އިންޑިއާއަކީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށްވުރެ ބޮޑު ގައުމެއް ނަމަވެސް، މާދަމާގެ ފައިނަލް މެޗުގައި ކުޅޭނީ ދެގައުމުގެވެސް 11 ކުޅުންތެރިންނާއި 11 ކުޅުންތެރިން ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.

މީގެކުރިން ރާއްޖެއާއި އިންޑިއާ ވަނީ ތިން ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވާދަކޮށްފައެވެ. 1997 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ރާއްޖެއާއި އިންޑިއާ ވާދަކޮށްފައިވާ އިރު، އެ މެޗު 5-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންޑިއާއެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

އޭގެ ފަހުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައިވެސް ރާއްޖެއާއި އިންޑިއާ ވާދަކޮށްފައިވާ އިރު، އެ އަހަރަކީ ދިވެހީންނަށް މުބާރާތް ކާމިޔާބުކުރެވުނު ހަމައެކަނި އަހަރެވެ. އޭގެ ފަހުން 2009 ވަނަ އަހަރުވެސް އިންޑިއާއާ ދެކޮޅަށް ރާއްޖެއިން ފައިނަލްގައި ކުޅެފައިވާ އިރު، އެ މެޗުން ރާއްޖެ ބަލިވީ ޕެނެލްޓީ ޖަހައިގެންނެވެ.

ނުވަ އަހަރަށްފަހު ރާއްޖެއިން އަނެއްކާވެސް ސާފްގެ ފައިނަލަކަށް ނުކުންނަ އިރު، މާދަމާގެ މެޗާ ގުޅޭގޮތުން ކޯޗު ސެގަޓް ބުނީ އިންޑިއާއަކީ ވަސީލަތްތަކުގެ ގޮތުންނާއި، އާބާދީގެ ގޮތުންވެސް ރާއްޖެއަށްވުރެ މާ ބޮޑު ގައުމެއް ނަމަވެސް، މާދަމާގެ މެޗުގައި ދަނޑުމަތިން ފެންނާނީ ކޮންމެ ގައުމަކުންވެސް 11 ކުޅުންތެރިން ކަމަށެވެ.

" ހުރިހާ ގޮތަކުންވެސް އިންޑިއާއަކީ ބޮޑު ގައުމެއް. ވަސީލަތްތަކަށް ބެލިއަސް، މީހުންގެ އާބާދީއަށް ބެލިއަސް، އިންޑިއާއައި ރާއްޖެ އަޅާ ނުކިޔޭނެ. އެކަމަކު މާދަމާ ދަނޑުމައްޗަށް އަރާނީ ކޮންމެ ގައުމަކުންވެސް 11 ކުޅުންތެރިންކަން ހަނދާން ކުރަން ޖެހޭ. އިންޑިއާއަށް ފުރިހަމައަށް އިހުތިރާމް ކުރަން. އެޓީމުގެ ވަރުގަދަކަންވެސް އެނގޭ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައިވެސް އަހަރެމެން ގޯލެއް ޖަހަން މަސައްކަތް ކުރިން. އެކަމަކު އެދުވަހު އެކަން ނުވި. ވަރަށް ވަރުގަދަކޮށް އިންޑިއާއިން މެޗު ނިންމަލީ. އެކަމަކު ރާއްޖެއަށްވެސް ޕޮސިޓިވް ކަންތައްތަކެއް ފެނުނު. އެ ދުވަހުގެ މެޗާ ފައިނަލް މެޗާ ތަފާތުވެސް ވާނެ. ކުޅުމުގެ ސްޓައިލްވެސް ގްރޫޕް ސްޓޭޖާއި ސެމީ މެޗާވެސް ތަފާތު ވާނެ. އެކަން ފެންނާނެ ކަންނޭނގެ ސެމީގެ މެޗުންވެސް،" ސެގަޓް ބުންޏެވެ.

ސެގަޓް ބުނީ ފައިނަލާ ހަމައަށް ދިއުމުގައި ޓީމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ކުޅުންތެރިންނާއި މުޅި ޓީމުގެ ހުރިހާ ސްޓާފުން ކަމަށެވެ.

" ފައިނަލާ ހަމައަށް ޓީމު ދިޔައީ ކީއްވެ؟ އެއީ ހަމަ ކުޅުންތެރިންގެ ބުރަ މަސައްކަތް. ކުޅުންތެރިންގެ ހިތްވަރު. މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޓީމުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފި. ޓީމުގެ ހުރިހާ ސްޓާފުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފި. އަހަންނަކީ ހަމައެކަނި ކޯޗު. އެކަމުގެ މި ހުރިހާ މަސައްކަތެއްގައި ޝާމިލް ވާނީ އަހަރެންގެ ޓީމު. އަހަރެންގެ އެސިސްޓެންޓް ކޯޗުންނާއި ހުރިހާ ސްޓާފުން،" ސެގަޓް ބުންޏެވެ.

ސެގަޓް ބުނީ ޓީމު އަބަދުވެސް އޮތީ ވަރަށް ގުޅުން ބަދަހިކޮށް ކަމަށާއި، ގަތަރުގެ ކޭމްޕުން ލިބުނު އެންމެ ބޮޑު ފައިދާއަކީ އެއީ ކަމަށެވެ. އޭގެ އިތުރުންވެސް މާދަމާގެ މެޗަށްވެސް އެންމެ ބޮޑު އުންމީދަކީ ނޭޕާލް މެޗުގައި ކުޅުނު ކުޅުން ތަކުރާރުކުރުން ކަމަށާއި، އެ އުންމީދުގައި ނުކުމެ ތަށި ހޯދޭނެ ކަމަށްވެސް ސެގަޓް ބުންޏެވެ.

ސެގަޓް ބުނީ އިދިކޮޅަށް ނުކުންނަން ޖެހޭ ޓީމު ކިތަންމެ ވަރުގަދަ ނަމަވެސް، އެއްވެސް ކުޅުންތެރިއެއްގެ އަދި އޭނާގެވެސް އުންމީދަށް ބަދަލެއް ނާންނަކަމަށާއި، އުންމީދަކީ ރާއްޖެއަށް ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިނުން ކަމަށެވެ.

ރާއްޖެއާއި އިންޑިއާ ވާދަކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ ރާއްޖެ ގަޑިން އިރުއޮއްސި 6:00ގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަޅިއޭ

    ސަޅިއެއްޗެތިބުނީ.. ތިޔައީ ހަހަގީގަތުވެސް ސަޅިބަހެ.

  2. ޔަހުޔާ

    އެއްކަލަ ކާޅުހިފި ޔަހުޔާ ފެށީތަ؟؟ އުންމީދު ކުރަނީ ހަމަ ތިހެން ބުރޯ.

  3. Anonymous

    ރާއްޖެއަށް އިންޑިއާ ބަލިކޮށް ޗެންޕިއަންކަން ލިބިއްޖެނަމަ ރ. ޔާމީންގެ ވެރިކަންވެސް ނިމޭނެ. މީގެ 10 އަހަރުކުރީގެ ހަނދާން އާކޮށްލާއިރު ފެންނަނީ އެމަންޒަރު. ާސާފްގެ ރަން މެޑެލް

  4. ސައުކަތު

    11 ދަގަނޑޭ އެއީ. ވަރަށް ސަލާން.