ޚިދުމަތް ކުރާކަށް 3 ދައުރެއް ބޭނުމެއް ނުވާނެކަމަށް މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލައްވާ އަބްދުﷲ ނާސިރު (އައްލޮ) ވިދާޅުވެއްޖެއެވެ.

މާފަންނު ދެކުނު ދާއިރާއަށް ޚިދުމަތް ކުރުމަށް އަޅުގަނޑު 3 ދައުރެއް ބޭނުމެއް ނުވާނެ. ބޭނުމީ އެންމެ ދައުރެއް. އެދައުރުގެ ތެރޭގައި ދާއިރާގެ ގިނަ މައްސަލަތަކެއް، ހައްލު ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން." ކަމަށާއި "އެއް ދައުރުގެ ތެރޭގައި ދާއިރާގެ ރައްޔިތުންގެ ހުވަފެން ހަޤީގަތަކަށް ހެދުމަށް ކުރެވެން ހުރި މަސައްކަތް ކުރާނެ." ކަމަށްވެސް މާފަންނު ދެކުނު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓް އައްލޮ ވިދާޅުވިއެވެ.

މާލެ ސިޓީގެ ގޮނޑިތަކަށް ކުރިމަތިލާ ކެނޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވާއިރު އައްލޮ ކުރިމަތިލާ ދާއިރާ ކަމުގައި މާފަންނު ދެކުނުގެ ކެމްޕޭން އިން ފެންނަނީ ހުރިހާ ކުލައެއްގެ އަވަށު ރައްޔިތުންވެސް ހަރަކާތްތެރިވާ މަންޒަރެވެ.

"އަޅުގަނޑުގެ ނޯންނާނެ ކުލައިގެ ތަފާތު ކުރުމެއް. އަޅުގަނޑު ގާތްކަން އޮންނާނެ ހުރިހާ ޕާޓީއެއްގެ މީހުންނާ ވެސް. ސިޔާސީ ހިޔާލުތަފާތު ވުމަކީ އަޅުގަނޑުމެން ބައިބާ ވާންވީ ކަމެއް ނޫން. އަވަށުގެ ކުރިއެރުމަށް އަޅުގަނޑުމެން އެކަތިގަނޑަކަށް ވާނެ. މިއީ އަޅުގަނޑުމެން އުޅެ ބޮޑުވި ސަރަހައްދު، އެ ކުލުނު ހުންނާނެ އެކަކު އަނެކަކަށް ޔަގީނުންވެސް" އައްލޮ ވިދާޅުވިއެވެ.

މާފަންނު ދިރޭރާމްގެ އަބްދުﷲ ނާސިރު (އައްލޮ) އަލީ ޖަމިއްޔަތުއް ފަލާހުގެ ބާނީ ކަމުގައިވާ އަބޫބަކުރު އިބްރާހިމް، (ވައިތެޔޮ އަބޫބަކުރު) އާއި ޝަރީފާ މުހައްމަދު ގެ ދަރިއެވެ. އައްލޮ އަކީ ސިޔާސީ ދާއިރާގެ އިތުރުން އިޖްތިމާއީ ދާއިރާ އާއި ވިޔަފާރީގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.