ލ.ކުނަހަންދޫގައި މިހާރު ކުރިއަށްދާ ލޮޓަސް ކްރިކެޓް ކާނިވަލްގައި މިއަދު ބަނގްލާ ބެސްޓް ސިކްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރިމެޗު ބަނގްލާ ބެސްޓް ސިކްސް ޓީމުން ކާމިޔާބުކޮށްފިއެވެ.

ކުނަހަންދޫ ކްރިކެޓް ދަނޑުގައި މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވެގެން މާޒިޔާ ޓީމުން ގަސްތުކުރީ ހޮވަން އަރާށެވެ. އެހެންކަމުން ބަނގްލާ ބެސްޓް ސިކްސް ޓީމުން ކުޅެންއަރާ 9 އޯވަރުގެ ތެރޭގައި 3 ބޯޅައިން ހުރިހާ ކުޅުންތެރިން ނުބައިވެގެން 79 ލަނޑު ހެދިއެވެ.

 

ބަނގްލާ ބެސްޓް ސިކްސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އެ ޓީމަށް 31 ލަނޑު ހެދި ހިރަމަން ކުމާރުއެވެ. އަދި މާޒިޔާ ޓީމުން އެންމެ ރަނގަޅަށް އުކީ 21 ލަނޑަށް 3 ވިކެޓް ނެގި ސްރީލަންކާގެ ކުޅުންތެރިއެއް ކަމަށްވާ ސިމްލަން މުހައްމަދު އެވެ.

ޖަވާބުގައި މާޒިޔާ ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 5 ބޯޅައިން ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 69 ލަނޑެވެ. މާޒިޔާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އެ ޓީމަށް 16 ލަނޑުހެދި ސަޖަން އެވެ. ބަނގްލާ ބެސްޓް ޓީމުން އެންމެ ރަނގަޅަށް އުކީ 23 ލަނޑަށް 2 ވިކެޓް ނެގި ހިރަމަން ކުމާރު އެވެ.

 

ލޮޓަސް އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވެސް ގެ އެހީތެރިކަމާއި އެކު ލ.ކުނަހަންދޫގައި ކުރިއަށްދާ ލޮޓަސް ކްރިކެޓް ކާނިވަލްގެ މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބަނގްލާ ބެސްޓް ސިކްސް ޓީމުގެ ހިރަމަން ކުމާރު އެވެ. މޮޅު ކުޅުންތެރިޔާއަށް އިނާމް ހުށައަޅާފައިވަނީ ނާދިޔާ އަބްދުލް ގަފޫރުއެވެ.

މާދަމާވެސް މި މުބާރާތުގެ މެޗެއް ކުޅެވޭނެއެވެ. މާދަމާގެ މެޗުގައި ބައްދަލު ކުރާނީ ރޯޔަލްހަޓް ޓީމާއި ބަނގްލާ ބެސްޓް ސިކްސް ޓީމެވެ. މާދަމާގެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 ގައި ކުނަހަންދޫ ކްރިކެޓް ދަނޑުގައެވެ.