ޖަރުމަނުވިލާތަށް އުފަން ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޓޯނީ ކްރޫޒް އަލުން ގައުމީ ޓީމަށް ކުޅެން ނިންމައިފިއެވެ.

މިހާރުވެސް ސްޕެއިންގެ ރެއާލް މެޑްރިޑްގެ މެދުތެރެއަށް ކުޅެމުން އަންނަ ޓޯނީ ކްރޫޒް ގައުމީ ޓީމަށް ކުޅެން ނިންމިކަން އިއުލާން ކުރީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ޓޯނީ ކްރޫސް ބުނެފައި ވަނީ ޖަރުމަނު ވިލާތުގެ ގައުމީ ޓީމުގެ މެނޭޖަރ ޖޫލިއަން ނަގެލްސްމަން ގެ އެދުމުގެ މަތިން މިއަންނަ މާޗް މަހު އޭނާ އަލުން ގައުމީ ޓީމަށް ކުޅޭނެ ކަމަށެވެ.

އުމުރުން 34 ގެ ޓޯނީ ކްރޫޒް އެންމެ ފަހުން ޖަރުމަނު ގައުމީ ޓީމަށް ކުޅެފައިވަނީ ޔޫރޯ 2020 ވަނަ އަހަރުއެވެ. އެ މުބާރާތައް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަމުން ޓޯނީ ކްރޫޒް ބުނެފައިވަނީ އޭނާ ގައުމީ ޓީމަށް ކުޅުން ނިންމާލީ އޭނާގެ އާއިލާއަށް ވަގުތު ދިނުމަށާއި ތަންކޮޅެން ބޮޑަށް ސަމާލުކަން ދީގެން ރެއާލް މެޑްރިޑްގައި ކުޅެ ރަނގަޅު ނަތީޖާތަކެއް ހޯދުމަށެވެ.

ޓޯނީ ކްރޫޒް ވަނީ ޖަރުމަނު ގައުމީ ޓީމަށް 106 މެޗު ކުޅެދީފައެވެ. އަދި 2014 ވަނަ އަހަރު ވޯލް ކަޕް ޖަރުމަނުން ކާމިޔާބު ކުރުމުގައި ޓޯނީ ކްރޫޒް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު