ހަތް އަހަރުވީ ގައުމީ ފިރިހެން 3000 މީޓަރުގެ ދުވުމުގެ ރެކޯޑު ގައުމީ އެތުލެޓިކްސް ސްކޮޑުގެ އިބްރާހީމް ފަޒީލް ހާރޫން މުގުރާލައިފިއެވެ.

މިމަހު 13 އިން މިއަދާ ހަމައަށް އައްޑޫގައި ކުރިއަށް ދިޔަ ނޭޝަނަލް ގްރޯން ޕްރީގައި ދުވެ ފަޒީލް އެ ރެކޯޑު މުގުރާލީ 9މިނިޓް 29.21ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެ ކުރިން އެ ރެކޯޑު އޮތީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެއް ކަމަށްވާ އަޒްހަމް ވަހީދު އަތުގައެވެ. 2011 ވަނަ އަހަރު އަޒްހަމް ރެކޯޑު ހެދީ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، 9މިނިޓް 41.2ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފަޒީލް ތަމްރީން ހަދަމުން އަންނަނީ އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގެ ދަށުން މޮރޮކޯގައެވެ. މޮރޮކޯގެ ތަމްރީނުތަކަށް ފަހު ފަޒީލް އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން އޭނާއަކީ ގައުމީ 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރު ދުވުމުގެވެސް ގައުމީ ރެކޯޑު އޮންނަ ދުވުންތެރިޔާއެވެ.

މިއަދު ނިމިގެން ދިޔަ ޖުމްހޫރީ 50 ނޭޝަނަލް ގްރޯން ޕްރީގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމުވެސް ހޯދި ފަޒީލް ވަނީ އޭނާ ވާދަކުރި ފިރިހެން 1500 މީޓަރު އަދި 3000 މީޓަރުގެ ދުވުމުން ރަންމެޑަލްވެސް ހޯދައިފައެވެ.

ފަޒީލް އަތުގައި ގައުމީ މިޑިލް ޑިސްޓެންސް ރެކޯޑުތަކެއް އޮތް ނަމަވެސް، ދާދި ފަހުން ރާއްޖެއިން އޭޝިއަން ގޭމްސްގައި ވާދަކުރި ދުވުންތެރިންގެ ސްކޮޑުން އޭނާއަށް ޖާގަ ލިބިފައެއް ނުވެއެވެ. އިންޑިނޭޝިއާގައި މިމަހު ކުރީކޮޅު ކުރިއަށް ދިޔަ އޭޝިއަން ގޭމްސްއަށް ރާއްޖެއިން ދިޔަ ދުވުންތެރިންނަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދުގެ އިތުރުން މެރެތަން ދުވުންތެރިއާ މުހައްމަދު ޝިފާޒާއި ޒުވާން އަންހެން ދެ ދުވުންތެރިން ކަމަށްވާ އައިމިނަތު ޖާއިޝާ ޖުނީޒާއި އައިޝަތު ހިމްނާ ހަސަނެވެ.