ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިޓަލީގެ މައްޗަށް ޕޯޗުގަލް އިން 1-0 އިން ކުރި ހޯދައިފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު މި ދެ ޓީމު ލައްވާލާފައިވަނީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ލީގު ކަމަށްވާ އޭ ލީގުގެ ގްރޫޕް ތިނެއްގައެވެ. މި ގްރޫޕްގައި އިޓަލީ އާއި ޕޯޗުގަލް އިތުރުން ދެން ހިމެނެނީ ޕޮލެންޑެވެ.

ރޭގެ މެޗަކީ ނޭޝަންސް ލީގުގައި އިޓަލީން ކުޅުނު ދެވަނަ މެޗެވެ. އެގޮތުން ފުރަތަމަ މެޗުގައި އިޓަލީން ޕޮލެންޑާއި ބައްދަލުކުރިއިރު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަނެއްކޮޅުން މިއީ ނޭޝަންސް ލީގުގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗެވެ.

ޕޯޗުގަލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް ޕޯޗުގަލް އިން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ބެނާޑޯ ސިލްވާ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ރޮގުމަތިން އިޓަލީގެ ޑިފެންޑަރަކު ދިފާއުކުރިއިރު ކަވާލިއޯ ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އަންދްރޭ ސިލްވާ ވަނީ ޕޯޗުގަލް އަށް ލީޑު ނަގާދީފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ބެނާޑޯ ސިލްވާ ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އިޓަލީގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ އިޓަލީގެ ޒުވާން ކީޕަރު ޑޮނަރުއްމާ ވަނީ ހުޝިޔާރުކަމާ އެކީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހުކޮޅު އިޓަލީން ޕޯޗުގަލްގެ ޑިފެންސްލައިނަށް ބާރު ބޮޑުކުރަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް މި ހާފުގައި ވެސް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް ދެން ބައްދަލުކުރާނީ ޕޮލެންޑާއެވެ.

ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު ކޮންމެ ލީގެއްގައި ހިމެނެނީ ތިން ޓީމު ހިމެނޭ ހަތަރު ގްރޫޕެވެ. އެ ހަތަރު ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމުތަކުގެ މެދުގައި އިތުރު މުބާރާތެއް އަންނަ އަހަރުގެ ޖޫން މަހު އޮންނާނެއެވެ. އެ މުބާރާތް ފަށާނީ ސެމީފައިނަލާއި ހިސާބުންނެވެ.