ޔުއެފާ ވުމެންސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބީކޭ ހައެކެން އަތުން މޮޅުވެ ޕީއެސްޖީ އިން ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ.

ޕެރިހުގައި ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގެ މަޗުގައި ޕީއެސްޖީ އިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުގައި ޕީއެސްޖީ އިން ޖެހި ތިން ގޯލާއެކު ކުއާޓާ ފައިނަލްގެ ދެ ލެގުގެ އެގްރިގޭޓް 1-5 ގެ ނަތީޖާ އިން ކުރި ލިބެނީ ޕީއެސްޖީ އަށެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި މަރީއެންޓޮއިނެޓް ކަޓޯޓާ ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓަބިތާ ޗަވިންގާއެވެ.

މުޅިމެޗުގައިވެސް މޮޅު ކުޅުމެއް ކުޅުނު ޕީއެސްޖީއިން ދެވަނަ ހާފުގައި ވަނީ ބީކޭ ހައެކަންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ޕީއެސްޖީ އިން އިތުރު ގޯލެއްވަނީ ކާމިޔާބުކޮށްފައެވެ. ޖޭޑް ލެ ގިލީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯބިން ރޯސް އަލްބާޓްއެވެ.

ދެވަނަ ގޯލެއް ޕީއެސްޖީ އިން ޖަހާ މާގިނައިރުތަކެއް ނުވަނީސް އަނެއްކާވެސް އިތުރުގޯލެއް ޖަހާ ނަތީޖާ 0-3 އަށް ބަދަލުކޮށްލިއެވެ. މެޗުގެ 74 ވަނަ މިނެޓުގައި ސަކިނާ ކަރަޗާއޯއީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަރިއެންޓޮއިންޓެ ކަޓޯޓާއެވެ. މި އާއެކު މެޗު ނިމިގެން ދިޔައީ 0-3 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

އަންހެން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މި ދެ ޓީމު ޑެންމާކުގައި ކުޅުނު މެޗުގައި 1-2 ގެ ނަތީޖާ އަކުންވެސް ކުރި ހޯދާފައި ވަނީ ޕީއެސްޖީ އެވެ.

ވުމެންސް ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި އެކު ދެން ސެމީ ފައިންލުން ޖާގަ ހޯދާފައިވަނީ ބާސެލޯނާ، ޗެލްސީ އަދި ލިޔޯންއެވެ.

ސެމީފައިނަލްގައި ޕީއެސްޖީ ވާދަކުރަން ޖެހޭނީ ލިޔޯން އާއި ދެކޮޅަށެވެ. މި މެޗު ކުޅެވޭނީ އޭޕްރިލް 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު