މަޅު ފިލާގަނޑަކުން ރާއްޖޭގައި ފެށިގެން އައި ރާޅާ އެޅުމުގެ ކުޅިވަރަކީ މިހާރު ރާއްޖޭގައި ވަރަށް މަގުބޫލު ކުޅިވަރަކަށް މި ވަނީ ވެފައެވެ. މުޅި ދުނިޔޭގައިވެސް ރާއްޖޭގެ ރާޅާ އެޅުންތެރިންގެ ނަން ދަނީ ލިޔެވެމުންނެވެ. ރާޅާ އެޅުމުންވެސް ރާއްޖެއަށް ރީތި ނަން ހޯދައި ދެވޭ ވަރުގެ ކުޅަދާނަ އެތްލީޓުން މި ދަނީ އުފެދެމުންނެވެ. އެންމެ އުފާވާ އެއް ކަމަކީ މިކަމުގެ ޝައުގުވެރިކަން އުފެދި މި ދާއިރާއަށް ވަންނަމުންދާ ޒުވާނުންގެ ގެ އަދަދު މިދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

މިހާރު ރާއްޖޭގައި އަރަމުން އަންނަ ރާޅާ އެޅުން ތެރިންގެ ތެރެއިން ކ.ގުރައިދޫ އަށް އުފަން އުމުރުން 15 އަހަރުގެ މުހައްމަދު އިނާން އަބްދުލް ހަންނާނު (ނާނު) އަކީ ފާހަގަ ކޮށްލެވޭ ރާޅާ އެޅުން ތެރިއެކެވެ. ނާނުގެ ދޮންބެމެން ރާޅަށް ދާތަން ފެނިގެން ރާޅަށް ދާހިތްވި ނާނު އަކީ މިހާރު ރާއްޖޭގައި އުފެދެމުން އަންނަ އުންމީދީ ރާޅާ އެޅުންތެރިއެކެވެ.

ފޮޓޯ: އިނާން ފޭސްބުކް

"އެންމެ ފުރަތަމަ ރާޅަށް ދިޔައީ 2015 ގައި ދޮންބެ އާއި އެއްކޮށް، ދޮންބެމެން ރާޅަށް ދާތަން ފެނުނީމަ އަބަދުވެސް ވަރަށް ދާހިތްވޭ، އެހެންވެ ދޮންބެ ކައިރި ބުނެގެން ދޮންބެ އާއި އެކީ ރާޅަށް ދާންފެށީ" ނާނު އެންމެ ފުރަތަމަ ރާޅަށް ދެވުނު ގޮތް "ވަގުތު" އަށް ކިޔައިދިނެވެ.

މިވަގުތު ރާއްޖޭގެ ރާޅާ އެޅުމުގެ ގައުމީ ޖޫނިއަރ ޓީމުގައި ވެސް ހިމެނޭ ނާނު އިތުރަށް ކިޔައިދިން ގޮތުގައި ނާނު އެންމެ ފުރަތަމަ ރާޅަށް އެރުނު ދުވަހު ހުރީ ވަރަށް ބިރުންނެވެ. ނަމަވެސް އެއަށްވުރެ މާ ބޮޑަށް ހިތް ހަމަ ޖެހުން ލިބުނެވެ. އެހެން ކަމުން ނާނު ބޭނުންވީ ގިނަ ގިނައިން ރާޅަށް ގޮސް ރަނގަޅަށް ރާޅާ އަޅަން ދަސްކުރާށެވެ.

ޒުވާން ރާޅާ އެޅުންތެރިޔާ ނާނު ވަނީ ރާޅާ އެޅުމުން ގިނަ ކާމިޔާބީތަކެއް ވެސް ހާސިލް ކޮށްފައެވެ. މިގޮތުން 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިންތިޒާމް ކުރަމުން އަންނަ ދިވެހި ސާފް ލީގުގެ 2022 ވަނަ އަހަރު ކ.ހިންމަފުށީގަ ކުރިއަށް ދިޔަ "ގާމާދޫކޮޅު" ރާޅު މުބާރާތުގެ ޖޫނިއަރ ޑިވިޝަންގެ ދެވަނަ ހޯދާފައިވެއެވެ.

 

މީގެ އިތުރުން މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ގައި ބައިވެރިވި ގައުމީ ޖޫނިއަރ ޓީމުގައިގެސް ނާނު ވަނީ ހިމެނިފައެވެ. އަދި މިއަހަރުގެ ސާފް ލީގުގެ ފުރަތަމަ މުބާރާތް ގދ.ގައްދޫގައި ކުރިއަށްދިޔަ "ކަޅެގަލެކޮޑާ" މުބާރާތުގެ ޖޫނިއަރ ޑިވިޝަންގެ ދެ ވަނަވެސް ނާނު ވަނީ ކާމިޔާބުކޮށްފައެވެ.

ކ.ގުރައިދޫ ސުކޫލުގައި ކިޔަވަމުން އަންނަ އިނާން ފާހަގަކުރި ގޮތުގައި ސްކޫލަށް ދަމުން ރާޅަށްގޮސް، މުބާރާތް ތަކަށް ގޮސް ހެދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މިހާރު ނާނު ރާޅަށް ދަނީ ސްކޫލުގެ ހުސްވަގުތު ތަކުގައެވެ. އަދި ނާނު ފާހަގަ ކުރި ގޮތުގައި ކ.ގުރައިދޫ ސްކޫލުން ނާނު މި ކެރިއަރ ގައި ކުރިއަށް ދިއުމަށް އެހީތެރިކަން ދެއެވެ. މިގޮތުން ރާޅު މުބާރާތް ތަކާއި އެކި އެކި ޓްރެއިނިން ތަކަށް ދިއުމަށްވެސް ސުކޫލުން އެއްބާރުލުން ލިބެއެވެ.

ނާނު ގަބޫލު ކުރާގޮތުގައި ނާނުއަށް މި ދާއިރާއިން ކުރިއަށް ދިއުމަށް އެންމެ ބޮޑު ސަޕޯޓެއް ލިބެނީ ނާނުގެ މަންމަ އާއި ނާނުގެ ދޮންބެގެ ފަރާތުންނެވެ. އަދި މީގެ އިތުރުންވެސް ރައްޓެހިންގެ ފަރާތުންނާއި މޯލްޑިވެސް ސާފިން އެސޯސިއޭޝަނުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ނާނު ފާހަގަ ކުރިއެވެ.

"އަސްލު އެންމެ ބޮޑު ސަޕޯޓެއް ލިބެނީ މަންމަ ފަރާތުން، ވަރަށް އުފާވޭ އަބަދުވެސް މިކަމުގައި ކުރިއަށް ދާން މަންމަ ދޭ ސަޕޯޓުން، ދެން ދޮންބެ، ދޮންބެވެސް ވަރަށް ސަޕޯޓު ދޭނެ، ދެން އެންމެ ފާހަގަ ކޮށްލަން ބޭނުންވަނީ ހުޕާ، ހުޕާ ވަރަށް ހެލްޕް ވާނެ، ދެން ތުލުސްދޫ ސާފިން ޓީމު، އަދި އެ ޓީމުން އަންމަޑޭ، އަދި މީގެ އިތުރުން ހިންމަފުށި ސާފިން ޓީމުގެ ކައްޗުގެ ފަރާތުންވެސް ވަރަށް ހެލްޕް ލިބޭ، އަދި އެމްއެސްއޭ އިން ވެސް ވަރަށް ސަޕޯޓިވް" މި ދާއިރާގައި ނާނު އަށް ކުރިއަށް ދިއުމަށް އެހީތެރިވެދޭ ފަރާތްތަކުގެ ވާހަކަ ނާނު ކިޔައިދިނެވެ.

 

ފޮޓޯ: އިނާން ފޭސްބުކް

މިހާތަނަށް ނާނުގެ ރާޅާ އެޅުމުގައި ލިބުނު އެންމެ ބޮޑު އެއް އުފަލަކީ ސީސްޕޯޓްސް ގެ އެމްބެސެޑަރ ކަން ލިބުން ކަމުގައި ނާނު ފާހަގަކުރިއެވެ. އަދި މީގެ އިތުރުން 2022 ވަނަ އަހަރު ހިންމަފުށީގައި ކުރިއަށްދިޔަ "ގާމާދޫކޮޅު" މުބާރާތާއި މިއަހަރުގެ ސާފް ލީގުގެ ފުރަތަ މުބާރާތް "ކަޅެގަލެކޮޑާ" މުބާރާތުގެ ދެ ވަނަ އަށް ދިއުންވެސް ނާނު ފާހަގަ ކުރިއެވެ.

ރާއްޖޭން ބޭރުގެ ރާޅާ އެޅުންތެރިންގެ ތެރެއިން ފިލިޕޭ ޓޮލޭޑޯ އަށް ސަޕޯޓު ކުރާ ނާނު ރާއްޖެއިން އެންމެ ސަޕޯޓު ކުރާ ރާޅާ އެޅުންތެރިއަކީ ކ.ތުލުސްދޫ އަހުމަދު އާގިލް (އަންމަޑޭ) އެވެ. އަދި ރާޅާ އެޅުމުގައި ކުރިއަށް ދިއުމަށް އަންމަޑޭ ގެ ފަރާތުން ލިބޭ އެހީތެރިކަންވެސް ނާނު ފާހަގަކުރެއެވެ.

ރާއްޖޭގެ މުބާރާތް ތަކުން ވަނަތައް ހޯދުމުގެ އިތުރަށް، ރާއްޖެއިން ބޭރުގައިވެސް ރާޅާ އެޅުމުގައި ރާއްޖެ ތަމްސީލުކޮށް ރާއްޖެއަށް ގިނަ ކާމިޔާބުތަކެއް ހޯދައި ދިނުމަކީ ނާނުގެ ގެ އެންމެ ބޮޑު އެއް އެންމީދެވެ. އަދި މީގެ އިތުރުން ރާޅާ އެޅުމުގެ ބައިނަލްއަގުވާމީ މުބާރާތެއްގެ ރަން މެޑަލް ރާއްޖެއަށް ހޯދައި ދިނުމަކީ ނާނު ދެކެމުން އަންނަ އެންމެ ބޮޑު އެއް ހުވަފެނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮއްޔާ

    ކޮންމެ ކުޅިވަރެއްގާވެސް އެންމެ މުހިންމު ކަމަކީ ރަނގަޅު އަޙްލާގު / ރަނގަޅު ޑިސިޕްލިނެއްގާ ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ ދިވެހިރާއްޖެއަށް ނާނުގެ ފަރާތުން އެތަށް ރަންމެޑެއްޔެއް ހޯދާދެވޭނެ //
    ވަރަށް އުންމީދު //