ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ލޫކާ މޮޑްރިޗް އަށް ލިބުން ހައްގު ކަމަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.

ފީފާ އެވޯޑަށް މޮޑްރިޗްގެ އިތުރުން ދެން ވާދަކުރަނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުނު އަދި މިހާރު ޔުވެންޓަސް އަށް ބަދަލުވެފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ވިންގާ މުހައްމަދު ސަލާހުއެވެ.

ފީފާގެ އެވޯޑަށް މޮޑްރިޗް ވާދަކުރާއިރު އޭނާ އަށް ދާދިފަހުން ވަނީ ޔުއެފާ އިން ހޮވާ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފައެވެ.

މޮޑްރިޗް އަށް ތާއީދުކޮށް ވާހަކަދައްކަމުން ރާމޯސް ބުނީ މޮޑްރިޗް އަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށާއި ރެއާލްގައި މޮޑްރިޗް ހުރުމުން އެކަމާ ފަހުރުވެރިވާ ކަމަށެވެ. އަދި ފީފާގެ އެވޯޑު މޮޑްރިޗް އަށް ލިބުން ހައްގު ކަމަށްވެސް ރާމޯސް ބުންޏެވެ.

"މާކެޓިންގެ ގޮތުންނާއި ނަމުގެ ގޮތުން ތަންކޮޅެއް ބޮޑު ކުޅުންތެރިން ތިބެދާނެ. އެކަމަކު އެ އެވޯޑު ހައްގީ މޮޑްރިޗް އަށް" ރާމޯސް ބުންޏެވެ.

ފީފާ އެވޯޑަށް މޮޑްރިޗް ވާދަކުރާއިރު އޭނާ އަކީ ޗެމްޕިއަންސް ލީގު ރެއާލް އަށް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއަކަށް ވާއިރު އޭނާ ވަނީ ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިނުމުގައި ވެސް އެހީތެރިވެފައެވެ. އެގޮތުން ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ މޮޑްރިޗްއެވެ.

މި އެވޯޑު ފާއިތުވި ދެ އަހަރު ވެސް ހޯދާފައިވަނީ ޕޯޗުގަލް އަށް އުފަން ރޮނާލްޑޯއެވެ. މި އެވޯޑް ދިނުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެރޭ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައެވެ.

މި އެވޯޑް ހޮވުމުގައި 50 ޕަސެންޓް މާކްސް އަކީ ގައުމީ ޓީމުގެ ކެޕްޓަނުންނާއި ކުޅުންތެރިން ދޭ ވޯޓެވެ. އަނެއް 50 ޕަސެންޓް ހިއްސާކުރަނީ ނޫސްވެރިންނާއި އާއްމުންލާ ވޯޓަށެވެ.