ހެއިޓީގެ ރައީސް ޖޮވެނައިލް މޮއިސް އަވަހާރަކޮށްލި މައްސަލައިގައި އެމެރިކާގެ ދެމީހަކާއިއެކު ޖުމްލަ 28 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ހެއިޓީގެ ސަރުކާރުން ބުނެފިއެވެ.

ހެއިޓީގެ ނޭޝަނަލް ޕޮލިސް ޗީފް ޗާލްސް ލިއޯން ރޭ ވަނީ މިހާތަނަށް ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން 17 މީހުންނާއިއެކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. 17 މީހުން ތިބީ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދިޔަ ހޯލްގެ އެއްފަރާތުގައި ބައިތިއްބާފައެވެ. އެމީހުންގެ އަތުން ފެނުނު ރައިފަލާއި ބައެއް އެހެން ހަތިޔާރު ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދައްކާލާފައެވެ.

ޕޮލިސް ޗީފް ޗާލްސް ވިދާޅުވީ ހައްޔަރު ކޮށްފައިވާ އެމެރިކާގެ ދެރައްޔިތުންގެ ތެރެއިން އެކަކީ ހެއިޓީގައި ހުންނަ ކެނެޑާގެ އެމްބަސީގައި މަސައްކަތް ކުރާ ޑިޕްލޮމެޓުންގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. ހެއިޓީގެ ރައީސް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާއި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި މިމައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހަކު ވަނީ މަރުވެފައެވެ. އަދި މިމައްސަލައިގައި ތުހުމަތު ކުރެވޭ އަށް މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

ހެއިޓީގެ ރައީސް މޮއިސް އަވަހާރަކޮށްލި އިރު ހެއިޓީގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެ، ސިޔާސީ މަސްރަހު ވެސް އޮތީ ހަލަބޮލިވެފައެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ މޮއިސްގެ ދައުރު ފެބްރުއަރީ މަހު ހަމަވެފައިވާ ކަމަށެވެ. ނަމަވެސް މޮއިސް އާއި އޭނާގެ ސަޕޯޓަރުން ވިދާޅުވަމުން ގެންދެވީ މޮއިސް ރައީސް ކަމަށް ހޮވިވަޑައިގެންނެވިތާ އަހަރެއް ވީއިރު ވެސް މަގާމާއި ހަވާލުވުމުގެ ފުރުސަތު އޭރު އޮތް ވަގުތީ ސަރުކާރުން ނުދިން ކަމަށާއި، ދައުރު ގުނަން ޖެހޭނީ ވެރިކަމުގެ ހުވާ ކުރި ހިސާބުން ކަމަށެވެ.

މޮއިސް އަވަހާރަކޮށްލީ ސިޔާސީ މީހުންތަކެއް ފަހަތުގައި ތިބެގެން ކަމަކަށް އަދި ތުހުމަތެއް ނުކުރެވެއެވެ. ބޮޑަށް ތުހުމަތު ކުރެވެނީ އޭނާ އަވަހާކޮށްލި ގޭންގްތަކާއި، ރޭވިގެން ހިންގާ ކުށްތަކާއި ދެކޮޅަށް ކުރަމުން ގެންދިޔަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

ކެރީބިއަންގައި އޮންނަ ގައުމެއް ކަމަށްވާ ހެއިޓީއަކީ 11.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. ހެއިޓީއަކީ އެމެރިކާ ބައްރަށް ނިސްބަތްވާ އެންމެ ފަގީރު އެއްގައުމެވެ. ގައުމުގެ އިގްތިސޯދު އެންމެ ބޮޑަށް ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށެވެ. ކޮވިޑާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިފައި ވާތީ އިހްތިސޯދީ ހާލަތު ވަނީ ކުރިއަށްވުރެ ވެސް ދަށަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    އެމެރިކާ އަށް ހަމަލާ ދޭން ކެރޭނެބާ؟ މީ އެހެން ގަުމަކުން ކުރިކަމެއްނަމަ މުހާރު އެމެރިކާއިން ސުންނާފަތިކޮށްފީސް.

    18
    1
  2. ހުސެން

    މިއީ ކޮންކަހަލަ ކައްޓެއްގެ ބައެއްތަ؟ކޮން ސިސް އެއްގެ ބައެއް.އެމެރިކާ އަކީ ޓެރަރިޒަމް ގެ އައްޕ.މިފަދަ ހުރިހާ ޓެރަރިޒަމް ހަރުކަށިކަން މިއީ އެމެރިކާ އަޑީގައި އޮވެގެން ދުނިޔެއަށް ފަތުރާ ކަމެއް.

  3. އަލީ ބުނީ

    ދައުރު ހަމަވީމަ ވެރިކަމުން ބޭލީ. އެކަން ކުރެވެން އޮތްގޮތަކައްދޯ ކުރެވޭނީ. ގާނޫނު ނެގަހެއްޓުމަކީ ކޮންމެރައްޔިތަކައް ވެސް ލިބިގެންވާ ހައްގެއް. މިހާރު އޮންނާނީ ރާކަނިމަސް ކެވިފަ. ތިމީހުންގެ ކުށެއްނެތް ދޫކޮއްލާ އެންމެން.