ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ކަމަށްވާ ޔުއެފާ އިން އާ ކްލަބް މުބާރާތް ތައާރަފް ކުރަން ތައްޔާރުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ކްރޮއޭޝިއާގައި މިއަދު ކުރިއަށްދިޔަ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) ގެ ޖެނެރަލް އެސެމްބްލީގައި އެ އެސޯސިއޭޝަންގެ ރައީސް އަންދްރޭ އަގްނެލީއެވެ.

އަގްނެލީ ވިދާޅުވީ މި މުބާރާތް ބޭއްވޭނީ ޔުއެފާގެ އެކްސްކޯ އިން ހުއްދަ ލިބުމުން ކަމަށާއި އެ ހުއްދަ ލިބޭނެކަމުގެ ފެހި ސިގްނަލް މިހާރު ލިބިފައިވާ ކަމަށެވެ. މި މުބާރާތް ތައާރަފް ކުރުމަށް ނިންމާފައިވަނީ 2021 ވަނަ އަހަރު ކަމަށްވާއިރު މި މުބާރާތާއި ގުޅޭ އިތުރު ތަފްސީލެއް މި ބައްދަލުވުމުގައި އަގްނެލީ ދެއްވާފައެއް ނުވެއެވެ.

އިޓަލީގެ ޔުވެންޓަސްގެ ރައީސްކަން ވެސް ކުރަމުން އަންނަ އަގްނެލީ އިތުރަށް ވިދާޅުވި ގޮތުގައި އާ މުބާރާތާއި އެކު ޔޫރަޕްގެ ފުޓްބޯޅައިގައި ވާދަކުރާ ކްލަބުތަކުގެ އަދަދު 96 އަށް އިތުރުވާނެއެވެ. މިހާރު ޔޫރަޕްގެ ފުޓްބޯޅައިގައި ވާދަކުރާ ކްލަބުތަކުގެ އަދަދަކީ 80 އެވެ.

ޔުއެފާ އިން އާ މުބާރާތެއް ތައާރަފް ކުރަން ތައްޔާރުވަމުންދާއިރު މިހާރު ވެސް ޔޫރަޕްގެ ދެ ކްލަބު މުބާރާތް އޮވެއެވެ. އެއީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި 32 ކްލަބު ވާދަކުރާއިރު ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި 48 ކްލަބަކުން ވާދަކުރެއެވެ.

މީގެ އަހަރުތަކެއް ކުރިން ޔުއެފާ އިން ވަނީ ކަޕް ވިނާސް ކަޕްގެ ނަމުގައި ވެސް ކްލަބު މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. އެ މުބާރާތަކީ ޔޫރަޕްގެ ލީގުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވުނު މުބާރާތެކެވެ. ނަމަވެސް 1999 ވަނަ އަހަރު އެ މުބާރާތް ވަނީ ހުއްޓާލާފައެވެ.