ބޮލީވުޑުގެ ތިން ޚާނުން ކަމުގައިވާ ސަލްމާން ޚާނާއި، ޝާހުރުކް ޚާން އަދި އާމިރު ޚާނާއި، ތިން ޚާނުންނާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު މަދު ބަތަލާއިންގެ ތެރެއިން އެކަކީ ބަތަލާ އަނުޝްކާ ޝަރުމާއެވެ.

ޝާހުރުކް ޚާނާއި އެކު ކުޅުނު ފިލުމު ''ރަބްނެ ބަނާދީ ޖޯޅީ'' އިން އިންޑަސްޓްރީއަށް ތަޢާރަފްވި އަނުޝްކާ ޝަރުމާ ވަނީ އާމިރު ޚާނާއި އެކު ''ޕީކޭ'' ގައި ވެސް މަސައްކަތް ކޮށްފައެވެ.

އަނުޝްކާއާއި ސަލްމާން އެކުގައި ކުޅުނު ފުރަތަމަ ފިލުމު ''ސުލްތާން'' ގެ ޝޫޓިންގެ ތެރެއިން އެންމެ ފުރަތަމަ ސަލްމާނާއި ދިމާވި ގޮތް ކިޔައިދެމުން އަނުޝްކާ ވަނީ އެކްޓަރުންގެ ތެރެއިން ހަމައެކަނި ސަލްމާނަށް ކުރެވޭނެ ކަމެއް ކިޔައިދީފައެވެ.

މީގެކުރިން ޕްރޮމޯޝަންތަކާއި ތަފާތު ހަފުލާތަކުން ސަލްމާނާއި ދިމާވި ނަމަވެސް ސަލްމާނު ދެނެގަނެވޭނެ ފަދަ ގޮތަކަށް ފުރަތަމަ ދިމާވެފައިވަނީ ސުލްތާނުގެ ޝޫޓިންއަށް ދިޔުމުންނެވެ.

ޔޭޝްރާޖު ފިލުމުސްގެ ފަރާތުން އުފައްދާ، އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ މި ފިލުމުގެ ޝޫޓިންއަށް ޔޭޝްރާޖު ފިލުމުސްއަށް އަނުޝްކާ ދިޔައިރު ސަލްމާން އެތަނުގެ ޖިމްގައި އޭނާގެ ކަސްރަތު ކުރުމުގައި ހުރި ކަމަށް އަނުޝްކާ ބުނެފައިވެއެވެ.

ސަލްމާން އޮތީ ކަސްރަތެއް ކުރުމަށް ތިރީގައި އޮށޯވެ މައްޗަށް ބަލަހައްޓައިގެންނެވެ. ކަސްރަތު ކުރުމުގައި އަވަދިނެތި އުޅުނު ނަމަވެސް އަނުޝްކާ ވަނުމުން އަނުޝްކާއަށް ''ހެލޯ އަނުޝްކާ'' އޭ ބުނެ އޭނާއަށް މަރުހަބާ ކިޔައިފައިވެއެވެ.

އަނުޝްކާ ދެކޭގޮތުގައި މިއީ ހަމައެކަނި ބޮލީވުޑުގެ ''ބައިޖާން'' ސަލްމާން ޚާނަށް ކުރެވޭނެ ކަމެކެވެ. ވާރކްއައުޓްގެ މެދުތެރެއިން ވެސް އަންހެނުންނަށް އިހުތިރާމު ކުރުމަކީ ހަމައެކަނި ސަލްމާނަށް ކުރެވޭނެ ކަމެއް ކަމަށް އަނުޝްކާ ދެކެއެވެ.

އަނުޝްކާގެ ހިތް ސަލްމާނަށް ކިތައްމެ ހެޔޮ ނަމަވެސް މީގެ ކުރިން ބައެއް އަންހެން ތަރިންގެ ނުރުހުން ވެސް ސަލްމާނަށް އަމާޒުވެފައި ވެއެވެ.