ރާއްޖެއަށް ބޭރުގެ ފަރާތްތަށް އެރުވުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މަސައްކަތް އައު ހަރުފަތަކަށް ގޮސްފައިވާ ކަމަށާއި، ޤައުމަށް "ޣައްދާރުވި" ފަރާތްތަކަށް ހައްޤު އަދަބު ދޭންޖެހޭކަމަށް، ޕީޕީއެމްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ އާރިފް ވިދާޅުވީ، ބޭރުގެ މިލިޓަރީ އަކަށް ދައުވަތު ދީގެން މި ރާއްޖެއަށް އަރާ މި ރާއްޖޭގެ މަސްލަހަތާއި އިސްތިޤްލާލު އަދި މިނިވަންކަން ނަގާލުމަށް ދައުވަތު ދިން ދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ހަރުއަޑުން ކުއްވެރިކުރާ ކަމެއްކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުންވެސް އެކަމެއްގެ މައްޗަށް އެންމެ ބޮޑު އެއް ފިޔަވަޅެއް އަޅާކަންތައް ކަމަށެވެ.

ޤައުމަށް ޣައްދާރުވުމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ބައިވެރިވެގެން އޮނަރަބަލް ޤާސިމް އިބްރާހިމް އުޅުއްވިކަމީ ހިތާމަކުރައްވާ ކަމެއް ކަމަށާއި، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މިހާރުވެސް މަޖިލީހުގެ މެންބަރުކަން ކުރައްވަމުންދާ އަބްދުﷲ ޝާހިދު އެކަމަށް ހިތްވަރު ދެއްވާ ބޭރުގެ ޓީވީ ޗެނަލަކަށް އިންޓަވަވިއު ދެއްވާފައިވާ ކަމަށާއި މީގެ އިތުރުންވެސް އިދިކޮޅު ބައެއް ފަރާތްތަކުން ޤައުމަށް ޣައްދާރުވެފައިވައިވާ ކަމަށް ޢަލީ އާރިފް ތުހުމަތު ކުރެއްވިއެވެ. އަދި އެ ފަރާތްތަކާ ދޭތެރޭގައި ޤާނޫނުން ބުނާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އޭނާ ގޮވާލެއްވިއެވެ.

ކުރިން ބޭރުގެ ފަރާތްތަކުން ރާއްޖެ އައިސް ރާއްޖޭގެ ދާޙިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ގޮވާލި ފަރާތްތަކުން ކަމުން ރެކެން ކުރައްވާ މަސައްކަތްތަކަށް ރައްދު ދެއްވަމުން ޢަލީ އާރިފް ވިދާޅުވީ، "މިހާރު މި ފެންނަ ފެނުމަކީ، އެމީހުން މިކަން ނުކުރަމޭ ކިޔައިގެން އެކަމާ ދުރަށްދާން އުޅޭ މަންޒަރު. އެކަމެއްވެސް ދިވެހި ރައްޔިތުންނަށް އޮޅިފައެއް ނޯންނާނެ. އެމީހުން ކުރި ޓްވީޓްތައް އެހުރީ ފެންނަން. އެމީހުންގެ ތެރެއިން ގިނަ މީހުންގެ ޓްވިޓަރ އެކައުންޓްތަކަކީ ވެރިފައިޑް އެކައުންޓްސް. އެމީހުންނަށް އެޔާ ގަޔާ ދުރުކުރެވޭނެ ހަމަ އެއްވެސް ޖާގައެއް ނެތް." ކަމަށެވެ.

އިދކޮޅު ފަރާތްތަކުން ބޭރުގެ ފަރާތްތަށް ޤައުމަށް އަރަން ގޮވާލުމުގެ އިތުރުން ޤައުމަށް ޣައްދާރުވުމުގެ އަނެއް ބޮޅަކީ ދުނިޔޭގެ އެކި ތަންތަނުގައި ދިވެހިރާއްޖޭގެ އަގު ވައްޓާލާފައިވުން ކަމަށްވެސް ޢަލީ އާރިފް ވިދާޅުވިއެވެ.

"އދ ގެ ސެކިއުރިޓީ ކައުންސިލަށް މި ދިވެހިރާއްޖޭގެ މައްސަލަ ހުށަހަޅަން އުޅެ އެކަންވެސް ވަނީ ނާކާމިޔާބު ވެފައި. ދިވެހިރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކުން ވަނީ އެކަމާ ދެކޮޅުހަދާފައި. ޔޫ.އެންގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒުން ނިންމާފައިވަނީ، ޔޫ.އެން އިން ބަލަންޖެހޭ ކަމެއް ދިވެހިރާއްޖޭގައި ހިނގަމުން ނުދާކަމަށް." ޢަލީ އާރިފް ވިދާޅުވިއެވެ.

ސަރުކާރާއި، ދިވެހި ދައުލަތާއި، އިސްލާމީ ވަހުދަތާއި އިދިކޮޅަށް އަދި ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތު އޮވެގެން ކަންބޮޑުވެގެން އުޅޭ ހުރިހާ މީހުންނަށް ދެކޮޅަށް ނިމިގެން މިދިޔައީ ބޮޑު ކަމެއް ކަމަށާއި "އެބޭފުޅުން ވަރުގަދަ ފެއިލް އަކުން ފެއިލް ވެއްޖެ" ކަމަށްވެސް ޢަލީ އާރިފް މިއަދު ވިދާޅުވިއެވެ.

ޤައުމަށް ޣައްދާރުވި ފަރާތްތަކުގެ "ނާކާމިޔާބުވި ބަޣާވާތުގެ" އުފާ ފާޅުކުރުމަށް ބާއްވާ ޤައުމީ ޖަލްސާއެއް މިރޭ 08:30 ގައި ކާނިވަލް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާގައި ޤައުމިއްޔަތަށާއި ދީނަށް ލޯބިކުރައްވާ އެންމެހާ ދިވެހިން ބައިވެރިވެލެއްވުމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.