އެމެރިކާގައި ކުރިއަށްދިޔަ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ނޮވަކް ޖޮކޮވިޗް ހޯދައިފިއެވެ.

ރޭ ކުޅުނު ފައިނަލް މެޗު ސާބިޔާ އަށް އުފަން ޖޮކޮވިޗް ކާމިޔާބުކުރީ އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރޯއާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ.

ޖޮކޮވިޗްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު އޭނާ ކާމިޔާބުކުރީ 3-6 އިންނެވެ. އަދި ދެވަނަ ސެޓު ވަރަށް ވާދަވެރި ކުޅުމަކަށްފަހު 6-7 އިން ޖޮކޮވިޗް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ތިންވަނަ ސެޓު 3-6 އިން ކާމިޔާބުކޮށް ޖޮކޮވިޗް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މިއީ އުމުރުން 31 އަހަރުގެ ޖޮކޮވިޗް ޔޫއެސް އޯޕަން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެގޮތުން ޖޮކޮވިޗް ވަނީ މި މުބާރާތް 2011 އަދި 2015 ވަނަ އަހަރު ވެސް ކާމިޔާބުކޮށްފައެވެ. އަދި މި މުބާރާތާއެކު ޖޮކޮވިޗް ހޯދި ގްރޭންޑް ސްލޭމްގެ އަދަދު މިހާރު ވަނީ 14 އަށް އަރާފައެވެ.

ޖޮކޮވިޗް އަށް ވުރެ އިތުރަށް ގްރޭންޑް ސްލޭމް ހޯދާފައިވަނީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ ސްވިޒަލޭންޑް ރޮޖާ ފެޑެރާ (20 ގްރޭންޑް ސްލޭމް) އަދި ސްޕެއިންގެ ރަފޭލް ނަޑާލް (17 ގްރޭންޑް ސްލޭމް) އެވެ.

މި މުބާރާތް ކާމިޔާބު ކުރުމުން ޓެނިސް ރޭންކިންގެ ހަތަރުވަނަ މަގާމަށް ޖޮކޮވިޗް އަރާނެއެވެ. އޭނާ މިވަގުތު އޮތީ ރޭންކިންގެ ހަވަނައިގައެވެ.