އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި މެންޗެސްޓަރ ސިޓީ ބައްދަލު ކުރި މެޗު އެއްވަރުވެ، ލިވަޕޫލުން އަނެއްކާވެސް ލީގު ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

މިރޭ ކުޅުނު މެޗުގައި އާސެނަލް އަދި ސިޓީ އަށް ވެސް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. މީގެ އިތުރުން ލިވަޕޫލް އަދި ބްރައިޓަން ބައްދަލު ކުރި މެޗު ލިވަޕޫލުން ވަނީ ކާމިޔާބުކޮށްފައެވެ. އެހެން ކަމުން ކުރިން ލިވަޕޫލާއި އާސެނަލް ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް މިރޭ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކީ ލިވަޕޫލަށް ދެ ޕޮއިންޓުގެ ފަރަގަކާއި އެކީ ކުރި ލިބެއެވެ.

ފޮޓޯ: ރިއުޓާސް

މިރޭގެ މެޗުގެ ދެހާފުގައިވެސް މެޗު ޑޮމިނޭޓުކޮށް މޮޅަށް ކުޅެފައިވަނީ މެންޗެސްޓަރ ސިޓީންނެވެ. އެ ޓީމަށް ގޯލު ޖަހާނެ ރަނގަޅު ހުސް ތިން ފުރުސަތެއް ލިބުނު ނަމަވެސް ގޯލާއި އަމާޒުކޮށް ވައްދާލެވޭ ގޮތް ވަނީ ނުވެފައެވެ. ހަމަ އެފަދައިން އާސެނަލަށް ވެސް ރަނގަޅު ދެ ފުރުސަތެއް ވަނީ ލިބި ބޭކާރުވެފައެވެ.

ލިވަޕޫލް އަދި ބްރައިޓަން ބައްދަލު ކުރި މެޗުން ލިވަޕޫލް ކުރި ހޯދީ ބްރައިޓަން ލަނޑެއް ޖަހާފަައި އޮއްވާ ފަހަތުން އަރައެވެ. މެޗުގެ ފުރަތަމަ ލަނޑު ބްރައިޓަން އަށް ވެލްބެކް ކާމިޔާބުކޮށްދިން ނަމަވެސް ލިވަޕޫލްގެ ޑިއާޒް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ލިވަޕޫލް މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިސްރުގެ ފޯވާޑު މުހައްމަދު ސަލާހެވެ.

މިހާރު ލިވަޕޫލު އޮތީ ކުޅުނު 29 މެޗުން 67 ޕޮއިންޓާއި އެކީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އާސެނަލަށް ލިބެނީ ކުޅުނު 29 މެޗުން 65 ޕޮއިންޓެވެ. ތިންވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް 29 މެޗުން 64 ޕޮއިންޓު ލިބޭއިރު މި ތިން ޓީމުގެ މެދުގައި ’ލީގު ޓައިޓަލް‘ ގެ ވާދަވެރިކަން އަދިވެސް އެބައޮތެވެ.