އިންގިރޭސި ޕްރިމިއަރ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑް އާއި ފުލަމް ބައްދަލު ކުރި މެޗު 2-1 ގެ ނަތީޖާ އަކުން ފުލަމް ކާމިޔާބު ކޮށްފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. ނަމަވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ވަނީ ފޮނުވާާލާފައެވެ. މިގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ފުލަމްގެ ރޮޑްރިގޯ މުނިޒް މެންޗެސްޓަރ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިޔާ ލައިން މަތީ ހުރެ ފޮނުވާލި ބޯޅަ ދިޔައީ ޔުނައިޓެޑްގެ ގޯލުގެ އަރިމަތީ ޖެހިފައި ބޭރަށެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ފުލަމް ގެ އަންދްރިއާސް ޕެރެއިރާ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ މެންޗެސްޓަރ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން ޔުނައިޓެޑްގެ ހުނަރުވެރި ފޯވާޑް ގާނަޗޯ މެޗުގެ 40 ވަނަ މިނެޓު ފޮނުވާލި ނުރައްކާތެރި ހަމަލާ ވަނީ ފުލަމްގެ ކީޕަރު ބާންޑް ލެނޯ ވަނީ ދިފާއުކޮށްފައެވެ.

މެޗުގައި ފުރަތަމަ ފަހަރަށް ފުލަމް އިން ލީޑު ނެގީ މެޗުގެ 65 ވަނަ މިނެޓުގައެވެ. ފުލަމް އަށް ލިބުނު ކޯނަރަކުން މި ގޯލު ފުލަމް އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފަހަތައް ކުޅެމުން އަންނަ ކެލްވިން ބައްސޭއެވެ. މި ގޯލައްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުން އިތުރަށް ރަނގަޅު ކުރިއެވެ. މިގޮތުން މެޗު ގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް ފުލަމް ގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ގޯލު ކުރިމަތިން ހުރަސްވެގެން ދިޔަ ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން މެޗުގެ ނަތީޖާ ހަމަ ހަމަ ކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު އިނގިރޭސި ވިލާތަށް އުފަން ހެރީ މެގުއާއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގައި ފުލަމްގެ އިތުބާރު ފޯވާޑް ނައިޖީރިއާ އަށް އުފަން އެލެކްސް އިވޯބީ ފުލަމް އަށް އަށް މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދިނެވެ. މި ގޯލު ކާމިޔާބުކުރީ މެޗުނިމެން ދަނިކޮށް އެޑަމާ ޓްރޯރޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ކުޅުނު 26 މެޗުން ލިބުނު 44 ޕޮއިންޓާއި އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތީ ޓޭބަލްގެ ހަ ވަނައިގައެވެ. ކުޅުނުގެ 26 މެޗުން ލިބުނު 32 ޕެއިންޓާއިއެކު ފުލަމް އޮތީ ޓޭބަލްގެ 12 ވަނައިގައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ބްރައިޓަން އާއި އެވަޓަން ބައްދަލު ކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. އެވަޓަންގެ ގޯލު ކާމިޔާބު ކުރީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެންޓްވައިޓެވެ. އަދި ބްރައިޓަންގެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގައި ޕަސްކަލް ގްރޮބް ތަނަވަސްކޮށްދިން ފުރުސަތަކުން ލެވިސް ޑަންކްއެވެ.