝިދެޝްވާ ސެކަންޑްރީ ސްކޫލް ތަރައްގީ ކުރުމަށް 39.6 މިލިއަން ނޭޕާލް ރުޕީސް (ތިން ލައްކަ އަށް ވުރެ ގިނަ ޑޮލަރު) ހޭދަވާނެ ކަމަށެވެ.

މި ދެ ސްކޫލްގެ ތެރެއިން ހަރިޝްދީ ސެކަންޑްރީ ސްކޫލެއް ތިން ބްލޮކެއް މައްޗަށް އެކުލެވޭ އިރު ނުވަ ކްލާސް ރޫމަކާއި ލެބް ރޫމަކާއި ލައިބްރެރީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިން ބޭނުން ކުރަން ފާހަނާތަކެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ޝްރީ ޝިދެޝްވާ ސެކަންޑްރީ ސްކޫލްގައި ތިން ބްލޮކެއް ހިމެނޭ އިރު 13 ކްލާސްރޫމާއި އެކައުންޓް ސެކްޝަނަކާއި ޕްރިންސިޕަލް އަދި ޓީޗަރުންގެ ރޫމާއި އެގްޒާމް ރޫމާއި އާލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް (އީސީޑީ) ރޫމާއި އެޑްމިން ރޫމާއި ސްކޫލް މެނޭޖްމަންޓް ކޮމިޓީ ރޫމަކާއި އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިން ބޭނުން ކުރަން ފާހަނާތަކެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ނޭޕާލްގައި ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އިންޑިއާ އިން ވަނީ 50 މިލިއަން ޑޮލަރު ދޭން ނިންމައިފައެވެ. މި އެހީ ދޭން ނިންމާފައި ވަނީ 2015 ވަނަ އަހަރު ނޭޕާލަށް އައި ވަރުގަދަ ބިންހެލުމާ ގުޅިގެން ގިނަ ތަންތަން ހަލާކުވެފައި ވަނިކޮށެވެ. އިންޑިއާގެ މި އެހީގެ ދަށުން ތައުލީމީ ދާއިރާއާ ގުޅުން ހުރި ނޭޕާލްގެ 71 ތަނެއް މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާ އިން ވަނީ ބިންހެލުމާ ގުޅިގެން ހައުސިން އާއި ސިއްހީ ދާއިރާ އާއި ހެރިޓޭޖް ދާއިރާ އަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 200 މިލިއަން ޑޮލަރު ނޭޕާލަށް ދީފިއެވެ. މި އެހީގެ ސަބަބުން 47،000 އަށް ވުރެ ގިނަ ގެތައް ވަނީ މަރާމާތުކޮށްފައެވެ. އަދި ސިއްހީ ދާއިރާއާ ގުޅުން ހުރި 147 އިމާރާތަކާއި އާސާރީ ތަންތަނާ ގުޅޭ 28 ތަނެއް ވެސް އިންޑިއާ އިން ވަނީ މަރާމާތުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަވާސާ އިބޫ

    މިއީ އެހީއަކަށްވުރެންބޮޑަށް މޯދީ ހެޓިލަރުގެ ސިޔާސަތުގެ ދަށުން އަތްގަދަކުރުމުގެ ފިޔަވަޅެއް ޔާﷲ އިންޑިޔާގެ ބަލާވެރިކަމުން މިރީޖަންގެ ގައުމުތަށް ސަލާމަތްކުރައްވައި އިންޑިޔާ ބައިބައިކުރައްވާންދޭވެ އާމީން

  2. ސަނީ

    އަމިއްލަ ގައުމުގަ އެބަތިބި ސްކޫލް ބޭނުން ޖެހިފަ ހުރި ތަންތަން، އެތަނުގަ ސްކޫލް އެޅިއްޔާ މާ ރަނގަޅެއްނު

  3. ސަމާލު

    ހަވާސާއިބޫއަށް ކަލޭ މޮޔަވީތަ ؟ އިންޑިޔާބައިބައި ވުމަށް ތިޔަދުއާކުރަނީ އެތަންބައިބައި ވީމާ އެންމެ ނުރައްކާވާނީ ދިވެހިންނަށް ! ތަމެން ދިވެހިންގެ ގޮތަކީ މީހަކު މީހަކަށް ކަމެއްކޮށްދީފިއްޔާ އެއީ އެމީހަކުއަތުން އެއްޗެއް ދަމާގަންނަން ކުރިކަމެއް ކަމަށް ހީވާނީ . ބަލަ ދިވެހިންގެ ގިނަމީހުންގެ ހާލަތަކީ ބޭކާކަންކަމުން ފިތުނަ އުފެއްދުން ބަލަ އިންޑިޔާއަކުން ނޫޅޭ ދިވެހިންވެސް އެެހެންބައެއްވެސްއ އަޅުވެރި ކުރާކަށް ތިއީ ތަމެންގެ ކޮށިވިސްނުމަށް ބަޔަކު އިމޭޖް ކޮށްދޭ ގޮތެއް އެއީ ހަޤީޤަތެއްނޫން ! އިންޑިޔާ ބޭނުން ނަމަ ރާއްޖެ އަޅުވެތި ކުރާކަށް އެއްވެސްކަމެއްނޫން.