ބަންގްލަދޭޝްގެ ޑާކާއިން:

ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގައި 17 އަހަރު ހޭދަކުރުމަށްފަހު، އިމްރާން މުހައްމަދު (އިންމަ) ރިޓަޔާ ކުރުމާއެކު ދިވެހީން މާޔޫސްކޮށްލިއެވެ. ވާނީވެސް އެހެންތާއެވެ. އިންމައަކީ ހަމައެކަނި ގޯލްކީޕަރެއްގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައިގެ ފަހުރެކެވެ. ދަނޑުމަތީގެ ނަމޫނާއެވެ. އެފަދަ ލީޑަރެއް، ގައުމީ ޓީމަށް ގެއްލުުމަކީ ޓީމަށް ފަޅުކަން ގެނުވި ކަމެކެވެ.

އިންމަ ޓީމުގައި ނެތް ނަމަވެސް، ގައުމީ ޓީމަށް އޭނާ ދޭ ލޯބި އަބަދުވެސް ފެންނަމުން ދެއެވެ. ހާއްސަކޮށް ގައުމީ ޓީމުގައި އޭނާ ނެތްތަން ފޫބައްދަން ތިބި ކީޕަރުންނަށް އިންމަ އަބަދުވެސް ހާއްސަ ހިތްވަރެއް ދެމުން ގެންދެއެވެ. ދިވެހީން އަބަދުވެސް އިތުބާރު ކުރި ގޯލްކީޕަރު އިންމައާ ނުލާ، ގައުމީ ޓީމުން ނުކުތް ފުރަތަމަ ބޮޑު މުބާރާތަކީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ.

އިންމަގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ ސަޕޯޓަރުންގެވެސް ހިތްވަރާއެކު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމުގެ ގޯލްގެ ދިފާއުގައި ނުކުތީ އުމުރުން 30 އަހަރުގެ މުހައްމަދު ފައިސަލެވެ. މުބާރާތަށް ފައިސަލް ދިޔަ އިރު، ލީގުގައި ގިނަ މެޗުތަކެއް ކުޅެފައި ނެތުމަކީ އޭނާއަށް ކުރިމަތިވި ގޮންޖެހުމެއް ނަމަވެސް، ގަތަރުގައި ކުރި ކޭމްޕުން ފައިސަލްއަށް ބޮޑު ހިތްވަރެއް ލިބުނެވެ.

ސާފް ސުޒުކީ ކަޕް 2018 ސެމީ ފައިނަލް: ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މުބާރާތުގައި ފައިސަލް އަދާކުރަން ޖެހުނު މަސްއޫލިއްޔަތަކީ ރާއްޖޭގެ ތާރިހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ އިންމަ، މިދިޔަ 17 އަހަރު ދުވަހު ގައުމީ ޓީމުގައި އަދާކުރި ބޮޑު މަސްއޫލިއްޔަތަށް ވުމަކީ އޭނާއަށް ޕްރެޝަރު ކުރިމަތި ކުރުވި ކަމަކަށް ވެދާނެއެވެ. މިދިޔަ އަހަރުތަކުގައި ދިވެހީން އަބަދުވެސް ގައުމީ ޓީމުގެ ގޯލްކީޕަރަށް ކުރި އިތުބާރަކީ ފައިސަލް އިތުރަށް މަސައްކަތް ކުރަން ޖެހުނު ސަބަބަކަށް ވެދާނެއެވެ. އޭނާ އެ ޕްރެޝަރު ބަލައިގަތްކަން މިހާތަނަށް ރާއްޖެ ކުޅުނު މެޗުތަކުން އެނގެއެވެ. އިންމަގެ ކަމިޔާބީ އަންގިއާއެކު ރާއްޖޭގެ ގޯލް ހިމާޔަތް ކުރަން ފައިސަލްވެސް ތައްޔާރަށް ހުރިކަން އޭނާ އަންނަނީ ސާބިތުކޮށްދެމުންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖު ފުރަތަމަ މެޗަށް ނުކުތް އިރު، 0-0ގެ ނަތީޖާއަކުން ރާއްޖެއާ ލަންކާ އެއްވަރުވާނެކަމަށް ގިނަ ދިވެހީން އުންމީދެއް ނުކުރާނެއެވެ. ހާއްސަކޮށް ފަހުގެ ތާރީހުގައި ރާއްޖެއަށް ލަންކާ ބަލިކުރުމަކީ ފަސޭހަ ކަމަކަށް ވެފައި އޮތް އޮތުމަކީ އޭގެ ސަބަބެއް ކަމަކަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް މި ފަހަރުގެ މުބާރާތަށް ލަންކާއިން ނުކުތީ ކުރިއެރުންތަކަކާއެކުގައެވެ. ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން އެކަން ފާހަގަވެސް ކޮށްލެވުނެވެ.

މެޗުގެ ފުރަތަމަ ހާފްގެ އިތުރުން ފަހު ހާފްގެ ފުރަތަމަ ކޮޅުގައިވެސް ރާއްޖެއިން ލަންކާ ގޯލަށް ބޮޑެތި ނުރައްކާތަކެއް ކުރި ނަމަވެސް، ކްލަބު އީގަލްސްއަށް ކުޅެމުންދާ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ރާއްޖޭގެ ފޯވަޑުން މާޔޫސްކޮށްލިއެވެ. މޮޅެތި ސޭވްތަކެއް ސުޖަންގެ ފަރާތުންވެސް ފެނިގެންދިޔަ އިރު، އަނެއްކޮޅުން ލަންކާއިން ކުރި އެޓޭކްތައް ހުއްޓުވީ ފައިސަލެވެ.

ގޯލްކީޕަރުންގެ މެޗެއް ގޮތުގައި އެ މެޗު ފާހަގަކޮށްލެވުނު އިރު، ކޮންމެ ކީޕަރެއްވެސް ވަނީ ފަސް ހަމަލާއެއް މަތަކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ފައިސަލް ހޮވުނު އިރު، ދިވެހީންނަށް އެދުވަހު އެއް ޕޮއިންޓް ހޯދުމަށް އެންމެ ބޮޑު އެހީއަކަށްވީވެސް ފައިސަލްގެ މޮޅު ކުޅުމެވެ.

ސާފް ސުޒުކީ ކަޕް 2018: ރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗަށްފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗު ޕީޓާ ސެގަޓް ބުނެފައި ވަނީ ފައިސަލްއަކީ ޓީމުގެ ދިފާއީ ތަނބުކަމަށާއި، އޭނާގެ ތަޖުރިބާއާއެކު ދިވެހި ޓީމު ސަލާމަތް ކޮށްދިން ކަމަށެވެ.

" ފައިސަލްއަށް އަހަރެން ފުރިހަމައަށް އިތުބާރުކުރަން. ފައިސަލް ދެއްކި ކުޅުމަކީ މުހިއްމު ކުޅުމެއް. އޭނާގެ ޒިންމާއަކީވެސް އެއީ. އޭނާގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށްފި. ފައިސަލްގެ ފަރާތުން ފެންނަމުންދާ ކުޅުމަކީ އޭނާގެ ބުރަ މަސައްކަތް. އޭނާ ޓީމާއެކު ކުރަމުންދާ މިންނެތް މަސައްކަތް. ފައިސަލް އިތުބާރު ހޯދީ ބުރަ މަސައްކަތާއެކު،" ސެގަޓް ބުންޏެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗަށް ރާއްޖެ ނުކުތީ ބޮޑު ޕްރެޝަރެއްގައެވެ. އެ ޕްރެޝަރު އިތުރަށް ބޮޑުވީ އިންޑިއާއިން ދެ ގޯލް ޖެހެމުންނެވެ. ރާއްޖެއާއި ލަންކާ ހުރިހާ ގޮތަކުންވެސް ހަމަހަމަވެފައި އޮތުމުން ގުރުނަގައިގެން ނޫނީ ސެމީ ފައިނަލަށް ނުދެވޭ ގޮތަށް އޮތް އިރު، އެދުވަހު ރާއްޖެކޮޅަށް އިންޑިއާއިން ތިންވަނަ ގޯލެއް ޖެހި ނަމަ، ދިވެހި ޓީމަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހޭނެވެ. އެ އުނދަގޫ ހާލަތުގައިވެސް ރާއްޖޭގެ ގޯލުން ފައިސަލް ތަފާތު ދެއްކިއެވެ. މެޗުގައި ފައިސަލް އަށް ސޭވް ކޮށްފައިވާ އިރު، އެ ދުވަހު ނަސީބު ރަނގަޅުކަމުން ރާއްޖެ ސެމީއަށްވެސް ދިޔައީއެވެ.

ސާފް ސުޒުކީ ކަޕް 2018 ސެމީ ފައިނަލް: ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނަސީބުން ސެމީއާ ހަމައަށް ދިޔަ ނަމަވެސް، ސެމީގައި ނަތީޖާ ނެރުން ނޫން ގޮތެއް ރާއްޖެއަށް ނެތެވެ. ގޯލެއް ނުޖެހި، އެންމެ ޕޮއިންޓަކާއެކު ރާއްޖެއިން ސެމީއަށް ގޮސްފައިވާ އިރު، ސެމީގެ ފެވަރިޓުންނަކީވެސް ނޭޕާލެވެ. އެޓީމުގެ އެޓޭކަކީ މުބާރާތުގައި ފާހަގަކޮށްލެވޭ އެޓޭކެކެވެ. ޒުވާން ހުނަރުވެރި ދެ ކުޅުންތެރިއެއް ނޭޕާލްގެ އެޓޭކް ލީޑު ކުރަމުންދިޔަ އިރު، އިއްޔެގެ މެޗަކީވެސް ހީކުރި ގޮތަށް ފައިސަލަށް ފަސޭހަވި މެޗެއް ނޫނެވެ.

މެޗުގެ ކުރީކޮޅުގައި ރާއްޖެއިން ލީޑު ނެގި ނަމަވެސް، ރާއްޖެއަށް ލީޑު ފުޅާކުރެވުނީ ފަހު ދިހަ މިނެޓް ތެރޭގައެވެ. ފަހު ދިހަ މިނެޓާ ހަމައަށް އެ ހޭދަވި ވަގުތަކީ ދިވެހި ޓީމަށް ލޯބިކުރި ކޮންމެ ރައްޔިތަކަށްވެސް މާޔޫސީ ވަގުތުތަކެކެވެ. ހާއްސަކޮށް ނޭޕާލުން އެޓޭކް ކުރި ކޮންމެ ވަގުތެއްގައިވެސް ދިވެހީން އިތުބާރު ކުރީ ފައިސަލަށެވެ. ދިވެހީން އެ ކުރި އިތުބާރަށް ފައިސަލް ފުރިހަމަ ޖަވާބުވެސް ދިނެވެ. މެޗުގައި ހަތަރު ސޭވްއެއް ފައިސަލް ކުރި އިރު، އޭރިއާ ތެރެއަށް ނުރައްކާކޮށް ހުރަސްވެގެން ދިޔަ ގިނަ ބޯޅަތަކެއް އޭނާ ބޭރުކޮށްލީ ޔަގީންކަމާ އެކުގައެވެ.

ސާފް ސުޒުކީ ކަޕް 2018: ރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްފަހު ފައިސަލް ބުނީ ހިތްވަރަކީ މުޅި ޓީމުން ކުރި މަސައްކަތް ކަމަށެވެ. ގައުމީ ޓީމާއެކު ސާފްގެ ފައިނަލަކަށް ދެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ. ކޯޗު ސެގަޓް އިއްޔެވެސް ފައިސަލަށް ތައުރީފް ކުރިއެވެ.

ސެގަޓް ބުނީ އިންމައަކީ ރާއްޖެ ދުށް އެންމެ މޮޅު ކީޕަރު ކަމަށާއި، އެހެން ނަމަވެސް އޭނާ ނެތްތަނުގައި ފައިސަލް ދައްކަމުންދާ ކުޅުމުން ޓީމަށް ހިތްވަރު ލިބިއްޖެ ކަމަށެވެ. އިންމަ ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށް ކޯޗު ސެގަޓް މުބާރާތުގެ ކުރިން ބުނެފައިވާ އިރު، ފައިސަލަށް މި މުބާރާތްވީވެސް ބޮޑު ޗެލެންޖަކަށެވެ.

ފައިސަލްގެ ޒިންމާއަކީ މިއަދު ގައުމީ ގޯލް ބެލެހެއްޓުމެވެ. އޭނާ އެކަން އަދާކުރަމުންދަނީ އިތުބާރާއެކުގައެވެ. ދިވެހީން އިންމައަށް ދިން އިތުބާރު މިއަދު ފައިސަލަށްވެސް ދީފިއެވެ. އިންމަގެ އިތުބާރުވެސް މިއަދު އޮތީ ފައިސަލަށެވެ. އިއްޔެގެ މެޗު ނިމުމާއެކު ފައިސަލަށް ދިވެހީންގެ ތަރުހީބު އޮއްސާލިއެވެ. އިންމަ ނެތުމުން ލިބުނު މާޔޫސްކަމަށް ހިނިތުންވުމެއް ގެނެސްދިނީތީއެވެ. ފައިނަލަށްވެސް ފައިސަލް ބޭނުން ވަނީ ހުރިހާ ދިވެހީންގެ ހިތްވަރެވެ. ހެޔޮ ދުއާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަރިއަތޮޅު

    އަރިއަތޮޅަކީ ނަމޫނާ އަތޮޅެއް. މާމިގިލި-ފެންފުށީގެ އިތުރުން މަހިބަދޫ ތޮއްޑޫ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ނެރެދިން އަތޮޅެއް. އަރިއަތޮޅު ބުނަނީ" އަރިއަތޮޅު އެއްކޮށް ނިކުމެ އަރިއަޅާލާނެ"

    • ރާއްޖެ

      ގައުމީ ޓީމަކީ މުޅި ރާއްޖެ. ފާޑު ފާޑު ފޮނި ނުކަނޑާ. އޮރި އަތޮޅަށް ހަދާލަފާނަން.