ފްރެންޗް ލީގުގައި ރޭ ސެއިންޓް އެޓިއެންއާ ދެކޮޅަށް ކުޅުނު މެޗު 4-0 އިން ކާމިޔާބުކޮށް، އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗަށް ޕީއެސްޖީން ތައްޔާރުވެއްޖެއެވެ.

މި މޮޅާއެކު ޕީއެސްޖީ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ލިބުނު 15 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ރޭގެ މެޗުން ބަލިވި ސެއިންޓް އެޓިއެން އޮތީ ހަ ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގައެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ނޭމާ އާއި ކިލިއަން އެމްބާޕޭ ކުޅެފައި ނުވާއިރު މި މެޗުގެ ފުރަތަމަ ގޯލު ޕީއެސްޖީ އަށް މެޗުގެ 22 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑްރެކްސްލާއެވެ. ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ޕީއެސްޖީން ތަނަވަސްކުރިއިރު ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ.

ޕީއެސްޖީގެ ތިންވަނަ ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ޑިމަރިޔާ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މޫސާ ޑިއާބީއެވެ.

ލީގުގައި ކުޅުނު ފަސް މެޗުން ވެސް ޕީއެސްޖީ މޮޅުވެފައިވާއިރު، އެ ފަސް މެޗުގައި އެޓީމުން ވަނީ ޖުމްލަ 17 ގޯލު ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ލިވަޕޫލްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. މި މެޗު އޮންނާނީ ލިވަޕޫލްގެ ދަނޑުގައެވެ.