ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ނުވަ އަހަރަށްފަހު އަނެއްކާވެސް ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދުމަށް ޓީމު އޮތީ ތައްޔާރަށް ކަމަށް ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ރާއްޖެއާއި އިންޑިއާ މާދަމާ ނުކުންނަ އިރު، މީގެ ކުރިން ރާއްޖެއިން މުބާރާތް ކާމިޔާބުކޮށްފައި ވަނީ 2008 ވަނަ އަހަރު އެކަންޏެވެ. އޭގެ ފަހުން 2009 ވަނަ އަހަރުގެ ފައިނަލަށްވެސް ރާއްޖެ ދަތުރުކޮށްފައިވާ އިރު، ބަންގްލަދޭޝްގެ ޑާކާގައި އެ އަހަރު ކުޅުނު ފައިނަލުން ރާއްޖެ ބަލިވީވެސް އިންޑިއާ އަތުންނެވެ.

އެންމެފަހުން 2008 ވަނަ އަހަރުގެ ތަށި ނެގި ޓީމުގެ އިތުރުން 2009 ވަނަ އަހަރުގެ ފައިނަލަށް ދިޔަ ޓީމުގައިވެސް ހިމެނުނު ޑިފެންޑަރު އަކޫ ބުނީ ގްރޫޕް ސްޓޭޖުގައި ޓީމުން ތަހައްމަލު ކުރީ އުނދަގޫ ހާލަތެއް ނަމަވެސް މާދަމާ ނުކުންނާނީ ނުވަ އަހަރުގެ އިންތިޒާރެއްގެ ނިމުން ގެންނަން ކަމަށެވެ.

" ގްރޫޕް ސްޓޭޖުން ސަލާމަތްވެވުނީ ވަރަށް އުނދަގުލުން. އެކަމަކު އެކަން ހަނދާން ނައްތާލަން ނުކުންނާނީ. މާދަމާގެ ފައިނަލަކީ މިދިޔަ ނުވަ އަހަރު ތެރޭގައި ރާއްޖޭގެ ފުޓުބޯޅައަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު. ރާއްޖެއިން ނުވަ އަހަރު އިންތިޒާރުކޮށްފި،" އަކޫ ބުންޏެވެ.

އަކޫ ބުނީ ހުރިހާ ކުޅުންތެރިންވެސް ކުޅޭނީ ގައުމަށްޓަކައި، ގައުމުގެ ޝަރަފު ދެމެހެއްޓުމުގެ ރޫހުގައި ކަމަށެވެ.

" މާދަމާގެ ފައިނަލްގައި ހުރިހާ ކުޅުންތެރިންވެސް ކުޅޭނީ ގައުމަށްޓަކައި. ގައުމީ ރޫހުގައި. ގައުމު ރަމްޒުކޮށްދޭނީ. ވަރަށް ރަނގަޅަށް ތައްޔާރުވެގެން މުޅި ޓީމުވެސް އޮތީ. އިންޝާ ﷲ ރާއްޖެއަށް ތަށި ލިބޭނެ،" އަކޫ ބުންޏެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ދެ މެޗުން ލިބުނީ އެއް ޕޮއިންޓެވެ. އެއީވެސް ލަންކާއާ ދެކޮޅަށް ކުޅުނު މެޗު 0-0ގެ ނަތީޖާއަކުން އެއްވަރުވެގެން ލިބުނު ޕޮއިންޓެކެވެ. އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން 2-0ގެ ނަތީޖާއަކުން ބަލިވި އިރު، ގްރޫޕް ސްޓޭޖުން ސަލާމަތްވީ ގުރުއަތުލައިގެންނެވެ.

ސާފް ސުޒުކީ ކަޕް 2018 ސެމީ ފައިނަލް: ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެހެން ނަމަވެސް ސެމީ ފައިނަލްގައި ރާއްޖެއިން ވަރުގަދަ ނޭޕާލް ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނުނީ ރާއްޖޭގެ ޓީމުން ތަފާތު ރޫހެއްގައި ކުޅުނު މަންޒަރެވެ. ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ފުރަތަމަ ގޯލް، ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީވެސް ކެޕްޓަން އަކޫއެވެ.

މިހާތަނަށް މުބާރާތުގައި އަކޫގެ ލީޑާޝަޕް ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވާ އިރު، އޭނާގެ ތަޖުރިބާއާއި ލީޑާޝިޕް މާދަމާގެ މެޗަށްވެސް މުހިއްމުވާނެއެވެ. ރާއްޖެއާއި އިންޑިއާ ވާދަކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ ރާއްޖެ ގަޑިން އިރުއޮއްސި 6:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތާރީޚް އިޔާދަވަނީބާއެވެ؟ 9 އަހަރުކުރިން ސާފް ތަށި ގެނައުމާއެކު ޤައުމުގެ ވެރިކަންވެސް ބަދަލުވިއެވެ.

  2. ހިޔާލީ އިބޫ އަށް ތާޢީދު ކުރުމަކީ މައްސަލައެއްނޫން. އިބޫގެ ގާތްގަނޑަކަށް ތިމާގެ ބައިވަރު މީހުން ޔާމީނަށް ތާއީދު ކޮށްފި.މިހާރުގެ ފިތުނަ އުފައްދަ މީހުނަށް ތި މާމުހިއްމު ކަމަކަށް ވެދާނެ.

  3. އިންޝާﷲ ރާޖެ މިފަހަރު ޗެމްޕިއަން ކަން ހޯދާނެ....