ލ.އަތޮޅު ކަލައިދޫ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

(ލ.އިސްދޫ އާއި ކަލައިދޫ) މިއީ އެއް ފަސްގަނޑެއްގައި އޮންނަ ދެ ރަށެވެ. ކުރިން ދެ އަވަށެއްގެ ގޮތުގައި އޮތް މި ބޮޑު ރަށް މިހާރު ދެ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، ދެރަށުގައިވެސް ވަކި ދެ ކައުންސިލެއް ދަނީ ހިންގަމުންނެވެ. ދެ ރަށުގައިވެސް ރައްޔިތުންނާއި، ކައުންސިލުން ހައްލުކުރަން ބޭނުންވާ ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. އެ މައްސަލަތަކާއި ގުޅޭގޮތުން ސަމާލުކަން ގެންނަން ޖެހޭ ފަރާތްތަކަށް ސަމާލުކަން ގެނެވުނު ނަމަވެސް، އެދެވޭ ހައްލެއް ލިބިފައި ނުވާތީ މި ދެރަށުގެ ރައްޔިތުންވެސް އެކަންކަމާއި ކަންބޮޑުވެއެވެ.

ކަލައިދޫ

ނަރުދަމާގެ މައްސަލަތަކެއް އެބަހުރި

މިރަށުގެ ނަރުދަމާއަކީ 2004 ވަނަ އަހަރު ސުނާމީއާ ގުޅިގެން ޖަޕާނުގެ ސަރުކާރުގެ އެހީގައި އަޅާފައިވާ ނަރުދަމާއެކެވެ. މިރަށު ނަރުދަމާ ބެލެހެއްޓުމަށް ވަނީ ފެނެކަ އާ ހާވަލުކޮށްފައެވެ.

މިރަށު ކައުންސިލްގެ ރައީސް ވިދާޅުވީ، މިރަށުގެ ނަރުދަމާގެ މައްސަލަ ޖެހި ފެންތަޣައްޔަރުވެދާނެކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

"ސަބަބަކީ އަލަށް އާބާދުވަމުންދާ ގެތަކުގައި އެ ބޭނުންވާ ސެޕްޓިކް ޓޭންކް ލިބޭނެ ގޮތް ނެތުން. މިހާރު އެ ސެޕްޓިކް ޓޭންކް ފޯރުކޮށްނެދެވުމުގެ ސަބަބުން ހަތްގެ ވަރު އެބައުޅޭ އަމިއްލަ ނަރުދަމާ ނިޒާމެއްގެ ގޮތުގައި ގްރައުންޑަށް ހިންދާ. އެހެން ނަމަވެސް ކައުންސިލުން މިދަނީ ނަރުދަމާ ނިޒާމްއާ ކަނެކްޓް ކުރެވޭނެ ގޮތެއް ބަލަމުން". ރައީސް ވިދާޅުވިއެވެ.

ބަނދަރު ބޮޑުކުރަން ބޭނުން

މިރަށުގެ ބަނދަރަކީ 2004 ވަނަ އަހަރުގެ ފަހުން މަރާމާތުކޮށްފައިވާ ބަނދެރެކެވެ. އެއިރު މިރަށަކީ އޮޑިދޯނި ފަހަރު މަދު ރަށެއް ނަމަވެސް މިހާރު ބަނދަރު އޮންނަނީ ފުރިފައެވެ. އެމާޖެންސީގައި ބަލި މީހަކު އެހެން ރަށަކަށް ގެންދަންވިޔަސް އުނދަގުލެވެ.

"ދޯނިތައް ގިނަވެގެން، ހުރިހާ ދޯނިތައް ބަނދަރަށް އަންނަ ވަގުތަކީ ބަނދަރު ފުރިގެން ދާނެ ވަގުތު. އެހެންވީމަ ބަނދަރުގެ ދަތިކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑު. މި ބަނދަރު ފަހުގެ ބަނދަރެއްގެ ގޮތުގައި ހެދިފައި އިނަސް އަޅުގަނޑުމެންނަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑު". މިރަށުގެ ކައުންސިލުން ވިދާޅުވިއެވެ.

އިންޖީންގެ ހިންގަމުން ދަނީ އާއްމުންގެ ގެތައް ކައިރީ

މިއީ ވަރަށް ގިނަ ރަށްރަށުގައި ދިމާވާ މައްސަލައެކެވެ. ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނުގެ ހުންނަ ތަނުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އުނދަގޫވެ، އެ ޝަކުވާ ކުރެއެވެ. މިރަށަށް ބަލާއިރު، އެމަގުން ހިނގާ މީހުންނަށް ވެސް އިންޖީނުގެ އަޑުގަދަކަމުން އުނދަގޫވެއެވެ. މިރަށުގެ އިންޖީނުގޭގެ ޖެނެރޭޓަރެއް ހުންނަނީ ބޭރުގައި ބަހައްޓާފައެވެ. އެހެންކަމުން އެތާ ކައިރީ އުޅޭ ގެތަކުގެ އާއްމުންނަށް ވަރަށް ބޮޑަށް ދަތިވެއެވެ.

ކަލައިދޫ އިންޖީންގެ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

"އަޅުގަނޑުމެން މިރަށު އިންޖީނުގެ ފަށާފައި ވަނީ ވަރަށް ކުރީގައި. މިރަށުގެ އިންޖީނުގެ ޑިޒައިންކޮށްފައި ހެދީ 12 ކިލޯވޯޓުގެ ޖަނަރޭޓަރަކަށް. ހަދައިގެން މިއަދު އޭތި ބޮޑެވެގެން އައިސް 250 ވޯޓަށް ޖެނެރާޓަރު ބޮޑުވެއްޖެ. ބޮޑުވިއިރު އަދިވެސް، ޖަނެރޭޓަރު ހުރީ ކުރީގައި ހުރި އިންޖީނު ގޭގައި. އެ އިންޖީނު ގެއަކީ މިރަށު ރަށު މެދުގައި ހުރި ތަނަކަށްވެފައި އެތަނުގެ ކައިރީގައި ތިބި މީހުންނަށް ބޯފެން ނަގާއިރު، ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި. ބައެއް ގެތަކުގެ ކޮޓަރިތަކުގައި ހުންނަ ހުދު އެއްޗެހި ހަލާކުވާ ކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް އާދޭ" ކައުންސިލުން ވިދާޅުވިއެވެ.

މިރަށު ކައުންސިލުން ވިދާޅުވިގޮތުގައި، މިރަށުގެ ކަރަންޓް ހާލަތު އާއްމުގޮތެއްގައި ރަނގަޅެވެ.

މިރަށު ކައުންސިލް ރައީސް ވިދާޅުވީ، މިރަށުގެ އިންޖީނުގެ އެހެންތާކަށް ބަދަލުކުރުމަށް ވަރަށް ކުރިން ފަށައިގެން ވާހަކަދެކެވުނު ކަމަށެވެ. ނަމަވެސް އެކަމުގެ އަމަލީ ސިފައެއް ނާދެއެވެ. ފެނަކައިން ބޭނުންތަނެއްގައި އިންޖީނުގެ އެޅުމަށް ބިންދީފައިވާކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ސިއްހީ ހާލަތު ވަރަށް ދަށް

މިރަށުގައި، މިރަށަށް ނިސްބަތްވާ ސިއްހީ މަރުކަޒެއް ނެރެވެ. މިރަށު މީހުން ދާން ޖެހެނީ އިސްދޫގައި ހުންނަ ސިއްހީ މަރުކަޒަށެވެ.

"އެތަނަށް ދާއިރު، އެތަން މި ހުންނަނީ ދޮޅު ކިލޯ މީޓަރު ދުރުގައި، ދާއިރު ކޮންމެ ފަހަރަކު މިހާއަތުން ނަގާނެ މަދުވެގެން 200  ދެކޮޅަށް. އެތަނަށް ގޮސްވެސް ބޭނުންވާ ބޭހެއްވެސް ނުލިބޭ. އެތާ ހުރި ބޭހެއް ޖެހޭ ލިޔަން". ކައުންސިލް ރައީސް ވިދާޅުވިއެވެ.

މިރަށުގެ ބައެއް ރައްޔިތުން ބުނިގޮތުގައި، އިސްދޫ ސިއްހީ މަރުކަޒުން އެދެވިގެންވާ ސިއްހީ ހިދުމަތެއް ނުލިބެއެވެ. ދެ ޑޮކްޓަރުން ތިބި ނަމަވެސް، ކިތަންމެ ކުޑަކަމަކާވެސް ދާން ޖެހެނީ ގަމު ހޮސްޕިޓަލަށެވެ.

"އެތަނުން ކުޑަކަމެއްވާއިރަށް ބުނާނެ ގަމަށް ދާން. ގަމަށް ދާންވެސް އެތައް ހަރަދެއް ނަގާ ފެރީ ނިޒާމްގައި ތާށިކަމެއް އުޅޭނަމަ". ރަށުން ވާހަކަދެއްކި އާއްމުންގެ މީހަކު ބުންޏެވެ.

އިސްދޫ ސިއްހީ މަރުކަޒު – ވަގުރު އިމޭޖަސް: އިބްރާހިމް ޝާބިލް

އިސްދޫ

މިރަށަކީވެސް ސަރުކާރުން އަޅާ ނުލާ އޮތް ރަށެއް ކަމަށް މިރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ.  ރަށުގެ ހާލަތު ކިޔާދޭން ކިތަންމެ ބޭނުންވިކަމުގައި ވިޔަސް ރަށަށް ބައެއް ފަރާތްތަކުން އެ ވާހަކަ ދައްކަން ދެކޮޅު ހަދައެވެ. އެއީ ނިކުންނާނެ ނަތީޖާއެއް ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ވެދާނެއެވެ.

މިރަށު ކައުންސިލުން ބުނިގޮތުގައި، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން ކުރުމަށް ލާޒިމް ކުރާ 25 ކަމެއް އޮންނައިރު އެ 25 ކަންތައް ކުރުމަށްވެސް މިރަށު ކައުންސިލަށް ނުކުޅެދިފައިވާކަމަށެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އިސްދޫ ހިންގާލެވޭނެ ވަރުގެ ބަޖެޓެއް ނެތް

މިރަށު ކައުންސިލުން ފާހަގަކުރިގޮތުގައި، މިރަށުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ރަށަށް އެކަށީގެންވާވަރުގެ ބަޖެޓެއް ނުލިބުމެވެ.

"އަޅުގަނޑުމެން އިންތިހާބުވެގެން މިއައީ ޖޫން މަހުގެ ހަވަނަ ދުވަހު. މިއައިރުގަވެސް އިސްދޫ ކައުންސިލްގަ ނެތް އަޅުގަނޑުމެންނަށް ހިންގާލެވޭނެ ވަރުގެ ބަޖެޓެއް. ދެން އެ ހިސާބުން ފެށިގެން އަޅުގަނޑުމެން މި ތިބެނީ ބެދެވިފައި. މިކޮޅުގެ އާމްދަނީ ލިބޭނެ ވަސީލަތްތަކެއް ނެތް". މިރަށު ކައުންސިލްގެ ރައީސް އިބްރާހީމް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ، މުޅި ލ. އަތޮޅަށް ބެލިކަމުގައި ވިޔަސް، 2017 އަހަރުގަ އިސްދޫގެ ބަޖެޓަކީ ވަރަށް ކުޑަ ބަޖަޓެއް ކަމަށެވެ. އެއީ، 1.7 މިލިއަން ރުފިޔާ ބަޖެޓެކެވެ. "އަޅުގަނޑުމެން އައިއިރު ބަޖެޓް އޮތީ ހުސްވެފައި. ދެން ކުރިއަށް އޮތް އަހަރަށް ލަފާ ކުރާ ބަޖެޓް ލިބުނުއިރުގައި އަޅުގަނޑުމެންނަށް ލ.އަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށުގެ ތެރެއިން އެންމެ ކުޑަ ބަޖެޓް ލިބުނީ. ލަފާ ކުރާ ބަޖެޓް ސީލިންގ ލިބުނު އިރުގައި". ހަލީލް ވިދާޅުވިއެވެ.

މިހާރު އެކަމަށް ވާނީ އެލްޖީއޭ އަށާއި، ފިނޭންސް މިނިސްޓްރީއަށްވެސް އަންގާފައިވާނެކަމަށް ހަލީލް ވިދާޅުވިއެވެ.

"ކޮންމެ ގޮތެއް ހަދާފައިވެސް އަޅުގަނޑުމެން އެބަ ޖެހޭ ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް. އެ ހިދުމަތްތައް ފޯރުކޮށްދެވެން އޮންނަނީ އަޅުގަނޑުމެންނަށް ފައިސާ ލިބިގެން". ހަލީލް ވިދާޅުވިއެވެ.

މިރަށުގައި ހުސް ބިންވެސް އެބަ އޮތެވެ. އެހެން ނަމަވެސް ބިންތައް ވިއްކައިގެން ކައުންސިލަށް ފައިދާވާނެ މަގެއް ފެންނާކަށް ނެތެވެ. އެއީ ބިން ދޫކުރެވުން މިހާރު އޮންނަނީ ސަރުކާރުގެ ހުއްދައާ އެކުގައި ކަމަށް ވާތިއެވެ.

"މިކޮޅުގައި މިހާތަނަށް ކުލީގެ ގޮތުގައި ލިބިފައި އޮންނަނީ ދެ ބިން. އެއީ މި ކައުންސިލް އައުމުގެ ކުރިން މީގެ ހަތްކަ އަހަރު ކުރިން ހޮޓާ ހިންގުމަށާއި، ގާޑީއާ ހިންގުމަށް ދޫކުރެވިފައި އިން ބިމެއް" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ، މިރަށުގައި ތެލުގެ ވިޔަފާރި ކުރިއަށްގެންދިޔުމަށް ބިން ދޫކުރުމަށް ހުއްދައަށް ސަރުކާރުގައި މިހާރު އެދިފައިވާނެ ކަމަށާއި، އަދި އެ ހުއްދަ ލިބިފައި ނުވާ ކަމަށެވެ.

މިރަށު ކައުންސިލުން ފާހަގަކުރިގޮތުގައި، މިރަށަށް ގެންނަން ޖެހޭ ތަރައްގީއެއް ސަރުކާރުން ގެންނަން ބޭނުންވާނަމަ މިރަށު ކައުންސިލްގެ 100 ޕަސެންޓް އޮންނާނީ އެކަމަށް ތައްޔާރަށެވެ. މިރަށުގައި ހިންގާނެ އެއްވެސް މަޝްރޫއެއް ހުއްޓުވާކަށް ކައުންސިލުން ނުތިބޭނެއެވެ.

މިއަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މަގުގެ ކުނިކަހާ މަގުތައް ބަލަހައްޓަނީ ކައުންސިލް ތަކުންނެވެ. ބިޑް އުސޫލުން ބަޔަކާއި ހަވާލުކޮށްގެން މިކަން ރަށްތަކުގައި ކުރެވެމުންދާއިރު، މިރަށުގައި މި އަހަރު ނިމޭއިރު، ކުނި ކެހުމަށް ބަޔަކު ނެގޭނެ އެއްވެސް ގޮތެއް ނެތެވެ. ހުރިހާވެސް އެއްޗަކީ ބަޖެޓުގެ ތާށިކަމެވެ.

"އިސްދޫއަކަށް ނެތް އިޖްތިމާއީ ބަޔަށް އެއްވެސް ބަޖެޓެއް ލިބިފައި. އެހެންކަމުން އަޅުގަނޑުމެންނަކަށް 2017 ވަނަ އަހަރު ނެތް ކުނިކަހާ ބެލެހެއްޓޭކަށް". ހަލީލް ވިދާޅުވިއެވެ.

ލ.އަތޮޅު އިސްދޫ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

ކައުންސިލް އޮފީހުގެ ޖާގަ ވަރަށް ދަތި

މި ރަށު ކައުންސިލް މަސައްކަތް ކުރަމުން ދަނީ އިދާރީ ނުވަ މުވައްޒަފުންނާއި އެކުގައެވެ. ގާތްގަނޑަކަށް 1800 އެއްހާ މީހުންނަށް މިރަށު ކައުންސިލުން ހިދުމަތް ދެމުން އަންނައިރު، ޖާގައިގެ ދަތިކަން ވަރަށް ބޮޑެވެ.

"އަޅުގަނޑުމެންގެ ޒިންމާދާރުވެރިޔާއާއި އިދާރީ މުވައްޒަފުން އެއްތަނެއްގައި. ކައުންސިލް މެމްބަރުންނާއި އިދާރީ މުވައްޒަފުން އެއްތަނެއްގައި މަސައްކަތް ކުރަމުން މިދަނީ. ދެން ހަމައެކަނި ވަކިން އިންނާނީ ކައުންސިލްގެ ރައީސް އެ ނޫނިއްޔާ ހުރިހާ މުވައްޒަފުން މި ތިބެނީ އެއްތަނެއްގައި" ހަލީލް ވިދާޅުވިއެވެ.

މިކަންކަން ހައްލުކުރެވެންވެސް އޮތީ ރަނގަޅު މަޖެޓެއް ލިބިގެންނެވެ. އެހެން ނަމަވެސް އެ ބަޖެޓުގައި މުވައްޒަފުންގެ މުސާރައާއި އެލެވެންސް ދީފައި ދެން ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތެވެ.

އެމްޓީސީސީން ދޭ ފެރީގެ ހިދުމަތް އިސްދޫ ރައްޔިތުންނަކަށް ނުލިބޭ

މިރަށު ކައުންސިލުން ގަބޫލުކުރާގޮތުގައި ދެރަށް ބައި ކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް މިރަށަށް ލިބިގެން ދިޔައެވެ.

މިރަށު ކައުންސިލްގެ ރައީސް ހަލީލް ވިދާޅުވީ، މިރަށު ރައްޔިތުންނަކަށް ހަގީގަތުގައި އެމްޓިސީސީން ދޭ ފެރީގެ ހިދުމަތް ނުލިބޭ ކަމަށެވެ.

"އިސްދޫ ރައްޔިތުންނަކަށް ފެރީގެ ހިދުމަތް ނުލިބޭ. 22 ރުފިޔާގެ ފެރީގެ ހިދުމަތް ކަލާދޫއިން ގަމަށް މި އަންނަނީ. އެކަމަކު އިސްދޫ ރައްޔިތުން އެބަ ޖެހޭ 100 ރުފިޔާ ކޮޅަކަށް ހަރަދު ކުރަން. މިތަނުން ކަލައިދޫއަށްދާން ކޮޅަކަށް 100 ރުފިޔާ. ހަގީގަތަކީ އިސްދޫގެ ރައްޔިތުންނަށް ފެރީގެ ހިދުމަތް ނުލިބޭ ނޫންތޯ". ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވިގޮތުގައި، އެގްރީމެންޓްގައި ވާގޮތުން އިސްދޫގައިވެސް ފެރީ ޖައްސަން ޖެހޭނެކަމަށް ބަޔާންކޮށްފައި ވެއެވެ. މިރަށު ކައުންސިލްގެ ޒިއްމާދާރުވެރިޔާ ހަމީދު ވިދާޅުވިގޮތުގައި، މިކަމާ ގުޅޭގޮތުން އެމްޓީސީސީއާ މަޝްވަރާތައް ކުރެވިއްޖެއެވެ. ނަމަވެސް އެކަށީގެންވާ ހައްލެއް އަދިވެސް ލިބޭގޮތް މި ވަނީ ނުވެފައެވެ.

"އަޅުގަނޑުމެން ގާތުގައި ބުނި ބަހުގެ ހިދުމަތްވެސް ދޭނަމޭ އެގްރީމެންޓް ކުރާތާ އެއް މަސް ދުވަސް ތެރޭގައި. މިހާރު ދެ އަހަރުވަނީ". ހަމީދު ވިދާޅުވިއެވެ.

ކުރިން މި އަތޮޅަށް ފެރީގެ ހިދުމަތް ދެމުން އައި "ދޯނި ސާވިސް" ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. ދޯނި ސާވިސް އަތުން ފެރީގެ ހިދުމަތް އަތުލުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ރަށަށް ރަނގަޅު ހިދުމަތެއް ދިނުމެވެ. އެކަމަކު އެމްޓިސީސީން އައިސްގެން ރަނގަޅު ހިދުމަތެއް ދެވޭކަމަކަށް މިރަށު ކައުންސިލުން ގަބޫލުނުކުރާކަމަށް މިރަށު ކައުންސިލުން ބުނެއެވެ.

މިހިރީ ހައްތާވެސް މި ދެ ރަށަށް ދިމާވެފައި ހުރި ހައްލުކުރަން ބޭނުންވާ މައްސަލަތަކެވެ. މި ދެ ރަށުގެ ކައުންސިލުންނާއި ރައްޔިތުންވެސް އެދެނީ ސަރުކާރުން މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅައި މިކަންކަން ވީހާވެސް އަވަހަކަށް ހައްލުވުމެވެ.

ADS BY SHEESHA

"ވަގުތު" އިން ލ.އަތޮޅަށް ކުރި ހޭރިޔާ ދަތުރުގެ ޓައިޓަލް ސްޕޮންސަރަކީ އެވިޑް ކޮލެޖްއެވެ. މޭޖާ ސްޕޮންސަރަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަޜޭޝަން (ވެމްކޯ) އެވެ. ކޯ-ސޮޕްންސަރުންނަކީ އެސްޓީއޯ އާއި މޯލްޑިވް ގޭސް އާއި ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން އެވެ.

ADS BY ASTERS

3 ކޮމެންޓް

 1. ކަލައިދޫ އަވައް

  ތަރައްގީ ނުކޮއްދޭ ވެރިޔަކު ހޮވަން މިފަހަރު ވޯޓް ދީގެން ނުވާނެ.
  ކޮންމެފަހަރަކު ލޮލުގަ އަނދުނެއް އަޅުވަނީ މޮޅު ވާހަކަ ދައްކަނީ އަމަލެއް ނުކުރެވޭ
  ބުނާބަހުގެ އެއްވެސް ކަހަލަ އޮއްޓަރެއް އެކުލެވިގެން ނުވޭ

 2. ވޯޓުނުވިއްކާތި

  އަތްފުޅާ ކޮށްފައި ވޯޓު ވިއްކަން ދުވީމައި ދިވެހިންނަށް ޖެހިފައި ވާ ހާލަތްތަކުން ކުޑަކުޑަ މިސާލެއް.

 3. މިހާރު ކުޑަކޮށް އެނބަރަގަޅުޥޭ ތަށަށް ލިފައިފާ ނިކަމެތިކަމާމެދު ވިސްނާބަޔަކު އުޅޭހެންވެސް ހިވާންފަށަޢިފި! ކުރީގަވެސް ތިގޮތަށް ވިސްނާބަޔަކުތިބިނަމަ ތަށުގެ ހާލަތު ތިހާދަށުދަރަޖައަކަށް ވެއްޓިފައި ނޯންނާނެކަންޔަޤީންކުރެވޭ!