ޔުއެފާ އަންހެނުންގެ ޗެމްޕިއަންސް ލީގުގައި އެސްކޭ ބްރަންގެ އަންހެން ޓީމު ބަލިކޮށް ބާސެލޯނާގެ އަންހެން ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑިގައި ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ ލެގު މެޗުގައި ބާސެލޯނާއިން އެސްކޭ ބްރަން ބަލިކޮށްފައިވަނީ 3-1 އިންނެވެ. ފުރަތަމަ ލެގުގެ މެޗުގައި ބާސެލޯނާ މޮޅުވެފައި ވަނީ 2-1 އިންނެވެ. އެހެންކަމުން އެގްރިގޭޓުން ބާސެލޯނާއަށް ކުރި ލިބެނީ 5-2 ގެ ނަތީޖާ އަކުންނެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބޮންމަޓީ ކޮންކާއެވެ. މިހާފުގައި ބާސެލޯނާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އިތުރު ލަނޑެއް ކާމިޔާބެެއް ނުކުރެވުނެވެ. މިހާފު ނިމުނީ 1-0 އިން ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ދެ ޓީމުންވެސް ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. މި ހާފުވެސް ޑޮމިނޭޓުކޮށް ގިނަ ވަގުތު ކުޅެފައިވަނީ ބާސެލޯނާ އިންނެވެ. އެ ގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ބާސާގެ ރޮލްފޯ ވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ފުޅާ ކޮށްދީފައެވެ.

އެސްކޭ ބްރަން އިން ވަނީ މެޗުގެ 70 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްވެންދެއިމެވެ. އެސްކޭ ބްރަން އިން މެޗުގެ ފަރަގު ކުޑަކުރިތާ 14 މިނެޓު ފަހުން ބާސެލޯނާގެ ގުއިޖާރޯ ގުއިޓަރޭޒް ވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުހެ ލީޑު ފުޅާ ކޮށްފައެވެ. މެޗު ނިމިގެން ދިޔައީ 3-1 އިން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

ބާސެލޯނާގެ އިތުރުން މި މުބާރާތުގެ ކުއާޓާ ފައިނަލުން ދެން ޖާގަ ހޯދާފައިވަނީ ޕީއެސްޖީގެ އަންހެން ޓީމާއި އޮލިމްޕިކް ލިއޯންސްގެ އަންހެން ޓީމުގެ އިތުރުން ޗެލްސީގެ އަންހެން ޓީމެވެ.

ބާސެލޯނާގެ އަންހެން ޓީމު ސެމީ ފައިނަލުގައި ވާދަ ކުރަން ޖެހޭނީ ޗެލްސީގެ އަންހެން ޓީމާއެވެ. ޕީއެސްޖީގެ އަންހެން ޓީމު ވާދަކުރާނީ އޮލިމްޕިކް ލިއޯންސްގެ އަންހެން ޓީމާއެވެ.

ޔުއެފާ ވުމެންސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.