މިރޭ ވެމްބުލީ ސްޓޭޑިއަމުގައި ކުޅުނު އިނގިރޭސި ކަރަބައޯކަޕްގެ ފައިނަލުގައި ވާދަވެރި ޗެލްސީ 1-0 އިން ބަލިކޮށް ލިވަޕޫލުން ޗެމްޕިއަންކަން ހޯދައިފިއެވެ.

މެޗުފެށިގެން ދެޓީމުން ވެސް އައީ ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދަމުންނެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ޗެލްސީއަށް ވަނީ ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ލިވަޕޫލުގެ ގޯލު ކުރިމަތީ ހުރެ ޗެލްސީގެ ޕާމާ ފޮނުވާލި ބޯޅަ ލިވަޕޫލުގެ ކީޕަރު ކެލަހާ ވަނީ ދިފާއު ކޮށްފައެވެ. މި ބޯޅަ ކީޕަރު އަތުގައި ޖެހި އަނބުރާ ލިބުނީ އޭރިޔާ ތެރޭ ހުރި ޗެލްސީގެ ގަލަގާއަށެވެ. ރީބައުންސް ވެގެން އައި ބޯޅަ ގަލަގާ ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު ކެލަހާ ވަނީ އެ ބޯޅަ ވެސް ދިފާއު ކޮށްފައެވެ.

ފޮޓޯ: ދަ ގާޑިއަން

މެޗުގެ 31 ވަނަ މިނެޓުގައި ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ތަރި ރަހީމް ސްޓާލިންގް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު މި ގޯލު ޖެހުމަށް ސްޓާލިންގަށް އެހީތެރިވި ޖެކްސަން އޮފްސައިޑު ކަމަށް ނިންމާ ރެފްރީވަނީ ލިވަޕޫލަށް ހިލޭ ޖެހުމެއް ދީފައެވެ. އޭގެ 9 މިނެޓުފަހުން ލިވަޕޫލަށް ވަނީ ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބިފައެވެ. މިއީ ރޮބާޓްސަން ނަގައިދިން ހުރަހަކުން ގަކްޕޯ އުފެއްދި ހަމަލާއެކެވެ. މި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފު ދެ ޓީމުން ވެސް ނިންމާލީ ލަނޑެއް ކާމިޔާބު ނުކޮށެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 15 ވަނަ މިނެޓުގައި ލިވަޕޫލުގެ ކެޕްޓަން ވެންޑައިކު ވަނީ ގޯލެއްޖަހާފައެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން ރޮބާޓްސަން ނަގައިދިން ހުރަހަކުން ވެންޑައިކު ބޮލުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑުވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ އޮފްސައިޑުކަމަށެވެ. މި ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ގިނަ ހަމަލާތަކެއް އުފައްދާ ދެ ކީޕަރުންގެ ގިނަ ސޭވްތަކެެއްވެސް ވަނީ ފެނިގެން ގޮސްފައެވެ.

ފޮޓޯ: ދަ ގާޑިއަން

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގައި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލިވަޕޫލަށް މެޗުގައި ޖެހުނު ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ އެ ޓީމުގެ ކެޕްޓަން ވެންޑައިކް އެވެ. މިއީ ލިބުނު ކޯނަރެއްގައި އޭނާ ބޮލުން ކާމިޔާބު ކުރި ލަނޑެކެވެ.

ލިވަޕޫލުން މި ސީޒަނުގައި ހަތަރު ތައްޓެއް ހޯދުމަށް އަމާޒު ހިފާފައިވާ އިރު މި ސީޒަނުގެ ފުރަތަމަ ތަށި އެ ޓީމުން މި ވަނީ ކާމިޔާބުކޮށްފައެވެ. މި ސީޒަނަށް ފަހު އެޓީމުގެ ކޯޗުކަމުން ޔާގެން ކްލޮޕް ވަކިވާއިރު މި ތައްޓަކީ އޭނާ އަށް ވަރަށް މުހިއްމު ތައްޓެކެވެ.