ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްއިން: ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕްގެ ގްރޫޕް ބީގައި ރާއްޖެ ކުޅުނު ފަހު މެޗުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް، ގުރުއަތު ނަގައިގެން ރާއްޖެ ސެމީއަށް ދަތުރުކޮށްފިއެވެ.

ބަންގުލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި މިރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ރާއްޖޭގެ މައްޗަށް އިންޑިއާއިން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ ގުޅިގެން ގްރޫޕުގައި ދެން ހިމެނޭ ސްރީލަންކާއާއި ރާއްޖެ ހުރިހާ ގޮތަކުން ވަނީ އެއްވަރުވެފައެވެ.

ރާއްޖެއާއި ލަންކާ ހުރިހާ ގޮތަކުން އެއްވަރުވުމުން ސެމީއަށް ދަތުރުކުރާ ޓީމެއް ކަށަވަރުކުރަން ޖެހުނީ ގުރު ނަގައިގެންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ދިގު ތާރީހުގައި ގުރު ނަގައިގެން ސެމީއަށް ދަތުރުކުރާ ޓީމެއް ކަށަވަރުކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.

މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އިންޑިއާއިން ވަނީ އެޓީމަށް ލިބުނު ފުރުސަތުތަކުގައި ނުރައްކާކޮށްފައެވ. އެގޮތުން އިންޑިއާގެ ނިކިލް ޗަންރަބްޝެޚާރްއާއި ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ.

މެޗުގެ 32 ވަނަ މިނެޓުގައި އިންޑިއާއަށް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިންޑިއާގެ ރަންޖަން ސިންގް ސަލާމް ފޮނުވާލި ހަމަލާ، ރާއްޖޭގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ) ވަނީ ދިފާއުކޮށްފައެވެ.

އިންޑިއާއިން ލީޑު ހޯދީ މެޗުގެ 36 ވަނަ މިނެޓުގައެވެ. ރީތި ކުޅުމަކާއެކު ފާރޫކް ހާޖީ ކަސަމް ޗޯދުރީ ދިން ބޯޅައަކުން އިންޑިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނިކިލް ޗަންދްރަޝޭކަރްއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، އިންޑިއާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އިންޑިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މަންވީރް ސިންގްއެވެ. މަންވީރަށް ލިބުނު ބޯޅަ ހޯދުމަށް ކީޕަރު ފައިސަލް ނުކުތް ނަމަވެސް، ފައިސަލްއަށް އެ ބޯޅަ ހޯދިފައެއް ނުވެއެވެ. އެ ފުރުސަތުގައި ޕެނަލްޓީ އޭރިޔާ ތެރެއިން މަންވީރު ބޯޅަ ފޮނުވާލީ ހުސް ގޯލަކަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ވަގުތުކޮޅު ތެރޭގައި ރާއްޖެއަށް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ލިބުނު ބޯޅައިން ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ދިޔައީ އިންޑިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައި ފުރަތަމަ ހަމަލާ ފޮނުވާލީ ރާއްޖެއިންނެވެ. މެޗުގެ 47 ވަނަ މިނެޓުގައި އިންޑިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަމްޕު ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް އިންޑިއާއަށް ވެސް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. އަނިރޫދް ތަޕާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިޔާ ތެރެއިން އިންޑިއާގެ ފާރޫކް ހާޖީ ކަސަމް ޗޯދުރީ ނުރައްކާ ކުރުމުގެ ކުރިން ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައި ރާއްޖޭގެ ހަލުވި ފޯވަޑް ލައިނުގައި ހިމެނޭ ހަމްޒާ މުހައްމަދު (ހަމްޕު)އާއި އަލީ ފާސިރު (ސެންޓޭ) އަދި ނާއިޒް ހަސަން (ދާދު) ކުޅެން ނުކުތުމާއެކު ރާއްޖޭގެ އެޓޭކް ވަރުގަދަ ވެގެންދިޔައެވެ. އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ދާދު ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ވެސް ރާއްޖެއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ އިންޑިއާގެ ކީޕަރު ވިޝާލް ކޭއިތުއެވެ.

ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. ރާއްޖޭގަޑިން އެ ދުވަހުގެ ހަވީރު 3:00ގައި ކުޅޭ މެޗުގައި ގްރޫޕް އޭގެ އެއްވަނަ ނޭޕާލްއާ ދެކޮޅަށް ގްރޫޕް ބީގެ ދެވަނަ ހޯދި ރާއްޖެ ނުކުންނަން ޖެހޭ އިރު، އެ ދުވަހުގެ ހަވީރު 6:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ހޯދި އިންޑިއާ އާއި ގްރޫޕް އޭގެ ދެވަނަ ހޯދި ޕާކިސްތާނެވެ،

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރިއަލިޓީ

    ސެމީގަ ރަނގަޅު ނަތީޖާއެއް ލިބޭނެކަމަށް އުއްމީދު ކުރަން .....

  2. ައާންމުން

    މުބާރަތުގަ ގޯލެއް ނުޖެހި، ގުރުއަތުން ތަށި ލިބިޖެޔާއެވީ

    • ލަންކާ

      ތީ މިގައުމަށް ޣައްދާރު މީހެއްތާ

  3. މަ ހީ ހީ

    މިވެސް ބްރޭކިންގ ނިއުސް؟؟؟؟
    ވަގުތެކޭ ސީއެންއެން އެކޭ ނެތް ތަފާތެއް ހަމަ ކޮންމެ އެއްޗެއްވެސް ބުރޭކިންގ

  4. ?

    ŚÒ ⁉️⁉️⁉️

  5. ޏ

    މިފަހަރު ރާއްޖެ ފައިނަލަށްވެސް ދަތުރު ކުރާނީ ގުރު ނަގައިގެން ކަމަށް ބެލެވެނީ އަދި ފައިނަލް މެޗުން ޗެންޕިއަންކަން ވެސް ހޯދާނީ ހަމަ ގުރުނަގައިގެން

  6. ދިވެހިރާއްޖެ

    ރާއްޖެ ސެމީއަށް ގޮށްސިއެންނު...... އުފާކޮށްބަލަ..

  7. ބޭބެ

    ހެހެ!! ކުޅޭނެ ކަމެއްނެތް!!! އަދި ނުވެސް ކުޅެވޭ!!! ގުރުލައިގެން ތަށިވެސް ހޯދާ!! މީގަ އެންމެ ސަޅި ތަންކޮޅަކީ 2 ގޯލުން ބަލިވެގެން އެންމެފަހުން ގުރުލައިގެން ހޮވުނީމަ އެންމެން އެކި ކޮޅުކޮޅަށް ތިބެ ސަޖިދަ ޖަހަމުން ގެންދިޔަތަން ފެނުނު!!! މިރާއްޖެ މިހާރު ލަދުގަންނަންޖެހޭފަދަ ނަތީޖާ މިފަހަރު މިނެރުނީ!!! ކުޅުންތެރިންގެ ޑިސިޕްލިންގް ރަގަނޅުވެގެން މިކަންކުރެވޭނީ!!!

  8. ރަށްދު

    ނުކުޅި ގުރުލީނަމަ

  9. ގޮޅާ

    ބައްސާމު އަދި މުޅި އެފްއޭއެމް ލަދު ގަންނަށްޖެހޭނެ. ބައްސާމު މަގާމުން އިސްތިއުފާ ދޭން ގޮވާލަން

  10. ކަމަނަ މުހައްމަދު

    ސެމީއަށް ދިއުމުން އިތުރަށް ވާނީ ބޭޒާރު، ގަންނާނީ ލަދު. ބައިކޮޅަށް 18 ވަނިއްޔާ ރަނގަޅީ. ކޯޗާއި ބައްސާމަށް ވައްސަލާމް.

  11. އަޙްމަދު

    ގުރުއަތުން ތަށިވެސްދޭންވީ. ކުޅުންތެރިން ނުއުފެއްދެންޏާ ކޮން ބޮޑުމުސާރައެއް ދީފައި ގެންނަ ކޯޗެއްތޯ. ދިވެހި ފުޓް ބޯޅައިގެ ކުރިމަގެއްނެތް ގޭންގް ކޯޗުން މިކަމާ ހަވާލުވެގެން މިކަން ކުރާހާދުވަހަކު. ކޮންމެ މީހަކުވެސް އެމީހަކާ ދިމާލައް އަންނަ ބޯޅަ ޖަހާލީމަ ބަލަން ތިބޭ ދިވެހުން ހަޅޭއްލެވީމާ އެއީ މާމޮޅު މީހެއްކަމެ ދެކުނު ދުވަސް މާޒީވެއްޖެ. މިހާރު ކުޅޭނީ ރީތި ފުޓްބޯލް. އެއީ އާޓެއް.

  12. ފަސީ

    ދެވަނަ ހޯދި އެއްނޫން. ދެވަނަ ލިބުނު ދިވެހިރާއްޖެ.