ނުވަ މަހުގެ ކުއްޖާގެ މަންމަ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

(ލ.ކަލައިދޫ) ލޯބިވާ ދަރިފުޅަށް އެއިރު އެންމެ އަހަރެއްވެސް ނުވެއެވެ. މާމަގެ އުރުގައި އިންދާ، މާމައާއެކު ބިންމައްޗަށް ވެއްޓުނު ކުއްޖާ މާމަގެ އަތުން ދޫވެގެން ދިޔަތަނެއްވެސް ނޭނގުނެވެ. އެ ދުވަހުވެސް، އަދި އޭގެ އަނެއް ދުވަހުވެސް ހޯދިއެވެ. ދަރިފުޅުގެ ހިލަމެއް ނުވިއެވެ. ފެނުނީ ތިންވަނައަށް ވީ ދުވަހުއެވެ. ފެނުނުއިރު އޮތީ ލޮނުބޮވިފައި އޮތް ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑެވެ.

މިއީ ސުނާމީ ކާރިސާގައި މިރަށު މަރިޔަމް މުހައްމަދުގެ ދަރިފުޅު އޭނާއަށް ގެއްލި ދިޔަ ދުވަހުގެ ވާހަކައެވެ.

މަރިޔަމް ބުނިގޮތުގައި، ސުނާމީ އެރިވަގުތު އޭނާ ހުރީ އޭނާގެ ތިއްތިބޭގެ ގޭގައެވެ. އެއީ އަތިރިއާއި ކައިރީގައި ހުންނަ ގެއެކެވެ. އެގޭގައި ހުއްޓާ މީހަކު އައިސް މަރިޔަމް ކައިރީގައި ބުނީ، ރާޅެއް އަރައިގެން އުޅޭ ވާހަކައެވެ. އެހެން ބުނިތަނާހެން މަރިޔަމް އަށް، "ދަރިފުޅާ" އޭ ކިޔާފައި ދުއްވައިގަނެވުނެވެ.

ސުނާމީ ކާރިސާގެ ސަބަބުން ފަޅުވެފައިވާ ކަލައިދޫ ގެއެއް – ވަގުތު އިމޭޖްސް : އަމީން ފަހްމީ

"ދުވެފައި ވަކި ހިސާބަކަށް ދިޔަތަނާ ރާޅު ފެނުމުން، އަނބުރާލާފައި އެތާ ހުރި ގެއެއްގެ ދޮރާދިމާލަށް ދިޔައީ. އިރުކޮޅަކުން އެތާ ހުއްޓާ ރާޅު އައިސް އަހަރެން ވައްޓާލީ. ދެން ތެދުވެގެން އައިސް އެތާ ހުރި އުނދޯލި ގެއެއްގެ އެނދެއްގެ މައްޗަށް އަރާ ހުރީ. އަރާ ހުއްޓާ ލޮނުގަނޑު ތިރިވުމުން ދިޔައީ ގެއާ ދިމާލަށް"، ސުނާމީގެ ވާހަކަ އަޑުއިވުމާއެކު، މަރިޔަމް ތެޅިގަނެފައި އުޅުނު ހާލު ކިޔާދެމުން ބުންޏެވެ.

މަރިޔަމް ގެއަށް އައިއިރު، މަންމަ އުޅެނީ ދަރިފުޅު ގެއްލިގެން ނުފެނިގެންނެވެ.

"މަންމަ އަތުގައި އޮއްވާ މަންމަ ވެއްޓިގެން އޮޔާ ދަރިފުޅު ދިޔައީ. މަންމަ ބުނީ ދަރިފުޅު އަތުގައި އޮވެފައި ވެއްޓިފައި ތެދުވިގަޑީވެސް އަތުގައި އޮތްކަމަށޯ ހީކުރީ. ދެން ތެދުވަފައި ފަހުން ބަލާލިއިރު އަތުގައި ނެތީމައޭ އެނގުނީ އަތުގައި ނެތްކަން." މަރިޔަމް ކިޔާދިނެވެ.

ދަރިފުޅު ގެއްލުނުތާ ތިން ދުވަސް ފަހުން ފެނުނީ ގެއެއްގެ ދަށުގައި ހުރި ގަސްތަކާއިއެކު ހުރި ކުނިތަކެއްގެ ތެރެއިންނެވެ. ދަރިފުޅުގެ ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރިއެވެ.

"އެ ކުއްޖާ ފެނުނީ، އެ ކުއްޖާ ފެނުނު ގޭދޮށުގައި ތިބި ބަޔަކަށް. އެ މީހުން ހީކުރީ އަސްލު އެއީ ކުޅޭ ކުޅޭ ބުދެއްގެ އަތެއްކަމަށް. ހީކޮށް ބަލާލިއިރުގައި ފެނުނީ އަހަރެންގެ ދަރިފުޅުގެ އަތް. އެ ކުއްޖާ ފެނުނުއިރު އޮތީ ގެއާ ހީނުކުރާހާވަރުވެސް ދުރުގައި.". މަރިޔަމް ކިޔާދިނެވެ.

ސުނާމީ ކާރިސާގެ ސަބަބުން ފަޅުވެފައިވާ ކަލައިދޫ ގެއެއް – ވަގުތު އިމޭޖްސް : އަމީން ފަހްމީ

މަރިޔަމްގެ އެ ދަރިފުޅު މަރިޔަމްއަކަށް ނުދައްކައެވެ. އެއީ ދަރިފުޅު ގެއްލުމުގެ ހިތާމާގައި މަރިޔަމް އުޅެމުން ދިޔައީ ވަރަށް ހާލުގައިކަމަށްވުމުންނެވެ.

މަރިޔަމްއަށް އިނގޭހާވެސް އެއްޗަކީ ދަރިފުޅު ތިން ދުވަސްފަހުން ފެނުނުއިރު، ވަރަށް ބޮޑަށް ލޮނުބޮވިފައި އޮތް ކަމެވެ. އަދި ދަރިފުޅު އޮތީ ފޯވެގެން ގޮސް ބޮޑުވެސް ވެފައެވެ.

"އެވަރުގެ ތުއްތު ކުދިން މަރުވުމުން ލާ ކަހަލަ ކެޔޮ ނިރުފަތަކަށްވެސް ނުލެވުނު. އަނެއްހެން ގޮތަކަށް ސަންދޯކެއް ހަދާފައި ލީ". މަރިޔަމް ކިޔާދިނެވެ.

މަރިޔަމްއަށް އެދުވަހު ވީގޮތް ރަނގަޅަށް ކިޔާދޭންވެސް ނޭނގެއެވެ. ގަނެފައި ހުރި ބިރެއްގެ ސަބަބުން އެރި ރާޅުގެ ބޮޑުމިންވެސް ކިޔާދޭން ނޭނގެއެވެ. މަރިޔަމް ބުނިގޮތުގައި، ނުކުޅެދުންތެރި ކުދިންތަކެއްގެ މަންމައެއް ސަލާމަތްވުމަށް ބޮޑު ވެލިފުންޏެއްގެ މައްޗަށް އެރި ހަނދާން އަދިވެސް އެބަހުރި ކަމަށެވެ.

މިހާރު ދުނިޔޭގައި މަރިޔަމްގެ ފަސް ކުދިން އެބަތިއްބެވެ. އެންމެ ކުޑަ ކުއްޖާއަށް މިހާރު ހަތަރު އަހަރެވެ.

ADS BY SHEESHA

"ވަގުތު" އިން ލ.އަތޮޅަށް ކުރި ހޭރިޔާ ދަތުރުގެ ޓައިޓަލް ސްޕޮންސަރަކީ އެވިޑް ކޮލެޖްއެވެ. މޭޖާ ސްޕޮންސަރަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަޜޭޝަން (ވެމްކޯ) އެވެ. ކޯ-ސޮޕްންސަރުންނަކީ އެސްޓީއޯ އާއި މޯލްޑިވް ގޭސް އާއި ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން އެވެ.

2 ކޮމެންޓް

  1. މިކަމެއްހިނގިތާ އެތައް އަހަރެއްވެ ހަނދާން ނެތުނުފަހުން ވަގުތުމީހުން މިކުރަނީ ވަރަށް ދެރަކަމެއް

  2. ތިޔަފުޓޯގައިން އަހަރާ ސުރުޙީގައިން އަހަރާ އަޅެފަހެ ދިމާވޭއެބަތަ؟އެއްފަހަރު ނުވަ މަސް އަނެއްފަހަރު ނުވަ އަހަރު... ތިސާފުވާހެން ލިޔެބަލަ ކަލޯ ރިއާނޫ.....