ބަންގްލަދޭޝްގެ ޑާކާއިން: ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިފައިވާ އިރު، އިއްޔެ ފެނިގެން ދިޔައީ މުޅިން އަލަށް ސާފް ޗެމްޕިއަންޝިޕްގައި ފެނިގެން ދިޔަ މަންޒަރެކެވެ.

ގްރޫޕް ސްޓޭޖުގައި ދެޓީމެއްގެ ޕޮއިންޓާއި، ޖެހި ގޯލް އަދި ފައިދާ ގޯލްވެސް އެއްވަރުވެ، ސެމީ ފައިނަލަށް ދާނެ ޓީމު ކަނޑައެޅުމަށް ގުރުއަތު ނެގި މަންޒަރެވެ. ގްރޫޕް ސްޓޭޖުގައި ދެޓީމަށް ހަމަހަމަ ވެއްޖެނަމަ، ގުރުއަތު ނެގުމަކީ ފީފާގެ ގަވާއިދުގައިވެސް ބުނެފައިވާ އޮޕްޝަނެކެވެ. އެހެން ނަމަވެސް ފީފާ ވޯލްޑް ކަޕްގައިވެސް އެ އޮޕްޝަން އަންނަނީ ފެއާ ޕްލޭ ރޫލްއަށް ފަހުގައެވެ. ސާފްގައި ފެއާ ޕްލޭ ރޫލް ނުބަލައި، ދަނީ ގުރުއަތަށެވެ.

މި ފަހަރު މުބާރާތުގެ ގްރޫޕް ބީގައި ތިން ޓީމު ވާދަކޮށްފައިވާ އިރު، ކުޅުނު ދެމެޗުންވެސް މޮޅުވެ، ގްރޫޕްގެ އެއްވަނަ ހޯދީ އިންޑިއާއެވެ. ދެން އޮތް ސްރީލަންކާއާއި ރާއްޖެ، ހުރިހާ ގޮތަކުން ހަމަހަމަވެފައި އޮތުމުން ގޮތް ނިންމީ ގުރު ނަގައިގެންނެވެ. ގުރު ނަގައިގެން ރާއްޖެ ސެމީއަށް ދިއުމާއެކު، އެވަގުތު ކޮޅު ވެގެންދާނީ ލަންކާއަށް ހިތްދަތި ވަގުތުކޮޅެއްކަން ޔަގީނެވެ.

އެންމެފަހުން 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައިވެސް ލަންކާ ސެމީއަށް ގޮސްފައިވާ އިރު، މިފަހަރު ރާއްޖެއާ އެއްވަރުކޮށް، ލަންކާއިން ދައްކަމުން އައީ ހިތްވަރު ގަދަ ކުޅުމެކެވެ. ހާއްސަކޮށް ރާއްޖޭ މެޗުގައި ލަންކާ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ގޯލްކީޕަރު ސުޖަން ޕެރޭރާ މުބާރާތުގައި ދައްކަމުން އައީ ތަފާތު މޮޅު ކުޅުމެކެވެ.

" ބަލިވުމާ މޮޅުވުމަކީ ފުޓުބޯޅައިގެ ބައެއް. އެކަމަކު މިގޮތަށް ކަޓައިގެން ދިޔުމަކީ ވަރަށް ހިތްދަތިވި ކަމެއް. އެހެން ނަމަވެސް، ހުރިހާ ދިވެހި ކުޅުންތެރިނަށާއި، މުޅި ރާއްޖޭގެ ހުރިހާ ދިވެހިންނަށް ދެން އޮތް މެޗުން ރަނގަޅު ކާމިޔާބަކަށް އެދެން. ރަނގަޅު ފައިޓެއް ދެވުނު. މިއީ ލަންކާ ޖާޒީގައި އަހަރެން ކުޅޭ އެންމެފަހު މެޗަށް ނުވާނެ ކަމަށް އުންމީދު ކުރަން،" ސުޖަން ބުނެފައިވެއެވެ.

ސުޖަންގެ އެފްބީ ޕޯސްޓް ---

ސްރީލަންކާގެ ފުޓުބޯޅަ މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ދިއުމަށްފަހު، މިހާރު ކުރިއަށް ޖެހެމުންދަނީ ސުޖަން ފަދަ ކުޅުންތެރިންގެ ލީޑާޝިޕާ އެކުގައެވެ. ރާއްޖޭގެ ކްލަބު އީގަލްސްގެވެސް ކެޕްޓަން ސުޖަންއަށް މި ސީޒަނަކީ އީގަލްސްއާއެކު އޭނާ ހޭދަކުރާ ހަތަރު ވަނަ ސީޒަނެވެ. އެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުޅުންތެރިންނާ، ފުޓުބޯޅަ އާއިލާގެ ގިނަ ބަޔަކުވެސް ބަލައިގަންނަ ކުޅުންތެރިޔަކަށް ސުޖަން ވަނީ ވެފައެވެ.

ސުޖަން މެސެޖާއެކު ރާއްޖޭގެ ޒުވާން ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު)ގެ ޕޭޖުގައިވެސް ވަނީ ހާއްސަ މެސެޖެއް ދީފައެވެ.

ހަމްޕުގެ ފޭސްބުކް ޕޭޖުގައި އޭނާ ކޮށްފައިވާ ޕޯސްޓް ---

" ސުޖަންއަކީ ބުރަކޮށް މަސައްކަތް ކުރާ، އަބަދުވެސް މޮޅުވާން މަސައްކަތް ކުރާ ކުޅުންތެރިއެއް. އަދި އޭނާއަކީ ރާއްޖޭގެ ލީގުގައި ކުޅޭ އެންމެ މޮޅު އެއް ބިދޭސީ ކުޅުންތެރިޔާ. ސުޖަން ކަހަލަ ކުޅުންތެރިޔަކު ހިތްދަތިކޮށް ކަޓައިގެން ދިއުމަކީ ދެރަވާ ކަމެއް. ސުޖަންއަކީ ވަރަށް ގާތް އެކުވެރިއެއް، ވަރަށް ހިތްތިރި ކުޅުންތެރިއެއް،" ހަމްޕުގެ ޕޭޖުގައި އޭނާ ޕޯސްޓް ކޮށްފައިވެއެވެ.

ރާއްޖެއިން ގުރުއަތު ނަގައިގެން ސެމީއަށް ގޮސްފައިވާ އިރު، ގްރޫޕް ސްޓޭޖުގައި ގޯލެއް ޖެހިފައެއް ނުވެއެވެ. އެހެން ނަމަވެސް ލަންކާއާ އެއްވަރުކޮށް ރާއްޖެއިން ވަނީ ޕޮއިންޓެއް ހޯދައިފައެވެ. ސެމީގައި ރާއްޖެ ވާދަކުރަން ޖެހޭނީ ނޭޕާލާއެވެ. އެ މެޗު އޮންނާނީ ބުދަ ދުވަހު ހަވީރު 3:00ގައެވެ.