ބައިނަލްއަގުވާމީ އެކުވެރި ކަމުގެ މެޗުގައި 0-2 ގެ ނަތީޖާއަކުން ފުރާންސްގެ މައްޗަށް ޖަރުމަނު ވިލާތުން ކުރި ހޯދައިފިއެވެ.

ފްރާންސްގެ ގްރޫޕަމާ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފަށައިގެން މިނެޓެއް ވެސް ނުވަނީސް ޖަރުމަނުން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ޖަރުމަނުގެ ގައުމީ ޓީމަށް އެނބުރި އައި ޓޯނީ ކްރޫސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ޖަރުމަނަށް ކާމިޔާބުކޮށްދިނީ ފުލޮރިއަން ވިޓްޒްއެވެ. މިއީ ޓޯނީ ކްރޫޒް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު އަލުން އެނބުރި ގައުމީ ޓީމަށް އައިސް ކުޅުނު ފުރަތަމަ މެޗެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ގޯލު ޖެހުމަށް ފަހުވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބުނު ނަމަވެސް އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މިގޮތުން ފުރާންސްގެ ކީލިއަން އެމްބާއްޕޭ އާއި ޖަރުމަނުގެ ކައި ހަވާޓްޒް އަށް ލިބު ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާ އަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ޖަރުމަނުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މިގޮތުން މެޗުގެ 49 ވަނަ މިނެޓުގައި ޖަރުމަނުގެ ޖަމާލް މުސިއާލާ ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލު ޖަރުމަނަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިތުބާރު ފޯވާޑް ކައިހަވާޑްސް އެވެ. މެޗުގެ ކުޅުން ނިމިގެން ދިޔައީ 0-2 ގެ ނަތީޖާ އަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

އެންމެ ފަހުން މި ދެޓީމު މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ބައްދަލު ކުރި އެކުވެރި ކަމުގެ މެޗުވެސް ކާމިޔާބުކޮށްފައިވަނީ ޖަރުމަނު ޓީމުންނެވެ. ޖަރުމަނު ވިލާތުގައި ކުޅެވުނު މި މެޗު ޖަރުމަނުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާ އަކުންނެވެ.

ކުރިއަށް އޮތް ޔޫރޯ ފުޓުބޯޅަ މުބާތާރުގެ ކުރިން ޖަރުމަނުން ބައިނަލްއަގުވާމީ އެކުވެރި ކަމުގެ މެޗުތަކެއް ކުޅޭނެއެވެ. މިގޮތުން މި މަހުގެ 27 ވަނަ ދުވަހު ނިކުންނާނީ ނެދަލެންޑްސް އާ ދެކޮޅަށެވެ. އަދި ޖޫން ތިން ވަނަ ދުވަހު ޖަރުމަނުން ނިކުންނާނީ ޔޫކްރެއިން އާއި ދެކޮޅަށެވެ. އަދި ޔޫރޯގެ ކުރިން ކުޅޭ ފަހު މެޗަކަށް ޖޫން ހަތް ވަނަ ދުވަހު ޖަރުމަނު ޓީމުން ނިކުންނާނީ ގްރީސް އާއި ދެކޮޅަށެވެ.

ކުރިއަށް ޔޫރޯ މުބާރާތުގެ ކުރިއަށް ފުރާންސް އިންވެސް އިތުރު މެޗެއް ކުޅޭނެއެވެ. މި މަހުގެ 27 ގައި ފުރާންސްގެ މާސެލީގައި ކުޅޭ މި މެޗުގައި އެ ޓީމު ނިކުންނާނީ ޗިލީއާ ދެކޮޅަށެވެ.

 

ކިޔުންތެރިންގެ ހިޔާލު