ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ގޯލްކީޕަރު "ދަ ބެސްޓް ގޯލްކީޕަރު"ގެ އެވޯޑަށް ވާދަކުރާ ފައިނަލް ތިން ކީޕަރުންގެ ނަން އިއުލާން ކޮށްފިއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ފީފާގެ ލެޖެންޑުންގެ ޓީމަކުން ނޮމިނޭޓް ކޮށްފައިވާ ތިން ކީޕަރުންނަކީ ރެއާލް މެޑްރިޑްގެ ބެލްޖިއަމް ގޯލްކީޕަރު ތީބޯ ކޯޓުއާގެ އިތުރުން ޓޮޓެންހަމް އަދި ފްރާންސްގެ ހޫގޯ ލޮރިސްއާއި ލެސްޓާ ސިޓީގެ ޑެންމާކު ގޯލްކީޕަރު ކެސްޕާ ޝޫމައިކަލްއެވެ.

މި މަހުގެ 24 ވަނަ ދުވަހުގެރޭ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ދަ ބެސްޓް އެވޯޑް ހަފްލާގައި ފީފާގެ އެންމެ މޮޅު ކުޅުންތެރިއާގެ އިތުރުން އަހަރުގެ އެންމެ މޮޅު ޓީމުވެސް އިއުލާންކުރާ އިރު، ޕުސްކަސް އެވޯޑާއި އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑުވެސް އެ ހަފްލާގައި ދޭނެއެވެ.

އެންމެ މޮޅު ގޯލްކީޕަރަށް ވާދަކުރާ ކޯޓުއާ ވަނީ މި އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދާ، ބެލްޖިއަމްއާއެކު ވޯލްޑް ކަޕްގެ ތިންވަނަ ހޯދައިފައެވެ. މިދިޔަ ސީޒަންގައި ކޯޓުއާ ވަނީ އޭނާގެ ކްލަބު ޗެލްސީއަށްވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި 15 ކްލީންޝީޓް ހިފަހައްޓައިފައެވެ.

އެވޯޑަށް ނޮމިނޭޓްވި ލޮރިސްއަކީ ނިމިދިޔަ ވޯލްޑް ކަޕްގެ ޗެމްޕިއަން، ފްރާންސްގެ ގޯލް ބެލެހެއްޓި ކީޕަރެވެ. ވޯލްޑް ކަޕްގައި ފްރާންސަށް މޮޅު ކުޅުމެއް ދައްކައިދިން ލޮރިސް ވަނީ ފައިނަލާ ހަމައަށް ފްރާންސް ގެންދިއުމަށް ހަތަރު ކްލީންޝީޓް ހިފަހައްޓައިފައެވެ. ކްލަބު ލެވެލްގައިވެސް ލޮރިސް ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައިވާ އިރު، އޭނާ ވަނީ މިދިޔަ ސީޒަންގައި ޓޮޓެންހަމްއާއެކު ޕްރިމިއާ ލީގުގައި ޖެހިޖެހިގެން 15 މެޗުން ބަލިނުވެ ހިފަހައްޓައިފައެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ލެޖެންޑްރީ ގޯލްކީޕަރު ޕީޓާ ޝޫމައިކަލްގެ ދަރި، ކެސްޕާ އެންމެ ބޮޑަށް ވިދާލީ ވޯލްޑް ކަޕްގައެވެ. ރަޝިއާގައި ޑެންމާކާއެކު އޭނާ ކުޅުނު މެޗުތަކުގެ ތެރެއިން ގޯލަށް ވަނުމަށް އައި ބޯޅައިގެ 91 ޕަސެންޓް ހަމަލާ ކެސްޕާ ވަނީ މަތަކޮށްފައެވެ. އެއީ ވޯލްޑް ކަޕްގައި އެންމެ މަތީ ޕަސެންޓަކަށް ސޭވް ކޮށްފައިވާ އިންސައްތައެވެ.

ގަދަ 16އިން ޑެންމާކް ކެޓި ނަމަވެސ،ް ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު ގަދަ 16ގެ މެޗުގައި ކެސްޕާ ވަނީ ތިން ޕެނެލްޓީ މަތަކޮށް، އޭނާގެ ބައްޕަގެ ތައުރީފްވެސް ހޯދައިފައެވެ. ޑެންމާކާއެކު 572 މިނެޓް ގޯލެއް ވަނަ ނުދީ ރެކޯޑު ހަދާފައިވާ އިރު، ކެސްޕާ އެވޯޑަށް ނޮމިނޭޓްވުމުގެ އެންމެ ބޮޑު އަސްލަކީ އޭނާގެ ކާމިޔާބު ވޯލްޑް ކަޕެވެ.

މި އަހަރުގެ ފީފާ ދަ ބެސްޓް އެންމެ މޮޅު ކުޅުންތެރިއާގެ މަގާމަށް ނޮމިނޭޓް ވެފައިވާ ތިން ކުޅުންތެރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ލޫކާ މޮޑްރިޗާއި މުހައްމަދު ސަލާހެވެ. އެވޯޑް ހޮވުމުގައި 50 ޕަސެންޓް މާކްސް އަކީ ގައުމީ ޓީމުގެ ކެޕްޓަނުންނާއި ކުޅުންތެރިން ދޭ ވޯޓެވެ. އަނެއް 50 ޕަސެންޓް ހިއްސާކުރަނީ ނޫސްވެރިންނާއި އާއްމުންލާ ވޯޓަށެވެ.

މިދިޔަ އަހަރު ފީފާއިން ހޮވު އެންމެ މޮޅު ގޯލްކީޕަރަކީ އިޓަލީގެ ޖިއާންލުއީޖީ ބުފޮންއެވެ.