ޖަރުމަނުގެ ބުންޑަސްލީގާގައި ރޭ މައިންޒާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ލީގު ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ފަރަގަކާއި އެކު މެޗަކުން ބަލިނުވެ އެންމެ ގިނަ މެޗު ކުޅުނު ޖަރުމަނުގެ ޓީމުގެ ރިކޯޑު ޒަބީ އެލަންސޯގެ ލެވަކޫސަން އިން މުގުރާލައިފިއެވެ.

ލެވަކޫސަންގެ ދަނޑު (ބޭމެރީނާ) ގައި ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ލެވަކޫސަންއެވެ. މެޗު ފެށިގެން 3 ވަނަ މިނެޓިގައި އެ ޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒަކާއެވެ. ލެވަކޫސަނުން ލަނޑެއް ޖެހިތާ 5 މިނެޓު ފަހުން މައިންޒުންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ސިލްވަން ކުރި އެސިސްޓަކުން، ޑޮމިނިކެވެ.

ގިނަ ކާޑުތަކެއް ފެނިގެން ދިޔަ މި މެޗުގެ 80 ވަނަ މިނެޓުގައި މައިންޒްގެ ޖެސިކް ކުރި ފައުލަކާ ގުޅިގެން އޭނާއަށްވަނީ ރަތް ކާޑު ދައްކާފައެވެ. އެހެންކަމުން މެޗުގެ ބާކީބައި އެ ޓީމުން ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއި އެކުއެވެ. ނަމަވެސް މި ކާޑު ދެއްކުމުގެ ކުރިން ލެވަކޫސަންއިން ވަނީ މެޗުގައި ދެވަނަ ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މިއީ ފްލޮރިއަން ވިޓްޒްގެ އެހީތެރިކަމާއި އެކު ރޮބާޓް އަންދްރިކް ކާމިޔާބު ކުރި ގޯލެކެވެ.

މި މޮޅާއިއެކީ ލެވަކޫސަން ލީގުގެ އެއްވަނައިގައި 61 ޕޮއިންޓާއެކީ އޮތީ 23 މެޗުކުޅެގެންނެވެ. ދެވަނައިގައި ބަޔާން މިއުނިކް އޮތީ ލެވަކޫސަނަށް ވުރެ އެއް މެޗު މަދުން ކުޅެގެނެވެ. އެއީ 22 މެޗުން ލިބުނު 50 ޕޮއިންޓާއެކީއެވެ. ތިންވަނައިގައި އޮތް ސްޓަގާޓަށް 22 މެޗުން 46 ޕޮއިންޓު ލިބޭއިރު ބުރޫޝިއާ ޑޯޓުމަންޑަށް 22 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.

 

2013 ވަނަ އަހަރު ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ބަޔާނުން ހެދި ރިކޯޑު ޒަބީ އެލަންސޯ މުގުރާލި އިރު އިނގިރޭސި ވަރުގަދަ ކުލަބުތަކުން އަންނަނީ އޭނާ ގެންދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ ކުރިން ކުޅެމުން އައި ބަޔާން މިއުނިކާއި ލިވަޕޫލުގެ ކޯޗުގެ މަގާމު އަންނަ ސީޒަނުގައި ހުސްވާއިރު މި ދެ ޓީމު ތެރެއިން ކޮންމެވެސް އެއް ޓީމަކުން ޒަބީ އެލަންސޯ ފެނިދާނެކަމަށް ގިނަ ބަޔަކު އަންނަނީ ގަބޫލު ކުރަމުންނެވެ.