އެންމެ ފަހުގެ އޭޝިއަން ކަޕް ކާމިޔާބުކޮށްދިން ކޯޗު، މާކޭޒް ލޮޕޭޒްގެ އެއްބަސްވުން ގަތަރުން އާ ކޮށްފިއެވެ.

ލޮޕޭޒް، 62، ގަތަރުގެ ކޯޗުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވީ މިދިޔަ ޑިސެންބަރު މަހުގައެވެ. އޭނާ އާއެކު ގަތަރުން ވަނީ 2026 ގެ ނިޔަލަށް އެއްބަސްވުން އިތުރުކޮށްފައެވެ.

ސްޕެއިނަށް އުފަން، ލޮޕޭޒްގެ އިރުޝާދުގެ ދަށުން ގަތަރުން ވަނީ ނިމިދިޔަ އޭޝިއަން ކަޕްގައި ކުޅުނު ހަތް މެޗު ކާމިޔާބުކޮށް، އެ މުބާރާތުގެ ތަށި ދިފާއުކޮށްފައެވެ.

"ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނުން ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް މާކޭޒް ލޮޕޭޒް ހަމަޖެއްސުމުގައި ވެދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް އަލް-ވަކްރާ ސްޕޯޓްސް ކްލަބަށް ހާއްސަ ޝުކުރެއް އަދާކުރަން،" ގަތަރު އެފްއޭ އިން ނެރުނު ބަޔާނެއްގައިވެއެވެ.

އޭޝިއަން ކަޕްގެ އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ، ގަތަރުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ގްރޫޕުގައި މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށް އޮތީ އެއްވަނައިގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އިންޑިއާ އާއި އަފްޣާނިސްތާނެވެ.

ކޮލިފައިންގައި ވާދަކޮށްގެން ގަތަރަށް މިހާތަނަށް ވޯލްޑް ކަޕުން ޖާގައެއް ލިބިފައިނުވީ ނަމަވެސް، އެންމެ ފަހުގެ މުބާރާތް ހޯސްޓްކުރި ގައުމުގެ ހައިސިއްޔަތުން އެ ޓީމު ކުޅެފައިވެއެވެ.

ލޮޕޭޒްގެ އިރުޝާދުގެ ދަށުން ޤަތަރު ދެން އެންމެ އަވަހަށް ނިކުންނާނީ ވޯލްޑް ކަޕްގެ ޕްރިލިމިނަރީ ބުރުގައި އަންނަ މާރިޗް މަހުގެ 21 ވަނަ ދުވަހު ކުވެއިތާ ދެކޮޅަށެވެ.