ޔުއެފާ ނޭޝަންސް ލީގުގައި ރޭ، އެންމެފަހުގެ ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދި ކްރޮއޭޝިޔާއާ ބައްދަލުކުރި މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސްޕެއިނުން ކާމިޔާބުކޮށްފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު ރޭގެ މޮޅާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ސްޕެއިން މިހާރު އޮތީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ލީގު ކަމަށްވާ އޭ ލީގުގެ ގްރޫޕް ހަތަރެއްގެ އެއްވަނައިގައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ކްރޮއޭޝިޔާ އާއި އިންގްލޭންޑް މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެއް ކަމަށްވާއިރު އެ ދެ ޓީމަށް ވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސްޕެއިންގެ ދަނޑުގައި ރޭގެ މެޗު ކުޅުނުއިރު މިދިޔަ ޖުލައި މަހު ކުޅުނު ވޯލްޑް ކަޕްގެ ފައިނަލްގައި ކްރޮއޭޝިޔާގެ ފުރަތަމަ އެގާރާގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ކުޅެފައިވަނީ އެންމެ ހަތަރު ކުޅުންތެރިންނެވެ.

ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު ކަވަހާލް ނަގައިދިން ހުރަހަކުން މެޗުގެ 24 ވަނަ މިނެޓްގައި ސައުލް ވަނީ ސްޕެއިނަށް ލީޑު ނަގާދީފައެވެ. މެޗުގެ 33 ވަނަ މިނެޓްގައި ދުރުން ފޮނުވާލި ހަމަލާއަކުން ސްޕެއިންގެ ދެވަނަ ގޯލު އެސެންސިއޯ ކާމިޔާބުކުރިއިރު އޭގެ ދެ މިނެޓްފަހުން ސްޕެއިނުން ވަނީ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލަކީ ކްރޮއޭޝިޔާގެ ކީޕަރު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސްޕެއިނުން ނިންމާލިއިރު ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ރޮޑްރިގޯ ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ސްޕެއިންގެ ފަސްވަނަ ގޯލު މެޗުގެ 57 ވަނަ މިނެޓްގައި ސާޖިއޯ ރާމޯސް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިސްކޯއެވެ.

ތަފާތު ބޮޑު ނަތީޖާއަކުން ކްރޮއޭޝިޔާ ބަލިވިއިރު މިއީ އެޓީމުގެ ތާރީހުގައި ވެސް މިހާ ބޮޑު ތަފާތަކުން ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު ކޮންމެ ލީގެއްގައި ހިމެނެނީ ތިން ޓީމު ހިމެނޭ ހަތަރު ގްރޫޕެވެ. އެ ހަތަރު ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމުތަކުގެ މެދުގައި އިތުރު މުބާރާތެއް އަންނަ އަހަރުގެ ޖޫން މަހު އޮންނާނެއެވެ. އެ މުބާރާތް ފަށާނީ ސެމީފައިނަލާއި ހިސާބުންނެވެ.