އެފްއޭއެމް ވެޓެރެންސް ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ އަދި ސްޓެލްކޯ ބައްދަލު ކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ މިއަހަރުގެ މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗަށް ދަ ގްރާންޑޭ އަދި ސްޓެލްކޯ ނިކުތް އިރުވެސް ސެމީ ފައިނަލަށް ދާނެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ.

ފަހު މެޗު އެއްވަރުކޮށް ގުރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ދަ ގްރާންޑޭ ސެމީއަށް‎- - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑަކީ ދަ ގްރާންޑޭގެ މުހައްމަދު ޝަނޫން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ނަމަވެސް މެޗުގެ 15 މިނެޓުގައި ހޫދު ނަޒީރު ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ތިން މިނެޓު ފަހުން ސްޓެލްކޯގެ އިބްރާހިމް އާރިސް ވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ނަގާފައެވެ. ދަ ގްރާންޑޭއަށް މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ހޫދު ނަޒީރު ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށް ދަ ގްރާންޑޭއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުޅުނު މި މުބާރާތުގެ ސެމީ ފައިނަލަށް ދާ ގޮތަށް ހަމަޖެހިފައި އޮތީ ދެ ގުރޫޕުގެ ވެސް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމެވެ. އެގޮތުން ގުރޫޕު އޭ ގެ އެއްވަނަ ލިބުނީ ދިވެހި ސިފައިންގެ ކުލަބަށެވެ. އެ ގުރޫޕުގެ ދެވަނަ ލިބިފައިވަނީ ހުޅުމާލެ ވެޓެރެންސް ޓީމަށެވެ. ގުރޫޕު ބީ ގެ އެއްވަނަ ދަ ގްރާންޑޭ އަށް ލިބުނު އިރު ދެވަނަ ލިބިފައިވަނީ މުއިވެޔޮ ފްރެންޑްސަށެވެ.

ފަހު މެޗު އެއްވަރުކޮށް ގުރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ދަ ގްރާންޑޭ ސެމީއަށް‎- - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

 

މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހަވީރު 16:30 ގައި ހެންވޭރު ދަނޑުގައެވެ. މި މެޗުގައި ބައްދަލު ކުރާނީ ދިވެހި ސިފައިންގެ ކުލަބާއި މުއިވެޔޮ ފްރެންޑްސެވެ. ބުރާސްފަތި ދުވަހު ކުޅެވޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ދަ ގްރާންޑޭ އަދި ހުޅުމާލެ ވެޓެރެންސް ޓީމެވެ. މި މެޗުވެސް ކުޅޭނީ ހެންވޭރު ދަނޑުގައި ބުރާސްފަތި ދުވަހު ހަވީރު 16:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު