ސާފް ސުޒުކީ ކަޕްގެ ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ޑިފެންސިވް ގޭމްއެއް ނުކުޅެ، އެޓޭކިން ގޭމްއެއް ކުޅުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.

ބަންގުލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި ރާއްޖޭގަޑިން މިއަދު އިރުއޮއްސި 6:00ގައި ކުޅޭ މެޗުގެ ކުރިން ރާއްޖޭގެ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޤަނީ (އަކޫ)އަށް ފޯނުން ގުޅުއްވައި، ރައީސް ދެއްކެވި ވާހަކަފުޅު ޕީއެސްއެމްއިން ވަނީ ގެނެސްދީފައެވެ.

އަކޫއާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއަދު އިންޑިއާއާ ދެކޮޅަށް ހިތްވަރާއެކު ކުޅެ ކާމިޔާބީ ހޯދުމަށް އެދޭ ކަމަށާއި އިންޑިއާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ހެދުނު ގޯސްތައް ތަކުރާރުނުކޮށް ތަށި ހޯދުމަށް އެދޭ ކަމަށެވެ. އަދި މުޅި ރާއްޖެ އޮތީ މެޗަށް ތައްޔާރުވެފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްއަށް އަކޫ ދެންނެވީ ރާއްޖޭގެ މުޅި ޓީމު އޮތީ ތަށި ހިފައިގެން އެނބުރި ގައުމަށް ދާން އެއް އަޒުމެއްގައި ކަމަށާއި ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވެފައިވާ ކަމަށެވެ.

މިއަދުގެ ފައިނަލް މެޗަށް ރާއްޖެ ނުކުންނަ އިރު، މީގެ ކުރިން އިންޑިއާއާ ދެކޮޅަށް ތިން ފައިނަލެއްގައި ރާއްޖެ ވާދަކުރިއެވެ. އޭގެ ތެރެއިން ރާއްޖެ މޮޅުވެފައިވަނީ ސާފް ޗެމްޕިއަންޝިޕް 2008ގެ ފައިނަލުންނެވެ. ރާއްޖެއިން 1-0ގެ ނަތީޖާއަކުން މޮޅުވި އެ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ރާއްޖޭގެ ލަނޑު ކާމިޔާބުކޮށްދިނީ މުހުތާރު ނަސީރު (ޓޫކިލޯ)އެވެ.

މިއަހަރުގެ ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ އިންޑިއާއާ ދެކޮޅަށް ނުކުމެފައެވެ. އެ މެޗުން އިންޑިއާ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. އިންޑިއާއިން ވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަދ

    ސާބަހޭ 1 ނަމްބަރޫ. ތީރޫހަކީ

  2. އަލްޖިބްރާ

    ފުޓްބޯޅަ ކުޅެންވީގޮތްވެސް މިހާރު ކިޔާދޭން އެގެނީ މީނައަށްތަ ؟ ދެން ކީއްކުރާ ކޯޗެއް ؟