ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ޖިރޯނާ ބައްދަލުކުރާ މެޗު އެމެރިކާގައި ކުޅުމުގެ ހުއްދަ އަށް އެ ދެ ކްލަބުން ވެސް ސްޕެނިޝް ފުޓްބޯޅަ އިދާރާގައި އިއްޔެ އެދެފިއެވެ.

އެމެރިކާގެ ރެލެވެންޓް ކުންފުންޏާއެކު ސްޕެނިޝް ލީގުން މިދިޔަ މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ކޮންމެ ސީޒަނެއްގެ ސްޕެނިޝް ލީގުގެ އެއް މެޗު އެމެރިކާގައި ކުޅުމަށް ވަނީ ނިންމާފައެވެ.

އެގޮތުން މި ސީޒަނުގައި އެމެރިކާގައި ކުޅެން ސްޕެނިޝް ލީގުން ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ބާސެލޯނާ އައި ޖިރޯނާ ބައްދަލުކުރާ މެޗެވެ. މި މެޗު މީގެކުރިން ކުޅެން ހަމަޖެހިފައި އޮތީ ޖިރޯނާގެ ދަނޑުގައި ކަމަށްވާއިރު މިހާރު އެ މެޗު ކުޅުމަށް ނިންމާފައިވަނީ އެމެރިކާގެ މަޔާމީގެ "ހާޑްރޮކް ސްޓޭޑިއަމް" ގައެވެ.

އެ މެޗު އެމެރިކާގައި ކުޅުމުގެ ހުއްދަ އަށް އެ ދެ ކްލަބުގެ އިތުރުން ސްޕެނިޝް ލީގުން ވެސް ވަނީ ސްޕެއިންގެ ފުޓްބޯޅަ އިދާރާގައި އިއްޔެ އެދިފައެވެ.

އެމެރިކާގައި މި މެޗު ކުޅެވޭނީ ސްޕެއިންގެ ފުޓްބޯޅަ އިދާރާ އާއި އެމެރިކާގެ ފުޓްބޯޅަ އިދާރާ އާއި ޔުއެފާ އަދި ކޮންފެޑެރޭޝަން އޮފް ނޯތު ސެންޓްރަލް އެމެރިކަން އެންޑް ކެރީބިއަން އެސޯސިއޭޝަން ފުޓްބޯލް (ކޮންކަކަފް) ގެ ހުއްދަ ލިބުމުންނެވެ.

މި މެޗު ކުޅުމުގެ ހުއްދައަށް ބާސާ އާއި ޖިރޯނާ އަދި ސްޕެނިޝް ލީގުން އެދިފައިވާއިރު ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ރައީސް ލުއިސް ރުބިއާލެސް މީގެކުރިން ވަނީ އެމެރިކާގައި މެޗުތައް ކުޅުމަށް ދެކޮޅު ހަދާކަން ހާމަކޮށްފައެވެ.

މީގެއިތުރުން ސްޕެނިޝް ޕްލެޔާސް ޔޫނިއަން (އޭއެފްއީ) އިން ވެސް އެމެރިކާގައި މެޗު ކުޅުމަށް ދެކޮޅު ހަދާފައިވާއިރު އެ ޔޫނިއަނުން ވަނީ އެމެރިކާގައި މެޗު ކުޅުމާ މެދު ފަހު ގޮތް ނިންމާނީ ކުޅުންތެރިން ކަމަށް ބުނެފައެވެ.