ބަންގްލަދޭޝްގެ ޑާކާއިން:

ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މާދަމާ ނޭޕާލާ ދެކޮޅަށް ރާއްޖެއިން ނުކުންނަ އިރު، މުޅި ގައުމު އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށާއި، މިހާރު ތިބި ހުރިހާ ކުޅުންތެރިންނަށްވެސް އިހުތިރާމް ކުރުމަށް ގައުމީ ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.

ގައުމީ ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން އެއްވެސް މެޗެއްގައި ގޯލެއް ޖެހިފައެއް ނުވެއެވެ. ލަންކާއާ ދެކޮޅަށް ކުޅެ ގޯލެއް ނުޖެހި އެއްވަރުވެގެން މެޗު ނިމުނު އިރު، އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ބީގައި ރާއްޖެއާއި ލަންކާ ހުރިހާ ގޮތަކުންވެސް ހަމަހަމަވުގެ ސަބަބުން ސެމީ ފައިނަލަށް ދާނެ ޓީމު ކަނޑައެޅީ ގުރުއަތުލައިގެންނެވެ.

ނޭޕާލުން ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައިވާ އިރު، އެޓީމުން ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައެވެ. ނޭޕާލް ގްރޫޕް ސްޓޭޖުގައި ބަލިވީ، އެ ގްރޫޕްގެ ދެވަނައަށް ދިޔަ ޓީމު، ޕާކިސްތާން އަތުން އެކަންޏެވެ.

މާދަމާގެ ސެމީ ފައިނަލް މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޯޗު ސެގަޓް ބުނީ ގައުމީ ޓީމުގެ ކޯޗުކަމުން އޭނާ ދުރުކޮށް، އެސިސްޓެންޓް ކޯޗާ މަގާމު ހަވާލުކުރާ ކަމަށް ރާއްޖޭގެ މީޑިއާތަކުން ހަބަރު ފެތުރި ކަމަށާއި، އެފަދަ އޮޅުން އަރާފަދަ ވާހަތައް ދެއްކުމަކީ ކުޅުންތެރިންނަށް އޭގެ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.

" އަހަންނަކީ އަދިވެސް ރާއްޖޭގެ ކޯޗު. ބައެއް މީޑިއާތަކުގައި ކިޔަމުންދޭ އެސިސްޓެންޓް ކޯޗާ ހަވާލުކޮށް، އަހަރެން ދަނީއޭ. މިއީ ރާއްޖޭގެ ކުޅުންތެރިންނަށް އޮޅުން އަރާ ފަދަ ވާހަކަތަކެއް. އަހަރެންގެ އާއިލާއާ ހަމައަށްވެސް އެވާހަކަތައް ވަނީ ގޮސްފައި. އެއީ އަހަންނަށް އެންމެ ފަސޭހަ ކަންކަމެއް ނޫން. ޓީމަށްވެސް އެންމެ ފައިދާ ހުރި ގޮތެއް ނޫން. އެހެންވީމަ އެފަދަ ކަންކަން ނުކުރުމަށް އެދެން. ކުޅުންތެރިންނަށް އޮޅުންއަރާފަދަ އެއްވެސް ކަމެއް ނުކުރުމަށް މިއެދެނީ. އަހަންނަކީ އަދިވެސް ރާއްޖޭގެ ކޯޗު، އަހަރެން އިހުތިރާމް ކުރާނީ އެފްއޭގެ ރައީސް ބައްސާމަށް، އޭނާގެ ނިންމުމަށް،" ސެގަޓް ބުންޏެެވެ.

ސެގަޓް ބުނީ މިއީ ގައުމު އެކަތިގަނޑަކަށް ވާން ޖެހޭ ވަގުތު ކަމަށާއި، މިހާރު ޓީމާއެކު ތިބި ކޮންމެ ކުޅުންތެރިއަކަށްވެސް ދިވެހި ކޮންމެ ރައްޔިތަކުވެސް ފުރިހަމައަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.

" ކޮންމެ ސިޔާސީ މަސްރަހެއް އޮތަސް. މުޅި ގައުމު އެއްކޮށް އެކަތި ގަނޑަކަށް ވާން ޖެހޭ. އަހަރެން ހުރިހާ ޒިންމާއެއް ނަގާނަން ޓީމުގެ ހުރިހާ ކަމަކަށް. މިހާރު ތިބި ކުޅުންތެރިންގެ ވާހަކަ ދައްކާނީ. މިހާރު ތިބި ކުޅުންތެރިންނަށް އިހުތިރާމް ކުރަންވީ. މި ކުރިމަތިލަނީ މުބާރާތުގެ ސެމީ ފައިނަލަށް. އަހަރެންގެ ޓީމުގެ ހުރި އެންމެ ވަފާތެރި މީހާ އެސިސްޓެންޓް ކޯޗަކީ ޝާކިއްޓޭ. އެކަމަކު އޭނާއަކީ މިހާރު ކޯޗުކަމަށް މީޑިއާތަކުން ހަބަރުތައް ފެތުރި. މިއީ ގަބޫލުކުރަން ދަތި ވާހަކަތަކެއް. މިހާރު ފާޑުކިޔުންތައް އެއްފަރާތް ކޮށްލަންވީ. މުބާރާތް ނިމުނީމަ އަހަންނަށް ފާޑުކިޔަންވީ. އެކަމަކު މުބާރާތް ނިމެންދެން ގައުމީ ރޫހުގައި ހުރިހާ އެންމެން އެކައްޗެއް ކިޔަންވީ،" ސެގަޓްގެ ވާހަގަކައިގައި އޭނާ ފާހަގަކުރިއެވެ.

ނޭޕާލް ޓީމާ ގުޅޭގޮތުން ސެގަޓް ބުނީ ސެމީއަށް ރާއްޖެ ދިޔައީ ނަސީބުން ނަމަވެސް، މާދަމާގެ މެޗުގައި އެ ފުރުސަތު ނުލިބޭނެކަން ހުރިހާ ކުޅުންތެރިންނާއި އޭނަވެސް ގަބޫލުކުރާ ކަމަށެވެ.

" މާދަމާ ނުކުންނަ ނޭޕާލް ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. ނޭޕާލަށް ފުރިހަމައަށް ގަދަރު ކުރަން. ޓީމުން ފައިނަލަށް ދިޔުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން. އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެވެސް އެދުމެއް ކަމަށް. ސްރީލަންކާ ކަޓައިގެން ދިޔައީ ނަސީބުން. އެކަމަކު މިއީ އެފަދަ ފުރުސަތެއް ނޫން. އަހަރެމެން ނޭޕާލާ ދެކޮޅަށް ނަތީޖާ ނެރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްވެސް އެނގޭ. މެޗުން މޮޅުވާން ނުކުންނާނީ. ނިމިދިޔަތަން ހަނދާން ނައްތާލާ ކުރިއަށް ވިސްނަންވީ. މިއީ ގައުމީ ޓީމުގެ ކުރި މަގަށް ވިސްނަންވީ ވަގުތު،" ސެގަޓް ބުންޏެވެ.

ރާއްޖެއާއި ނޭޕާލް ސަރަހައްދީ މުބާރާތްތަކާއި އެކުވެރިކަމުގެ މެޗުތަކުގައި މިހާތަނަށް 15 ފަހަރު މަތިން ކުރިމަތިލާފައިވާ އިރު، ރާއްޖެއިން ވަނީ ހަތް މެޗު ކާމިޔާބުކޮށްފައެވެ. ނޭޕާލުން ހަތަރު މެޗުން މޮޅުވި އިރު، ހަތަރު މެޗެއް ވަނީ އެއްވަރުވެގެން ނިމިފައެވެ.

ނޭޕާލުން މީގެ ކުރިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ގޮސްފައި ނުވި ނަމަވެސް، ރާއްޖެއިން ވަނީ ހަތަރު ފަހަރު ސާފްގެ ފައިނަލް ކުޅެ 2008 ވަނަ އަހަރު ތަށިވެސް އުފުލާލައިފައެވެ.

ރާއްޖެއާއި ނޭޕާލް ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާ ރާއްޖެ ގަޑިން 3:00ގައެވެ.