ބަންގްލަދޭޝްގެ ޑާކާއިން:

ގައުމީ ޓީމު ސެމީފައިނަލަށް ދިޔައީ ނަސީބުގެ އެހީގައެވެ. ގްރޫޕް ސްޓޭޖުގައި ސްރީލަންކާއާ ހުރިހާ ގޮތަކުންވެސް އެއްވަރުވެ، ގުރުއަތު ނަގައިގެންނެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ރާއްޖޭގެ ޓީމު ތެރޭގައި ކަންތައްތަކެއް ހިނގިއެވެ. ކޯޗު ޕީޓާ ސެގަޓާއެކު މުބާރާތަށް އައިއިރުވެސް ޓީމަށް ގިނަ ގޮންޖެހުންތަކެއް އޮތެވެ. އެކިއެކި ކަންތައްތަކާއެކު ރާއްޖޭގެ ޓީމަށް ސަޕޯޓަރުންގެ ފާޑުކިޔުންތައްވެސް ދިޔައީ އަމާޒުވަމުންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ދެ މެޗުން އެއްވެސް މެޗެއްގައި ގޯލެއް ޖެހިފައެއް ނުވެއެވެ. ލަންކާއާ ދެކޮޅަށް ކުޅެ ގޯލެއް ނުޖެހި އެއްވަރުވެގެން މެޗު ނިމުނު އިރު، އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. ފަހުގެ ތާރީހެއްގައި ސާފް މުބާރާތެއްގައި ރާއްޖޭ ޓީމަށް ކުރިމަތިވި އެންމެ ދަށް ފެށުމެވެ. އެ ހިސާބުން އެކިއެކި ގޮތްގޮތަށް ވާހަކަތައް ދެކެވެން ފެށިއެވެ.

ސާފް ސުޒުކީ ކަޕް 2018: ރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސެމީ ފައިނަލްގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސެގަޓް ބުނީ ބައެއް ފަރާތްތަކުން ޓީމުގެ ކުޅުންތެރިނަށްވެސް ގުޅާ، ޓީމުގެ ކޯޗުކަމުން އޭނާ ވަކިކޮށް، އެސިސްޓެންޓް ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓޭ)އާ ޓީމު ހަވާލު ކުރަން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ފަދަ ވާހަކަތަކަކީ ޓީމު އޮތް ހާލަތުގައި ދައްކަން ޖެހޭނެ ވާހަކަތަކެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ. ޓީމު ތެރޭގައި ބައިބައިވުންތަކެއް އޮތް ކަމަށް އަޑުތައް ފެތުރިފައިވާ އިރު، ކޯޗު ބުނީ ބައެއް މީޑިއާތަކުން ފަތުރާ ވާހަކަތަކުގެ ސަބަބުން ކުޅުންތެރިންނަށް އަސަރުތަކެއް ކުރި ކަމަށެވެ.

އެފަދަ ޕްރެޝަރު ދަނޑިވަޅެއްގައި ޒުވާން ޓީމަކަށް، ސެމީ ފައިނަލަކަށް ނުކުމެ ނަތީޖާ ނެރުމަކީ ފުޓުބޯޅައިގައި އެންމެ އުނދަގޫ އެއް ހާލަތެވެ. ރާއްޖެއިން މިފަހަރު ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑުގެ އެވަރެޖް އުމުރަކީ 24.85 އެވެ. ސީނިއާ ކުޅުންތެރިން ޓީމުގައި މަދު އިރު، ތަޖުރިބާގެ ބޭނުން ޖެހުނީ އެ ދަނޑިވަޅުގައެވެ. އެހެން ނަމަވެސް، ސީނިއާ ކުޅުންތެރިންނާއެކު ޒުވާން ޓީމުން ހާލަތު ބަދަލުކޮށްލީ ޓީމުގެ ބަދަހިކަމުންނެވެ. އެކުވެރިކަމުގެ ރޫހުގެ ބޭނުން ކޮށްގެންނެވެ.

ސެމީ ފައިނަލް މެޗުގެ ފުރަތަމަ ކޮޅުގައި ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ޖެހި ގޯލާއެކު ދިވެހީންނަށް އުންމީދު އާވެގެން ދިޔައެވެ. މެޗުގައި ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ ފަރާތުން ފެނުނީ ހިތްވަރާއެކު ގައުމަށް ކުޅުނުތަނެވެ. ވަކި މީހަކަށް، ވަކި ބަޔަކަށް ކޮށްދޭ ކަމެއްގެ ބަދަލުގައި، ދިވެހި ދިދައިގެ ފެއްސާ ރަތާ ހުދު ރަމްޒުކޮށްދިނުމަށް، ޖޯޝުގައި ޓީމު ކުޅުނެވެ. ގްރޫޕް ސްޓޭޖުގައި މަދުވީ އެ ރޫހެވެ. ނަސީބާއެކު ސެމީ ފައިނަލަށް ގޮސް، ޓީމުން ދެއްކީ ތަފާތު މަންޒަރެކެވެ. މެޗުގެ ފަހު ދިހަ މިނެޓް ތެރޭގައި އިބްރާހީމް ވަހީދު (އިއްބެ)ގެ ދެ ގޯލާއެކު ފައިނަލް ޔަގީންވެސް ކުރީއެވެ.

ސާފް ސުޒުކީ ކަޕް 2018 ސެމީ ފައިނަލް: ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މުބާރާތުގެވެސް ފެވަރިޓުންގެ ގޮތުގައި ކިޔަމުން އައި ނޭޕާލް ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ނަތީޖާ ނެރުނުތަން ފެނުނީ ޓީމެއްގެ ވިސްނުމުގައެވެ. މެޗަށްފަހު ކޯޗާއި ކުޅުންތެރިންވެސް ދެއްކީ އެވާހަކައެވެ. ސެގަޓްވެސް ބުނީ ނުވަ އަހަރަށްފަހު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިއުމުގެ ސިއްރަކީ ޓީމުގެ ބަދަހިކަން ކަމަށެވެ.

" ފައިނަލަށް ދަތުރުކުރެވުނީ އަހަރެންގެ ސަބަބުންނެއް ނޫން. ފައިނަލަށް ދަތުރުކުރެވުނީ ކުޅުންތެރިންގެ ހިތްވަރުން. ކުޅުންތެރިންގެ އެކުވެރިކަމާ ޓީމުގައި އޮތް ބަދަހި ރޫހެއްގެ ސަބަބުން. އުނދަގޫ ހާލަތެއްގައި އޮވެ މެޗަށް ނުކުމެ، ތަފާތު ރޫހެއް ދެއްކުމުން ފެންނަނީ ޓީމުގެ އެކުވެރިކަން. މިއީ ޓީމެއް. ފައިނަލަށް ދިއުމުގައި ދެން ހިއްސާ ވާނީ ދިވެހި ރައްޔިތުން،" ސެގަޓް ބުންޏެވެ.

ސެމީ ފައިިނަލްގައި ދެ ގޯލް ޖެހި އިއްބެވެސް ބުނީ އޭނާގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގައި ދެ ގޯލް ޖެހުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށާއި، ނަތީޖާ ނެރުމަށް ލިބުނު ހިތްވަރަކީ މަސައްކަތް ކަމަށެވެ.

"މިއީ އަހަރެންގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް. ވަރަށް އުފާވޭ ސެމީ ފައިނަލެއްގައި ދެ ގޯލް ޖެހުމުން. ޓީމަށް ނަތީޖާ ނެރެވުނީ އެކުގައި ކުރި މަސައްކަތުން. ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން މި ހިސާބަށް އައީ. އެއީ ތަފާތަކީ،" އިއްބެ ބުންޏެވެ.

ސާފް ސުޒުކީ ކަޕް 2018 ސެމީ ފައިނަލް: ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގައި ކުޅުނު ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ، ގޯލްކީޕަރު މުހައްމަދު ފައިސަލްވެސް ބުނީ ހިތްވަރަކީ މުޅި ޓީމުން ކުރި މަސައްކަތް ކަމަށެވެ. ގައުމީ ޓީމާއެކު ސާފްގެ ފައިނަލަކަށް ދެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މިހާރު އޮތް ޓީމުގެ ބަދަހިކަމަށް އޭނާވެސް ވަނީ ތައުރީފްކޮށްފައެވެ.

ދަށްކޮށް ފެށި މުބާރާތެއްގެ ތެރެއިން ކުޅުންތެރިންގެ ވިސްނުން އަނބުރާލުމަކީ އުނދަގޫ ކަމެއް ނަމަވެސް، ޒުވާން ޓީމުގެ އެކުވެރިކަމާއެކު އެކަން އުނދަގުލެއް ނުވިއެވެ. މުޅި ޓީމު އެކީ އެކައްޗަކަށް ފައިނަލަށް ދިއުމަށް ނުކުތުމުން އެކަން ހާސިލްވިއެވެ. ގަތަރުގައި ކުރި މަހެއްހާ ދުވަހުގެ ދިގު ތަމްރީން ކޭމްޕުން ހާސިލްވި އެކައްޗަކީ އެއީ ކަމަށްވެސް ވެދާނެއެވެ. މުޅި ދިވެހި ރާއްޖެ އެދެނީ ޓީމަށް ކާމިޔާބަށެވެ. ޒުވާން ޖީލެއްގެ ފެށުމަށް އުޖާލާ ކަމަށެވެ. ނުވަ އަހަރަށްފަހު އަނެއްކާވެސް ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން އެނބުރި ގައުމަށް ދިއުމަށެވެ.

މިއީވެސް އަހަރެމެންގެ ފަހަރަށް ހަދަންވީއެވެ. ޓީމެއްގެ ބަދަހި ގުޅުމުގައި އެއޮތް ބޮޑު އިންޑިއާވެސް ބަލިކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަސދ

    ތިއީ ވަރަށް ކަޑަ ގޮލެއެއް.
    އަދި އޭނާގެ މޮޅުކަމެއް ނުފެނޭ. ކޮލިޓީ މީހެއްނަމަ އިންޑިޔާ މެޗްގައި އަވަސް ޑިސިޝަން ތަކެއް ނެގީސް.