ޖުމްހޫރީ 50 ނޭޝަނަލް ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ގައުމީ އެތުލެޓިކްސް ސްކޮޑުގެ ނަޝާ ނިޒާރު އަދި ފިރހެން އެތުލީޓަކަށް ގައުމީ އެތުލެޓިކްސް ސްކޮޑްގެ ޙުސައިން ފަޒީލް ހާރޫން ހޮވިއްޖެއެވެ.

އައްޑޫ ސިޓީގައި މިމަހުގެ 13ން މިއަދާ ހަމައަށް ކުރިޔަށް ދިޔަ ޖުމްހޫރީ 50 ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ޖުމްލަ 14 އިވެންޓެއް ކުރިއަށް ގެންގޮސްފައިވާ އިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ އަންހެން އަދި ފިރިހެން ޑިވިޝަންގެ އެތުލީޓުންނަށެވެ.

އަންހެން ޑިވިޝަންގެ އެއްވަނަ ހޯދި ނަޝާ ވަނީ މުބާރާތުގައި އޭނާ ވާދަކުރި އަންހެނުން 100 މީޓަރ އަދި އަންހެނުން 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. ފިރިހެން ޗެމްޕިއަންކަން ހޯދި ފަޒީލް ވަނީ އޭނާ ވާދަކުރި ފިރިހެނުންގެ 1500 މީޓަރު އަދި 3000 މީޓަރު ދުވުމުން ރަންމެޑަލް ހޯދައި 3000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް މުގުރާލާފައެވެ.

ކުޅުދުއްފުއްޓަށް އުފަން ނަޝާއަކީ އެތުލެޓިކްސް ދާއިރާގައި ފަހުރުވެރި ކާމިޔާބީތަކެއް ހޯދަމުން އަންނަ އުންމީދީ ދުވުންތެރިޔެކެވެ. މިދިޔަ އަހަރު މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް އާއި މަކިޓާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައިވެސް ނަޝާ ވަނީ ބެސްޓް އެތުލީޓްގެ މަގާމު ހޯދާފައެވެ.

ރާއްޖެއިން ބޭރުގައި ތަމްރާނުތައް ހަދަމުންދާ ފަޒީލް އަކީ ގައުމީ 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރު ދުވުމުގެވެސް ގައުމީ ރެކޯޑު އޮންނަ ދުވުންތެރިޔާއެވެ.

މި އަހަރު ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެން 100 މީޓަރު އަދި 200 މީޓަރުގެ ރަން މެޑަލް ހޯދީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ. އަދި 400 މީޓަރު ރަން މެޑަލް ހޯދީ ގައުމީ އެތުލެޓިކްސް ސްކޮޑުގެ މުހައްމަދު ނާއިލެވެ. 800 މީޓަރު ފިރިހެން ރަން މެޑަލް ހޯދީ ގައުމީ އެތުލެޓިކްސް ސްކޮޑުގެ ހުސައިން ރިޒާއެވެ.

ފިރިހެން ލޯންގް ޖަމްޕުގެ ޗެމްޕިއަންކަން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު ޝިނާޒް މުހައްމަދަށް ލިބިފައިވާ އިރު، އަންހެން 400 މީޓަރުގެ ރަން މެޑަލް ހޯދީ ގައުމީ އެތުލެޓިކްސް ސްކޮޑުގައި ހިމެނޭ އައިޝަތު ހިމްނާ ހަސަނަށެވެ. އަންހެން 800 މީޓަރު އަދި 1500 މީޓަރު ރަން މެޑަލްސްވެސް ހޯދީ ގައުމީ އެތުލެޓިކްސް ސްކޮޑުގައި ހިމެނޭ އައިމިނަތު ޖާއިޝާ ޖުނީޒެވެ.

އަންހެން 3000 މީޓަރު ރަން މެޑަލް އައިޝަތު ނާޒިޔާ ނިޒާރު އަންހެން ލޯންގް ޖަމްޕު ރަން މެޑަލް ހޯދީ ތާޖުއްދީން ސްކޫލްގެ އައިޝަތު ޝަބާ ސަލީމެވެ.