ދެކުނު އޭޝިއާގައި ފަހަކަށް އައިސް ފާހަގަކޮށްލެވުނު ފޯވަޑުންގެ ތެރޭގައި އިންޑިއާގެ ސުނިލް ޗެތުރީއާއި ރާއްޖޭގެ އަލީ އަޝްފާގު(ދަގަނޑޭ) ހިމެނުނެވެ. އެ ދެކުޅުންތެރިންވެސް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ނުފެންނަ އިރު، އެ ދެކުޅުންތެރިންވެސް ދެން ސާފް ޗެމްޕިއަންޝިޕަކުން ފެނުން ވަރަށް ދުރެވެ.

ޗެތުރީއާއި ދަގަނޑޭ ފަދަ ކުޅުންތެރިންނަކީ ސަރަހައްދީ ފުޓުބޯޅައިގައި ރަސްކަން ކުރި ފޯވަޑުންނެވެ. ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖަހައިފައި ވަނީ މުބާރާތުގައި 20 ގޯލް ޖަހައިފައިވާ ދަގަނޑޭއެވެ. ލިސްޓްގެ ދެވަނައިގައި 13 ގޯލާއެކު އޮތީ އިންޑިއާގެ ކެޕްޓަން ޗެތުރީއެވެ. ގޯލް ޖެހުމުގެ ތަފާސްހިސާބުންވެސް، ޗެތުރީއާއި ދަގަނޑޭ ފަދަ ކުޅުންތެރިން، މި ރީޖަންގައި ދެއްކި ކުޅުން ސާފެވެ.

ފަހަކަށް އައިސް ޓީމުތަކަށް ދިމާވަމުން އަންނަ މައްސަލައަކީވެސް ގޯލް ޖަހާނެ ފޯވަޑުން މަދުވުމެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައިވެސް ޓީމުތަކުގެ އެންމެ ބޮޑު މައްސަލައަކަށް، އެކަން ވަނީ ވެފައެވެ. ދަގަނޑޭއާއި ޗެތުރީ ފަދަ ކުޅުންތެރިން ނެތްތައް ފޫބައްދާނެ ފޯވަޑުން އެގައުމުތަކަށްވެސް ނެތުމެވެ. ބަންގްލަދޭޝް މުބާރާތުން ކަޓައިގެން ދިއުމުން އެގައުމުގެ ކޯޗު ކަމުގައި ހުރި އިނގިރޭސިވިލާތުގެ ޖޭމީ ޑޭވެސް އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ސަރަހައްދުގައި ފޯވަޑުން މަދުވުމެވެ. ހާއްސަކޮށް ބަންގްލަދޭޝްއަށް އެ މައްސަލަ ދިމާވި ކަމަށްވެސް އޭނާ ބުންޏެވެ.

ސާފް ސުޒުކީ ކަޕް 2018: ބަނގްލަދޭޝް އަދި ނޭޕާލް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މުބާރާތުގައި މިހާތަނަށް އެންމެ ތަފާތު ފޯވަޑުން ފެނުނު ޓީމުތަކުގެ ތެރޭގައި ޕާކިސްތާނާއި ނޭޕާލް ހިމެނެއެވެ. ޔޫރަޕްގެ ޑެންމާކުގައި ވަޒަންވެރިވެގެން ކެރިއަރު ކުރިއަރުވަމުންދާ ތިން ކުޅުންތެރިއެއް ޕާކިސްތާނުގެ ފޯވަޑް ލައިނުން ވިދަމުންދާ އިރު، ނޭޕާލަށް އޮތް އެންމެ ބޮޑު ހިތްވަރަކީ އެގައުމުގެ ފޯވަޑް ލައިނުން ޒުވާން ތަރިންތަކެއް އުފެދުމެވެ. ސުނިލް ބާލްއާއި ބިމާލް ގާތީ މަގަރްވެފައި ވަނީ މި އަހަރުގެ މުބާރާތުގެ ސެމީއަށް ނޭޕާލް ގެންގޮސްދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ދެ ކުޅުންތެރިންނަށެވެ. ހުނަރުވެރި ދެ ދެ ކުޅުންތެރިންގެވެސް އުމުރަކީ 20 އަހަރެވެ.

އޭގެ ތެރެއިން ބިމާލް ގާތީއަކީ އޭނާގެ ޒުވާން އުމުރުގައި ޔޫރަޕްގެ ފުޓުބޯޅައިގެ ތަޖުރިބާކޮށް، ބޮޑެތި ބައެއް ކްލަބުތަކުގެ ރާޑަރަށްވެސް އަރާފައިވާ ކުޅުންތެރިއެކެވެ.

" ޔޫރަޕްގައި ކުރެވުނު ތަޖުރިބާއަކީ އަހަރެންގެ ކެރިއަރަށް ވަރަށް މުހިއްމުވި ތަޖުރިބާއެއް. އެކިއެކި ކްލަބުތަކުގެ ތަފާތު ތަމްރީނުތަކާއެކު ހުނަރު ތަރައްގީކުރުމަށް ބޮޑެތި އެހީތަކެއް ލިބިގެން ދިޔަ," ބަންގްލަދޭޝްގެ ޑާކާ ޓްރައިބިއުނަލްއަށް ބިމާލް ގާތީ ބުނެފައިވެއެވެ.

ސާފް ސުޒުކީ ކަޕް 2018: ބަނގްލަދޭޝް އަދި ނޭޕާލް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިހާތަނަށް މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ތިން މެޗުން ދެ ގޯލް ޖަހައިވާ ބިމާލް ގާތީ ވަނީ ގްރޫޕް ސްޓޭޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް ކޮޅަށް މުހިއްމު ގޯލެއް ޖަހައި، ޓީމު ސެމީއަށް ގެންދިއުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.

އޯލް ނޭޕާލް ފުޓުބޯޅަ އެސޯސިއޭޝަންގެ އެކަޑެމީން ކެރިއަރު ފެށި ބިމާލް ގާތީގެ އުމުރުން 16 އަހަރުގައި އޭނާ ވަނީ ހޮލެންޑްގެ ދެވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އެފްސީ ޓްވެންޓޭގެ ޓްރަޔަލްއެއްގައި ދެ ހަފްތާ ހޭދަކޮށްފައެވެ. އެ ދެހަފްތާ ތެރޭގައި އެ ކްލަބުގެ 19 އަހަރުން ދަށުގެ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ހަތަރު ގޯލް ޖަހައި އޭނާ ވިދާލާފައިވާ އިރު، ކްލަބުގެ އިތުރުން ޔޫރަޕްގެ ވަރުގަދަ ބާރުތަކުންވެސް އޭނާ ހޯދަން މަސައްކަތް ކުރިއެވެ. އޭގެ ތެރެއިން އެއް ކްލަބަކީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑެވެ.

ޔޫރަޕްގައި 18 އަހަރުން ދަށުގެ ކުޅުންތެރިން ގެންދިއުމުގެ ގަވާއިދާއި، އެގައުމުތަކުގައި 18 އަހަރު ނުފުރޭ ކުޑަކުދިންގެ ވަޒީފާގެ ގަވާއިދުތައް އޮންނަ ގޮތުން އޭރު ބިމާލް ގާތީއަށް ޔޫރަޕްގައި ފައި ހަރުކޮށްލެވޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް، 2014 ވަނަ އަހަރު ބިމާލް ގާތީއަށް ވިސާ ހަމަޖެހި، އެއްބަސްވުމަކާއެކު އޭނާ ބެލްޖިއަމްގެ ކްލަބެއް ކަމަށްވާ އަންދަރުލެޗްގެ 16 އަހަރުން ދަށުގެ ޓީމާ ގުޅުނެވެ.

ބެލްޖިއަމްގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އަންދަރުލެޗްގެ ޒުވާން ޓީމުގައި އޭނާ އެއް އަހަރު ހޭދަކުރި އިރު، ތިން މުބާރާތެއްގައި ކުޅެފައިވެއެވެ. ޔޫރަޕްގެ ތަޖުރިބާއާއެކު އެނބުރި އެގައުމުގެ ލީގަށް އައިސް ވިދާލި ބިމާލް ގާތީ މިދިޔަ ސީޒަންގެ ފަހު ބައި ހޭދަކުރީ އިންޑިއާގެ މޯހުން ބަގާންގައެވެ.

" އެންމެ ބޮޑު ތަފާތަކީ ވަސީލަތްތައް. ޔޫރަޕަކީ ފުޓުބޯޅައިގެ ރަސްކަން ކުރާ ތަން. ދެކުނު އޭޝިއާއަކީ ފުޓުބޯޅައިގެ އެންމެ ކުޑަ އެއް ސަރަހައްދު. އެހެންވީމަ އިންޑިއާގައިވެސް، އަދި ނޭޕާލްގައިވެސް ވަސީލަތްތައް ތަފާތު. ހާއްސަކޮށް ޔޫރަޕްގައި ކުރިއެރުންތައް ހޯދަން ފަސޭހަ ވަނީ ވަސީލަތްތައް އިތުރުވީމަ. އަހަންނަށް ގިނަ ދުވަސްތަކެއް ވަންދެން ޔޫރަޕްގައި ކުޅެވުނު ނަމަ، އިތުރު ކުރިއެރުންތަކެއް ލިބުނީސް. ޔޫރަޕްގައި އެންމެ ބޮޑު ތަފާތަކީ ފޯވަޑުންނާއި މިޑްފީލްޑަރުންގެ އިތުރުން ޑިފެންޑަރުން ތަމްރީނު ކުރުމަށް، ކޮންމެ ކްލަބަކު އެބަހުރޭ ވަކި މީހެއް. އެކަމަކު ނޭޕާލްގައި އެ ހުރިހާ ކަމެއް މިކުރަނީ އެއް ކޯޗެއް،" ބިމާލް ގާތީ ބުނެފައިވެއެވެ.

ބިމާލް ބުނެފައި ވަނީ ސާފް ޗެމްޕިއަންޝިޕަކީ ޔޫރަޕްގެ މުބާރާތްތަކާ އެއް ލެވެލްއެއްގެ މުބާރާތެއް ނޫން ނަމަވެސް، ތަފާތު މާހައުލެއްގައި ގައުމީ ޓީމަށް ބޮޑު މުބާރާތެއް ކުޅެވޭތީ ހިތްހަމަ ޖެހޭ ކަމަށެވެ. ހާއްސަކޮށް މުބާރާތުގައި އޭނާގެ ފަރާތުން ދެއްކޭ ކުޅުމަށް ހިތްހަމަ ޖެހޭ ކަމަށްވެސް ބިމާލް ގާތީ ބުނެފައިވެއެވެ.

ސާފްގެ ތާރީހުގައިވެސް ނޭޕާލުން މުބާރާތުގެ ފައިނަލް ކުޅެފައެއް ނުވެއެވެ. އެހެން ނަމަވެސް، ބިމާލް ގާތީ ފަދަ ކުޅުންތެރިންނާއެކު އެގައުމުން މިފަހަރުގެ މުބާރާތަށް ނުކުތީ އެކަން ބަދަލުކުރާށެވެ. ކޯޗު ބާލް ގޯޕާލް މަހަރުޖަންވެސް ފާހަގަކުރި ފަދައިން، މުޅި ޓީމުގެ އަމާޒަކީވެސް ގައުމުގެ ތާރީހު ބަދަލުކޮށް، ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ކުޅުމެވެ.

ނޭޕާލުން ސެމީ ފައިނަލްގައި ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. މުބާރާތުގައި ތާރީހުގައި ނޭޕާލަށް އަދި ރާއްޖެ ބަލިކުރެވިފައެއް ނެތެވެ. މިހާތަނަށް ދެއްކި ކުޅުމަށް ބަލައި، މިއީ ނޭޕާލަށް އެ ތާރީހު ބަދަލުކުރެވޭނެ ފަހަރު ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނޭޕާލާ ރާއްޖެ ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މިއަދު ރާއްޖެ ގަޑިން 3:00ގައެވެ.